ގާނޫނު އަސާސީ އިސްލާހު ކުރަން ސުޕްރީމް ކޯޓުން ލަފާ ދީފި

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނޫ އަސާސީ އިސްލާހުކުރުމައް ސުޕްރީމް ކޯޓުން ވެސް ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު އެއް އަހަރަށް ފަސް ކޮށްފައިވާތީ، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބިލް ހުށަހެޅީ ސަރުކާރުންނެވެ. އެކަމަކު ގާނޫނުއަސާސީ އަށް އެ ބަދަލު ގެނައުމާ މެދު ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.
އެހެންކަމުން ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކުރިއެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އެ ހުށަހެޅުއްވުން ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ދިން ލަފާގައި ބުނެފައިވަނީ، އަންނަ ޖޫން ތިން ވަނަ ދުވަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވެ، ދުސްތޫރީ ނިޒާމުގެ ތެރެއިން އެ ފަރާތްތަކަށް މަގާމުގައި ނުތިބެވޭނެތީ އިންތިހާބު ބާއްވައި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ގާނޫނުއަސާސީ ލާޒިމުކުރާ ކަމެއް ކަށެވެ. އަދި އެ އިންތިޒާމު ހަމަޖައްސަން ވާނީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ފުށުނާރާ ގޮތެއްގެ މަތިން ކަމަށް ވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން މިހާރުގެ ކައުންސިލްތައް އިންތިހާބުކުރީ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާތީ، ކައުންސިލަރުން މަގާމުގައި ދެމިތިބެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެން ނުވާ ކަމަށް ވެސް ލަފާގައިވެއެވެ.
ލަފާގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއް އިއުލާން ކޮށްފައި އޮތުމުން، މިވަގުތު ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް ޖަވާބު ދީފައިވެއެވެ. ސުޕްރީމް ކޯޓުން ބުނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުން މަނާވާ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށާއި މިހާރު ރާއްޖޭގައި އޮތީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރު އިއުލާން ކުރެއްވި ހާލަތެއް ކަމަށެވެ.
އެހެންކަމުން އެ ގާނޫނަކީ ގާނޫނުއަސާސީއަށް ވުރެ ފަހުން އައި ގާނޫނެއް ކަމަށް ވާއިރު، ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ