ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު ހަސަން ސައީދު ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ސަސްޕެންޑުކޮށްފި އެވެ.
މި ދެ ފަނޑިޔާރުން ސަސްޕެންޑްކުރިކަން ހާމަކުރީ މިއަދު ބޭއްވި ޖޭއެސްސީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ދެ ފަނޑިޔާރުން ސަސްޕެންޑް ކުރަން ނިންމީ ދެ ފަނޑިޔާރުންނާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
(ޖޭއެސްސީ)ގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ މިއަދު ބޭއްވި ޖުޑިޝަރސް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުން ކަމަށެވެ. އަދި ސަސްޕެންޑްކުރަން ނިންމީ ފުލުހުންގެ އިދާރާއިން ބަލަމުންދާ ޖިނާޢީ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އަބުދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ނިންމިއިރު ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ހުށަހެޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު އަބުދުﷲ ދީދީ ނެންގެވި ކަމަށްބުނެއެވެ. ނަމަވެސް އެ ތުހުމަތު އަބްދުﷲ ދީދީ ވަނީ އެ ތުހުމަތު ދޮގު ކުރައްވާފައެވެ.
މީގެ އިތުރަށް ފެމިލީ ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު ހަސަން ސައީދު ސަސްޕެންޑްކުރަންވެސް ނިންމާފައިވާ ކަމަށެވެ. ޒަހީން ވިދާޅުވީ ހަސަން ސައީދުގެ މައްސަލަ އެކޮމިޝަނަށް ހުށަހެޅިފައިވާތީ ތަހުގީގުކުރެވެމުންދާ ކަމަށާއި، އަދި މިހާރު މައްސަލަ ގޮސްފައޮތް ހިސާބުން އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ސަސްޕެންޑްކުރަން ޖެހޭ ކަމަށް ތަހުގީގުކުރާ ކޮމިޓީއަށް ފާހަގަވުމުން ސަސްޕެންޑްކުރަން ނިންމީ ކޮމިޝަންގެ އިއްތިފާގުން ކަމަށެވެ.
މިއަދު ބޭއްވި ޖުޑިޝަރސް ސަރވިސް ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ފާސްކޮށްފައިވާ ކަަމަށެވެ. އަދި އެ ނިންމުން ނިންމީ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ޒަހީން ވިދާޅުވި އެވެ. ޒަހީން ވިދާޅުވީ އެ ފަޑިޔާރު ވަކިކުރަން ނިންމީ ފަނޑިޔާރާއި ގުޅިގެން ހުށަހެޅުނު ސުލޫކީ މައްސަލައެއް ބެލުމަށްފަހުގައި ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފައި ވަނީ މިއަދުން ފެށިގެން އެކޮމިޝަނުން ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގައި ނިންމާ ނިންމުންތަށް މީޑިއާ އާއި ހިއްސާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދު ޖޭއެސްސީގެ ކޮމިޝަންގަިއ ބޭއްވި ބައްދަލުވުމުގައި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުން ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ