ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް އެެވެ.
ފާރިސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަން ޖެހޭ ގަވައިދުތައް ހަދަންޖެހޭ މުއްދަތުގެ ތެރޭގައި ހަދާފައި ނުވާ ކަމަށް ބުނެ އެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ބުނެފައިވަނީ ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ހުރިހާ ގަވައިދުތަކެއް ސުޕްރީމު ކޯޓުން ހަދަން ޖެހޭނެ ކަމަށެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖިނާއީ އިޖުރައާތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު އެ ގާނޫނުގައި ޝަރީއަތް ކުރުމާ ގުޅޭ ގަވައިދުތައް ތިންމަސް ތެރޭގައި ހެދުމަށް ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް ގާނޫނުގައި ދީފައިވާ މުއްދަތުގައި ގަވައިދުތައް ނުނިމި، ކޯޓުތަކުން މިހާރުވެސް އަމަލުކުރަނީ ކުރީގެ އުސޫލުތަކަށެވެ.
ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދާފައި ނުވާތީ ގާނޫނީ ވަކީލުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ފާރިސްގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދެ ދައުވާ އުފުލާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާއާއި ޝަހުސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތްތައް މިހާރު ވަނީ ފެށިފަ އެވެ.
ފާރިސްއަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ. އެފަދަ ހުކުމެއް އިއްވައިފިނަމަ ފާރިސްގެ މަޖިލިސް މެންބަރުކަން ގެއްލި ދިއްގަރު ދާއިރާގެ ގޮނޑި ހުސްވާނެ އެެވެ.
ޕީޕީއެމްގެ ދިދައާއި ލޯގޯ ހުއްދަނެތި ބޭނުން ކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާ ފާރިސްގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ