ޕީޕީއެމަށް މަޖިލީހުގެ ރައީސްކަން ދޭން މައުމޫން އެދިވަޑައެއް ނުގަންނަވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ޕީޕީއެމްގެ ބޭފުޅަކަށް ވުމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގަންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިވަގުތު އައްޑޫ ސިޓީގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެމްޑީޕީގެ ވަގުތީ ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި، އެމްޑީއޭ އަކީ ސަރުކާރު އިއްތިހާދުގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާއިރު މަޖިލީހުގެ ރިޔާސަތަށް ޕީޕީއެމްގެ ބޭފުޅަކު ވަޑައިގަތުމަށް ރައީސް މައުމޫން އެދިވަޑައިގަންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެމްޑީޕީން ތާއީދުކުރާނީ މައިގަނޑު އަށް ކަމަކަށް އެއްބަސްވާނަމަ ކަމަށް އެޕާޓީން ބުނެފައިވަނިކޮށެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު އެމްޑީޕީއާއި ގުޅިގެން މަަސައްކަތް ކުރަންޖެހޭނެ ކަަމަށް ވެސް އެމްޑީޕީން ބުނެފައިވަނިކޮށެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅަކު އިންތިހާބު ކުރުމާއި ގުޅޭގޮތުން ރައީސް މައުމޫން އެންމެފަހުން ވާހަކަދައްކަވާފައިވަނީ އެމަނިކުފާނު މިދިޔަ މަހު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވަ އެވެ.
ރައީސް މައުމޫން އެރޭ ވިދާޅުވީ މިއަދު ހިނގަމުންދަނީ ކޯލިޝަން ސަރުކާރަކަށްވީ ނަމަވެސް މަޖިލީހުގެ ރައީސް ކަން ލިބެންވާނީ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޕީޕީއެމަށް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ނިމިގެންދިޔަ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމުން ކަމަށްވާތީ އެވެ. އަދި ކޯލިޝަން ސަރުކާރު ހިންގާ ދުނިޔޭގެ އެހެން ގައުމު ތަކުގައި ވެސް މަޖިލީހުގެ ރައީސް ކަން ކުރަނީ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި އަދި ރަސްމީ ނިންމުމެއްް ނިންމާފަައި ނުވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމުން މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ނެރޭނެ ކަމަށް އެޕާޓީން ބުނެފައިވާއިރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
ގާސިމް ވިދާޅުވީ ކޯލިޝަނަކުން ވެރިކަން ކުރަމުންދާއިރު، ކޯލިޝަނުގައި ހިމެނޭ ވަކި ޕާޓީ އަކުން މަޖިލީހުގެ ރައީސް ކަން ކުރުން މުހިއްމު ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ އަކުން މަޖިލީހުގެ ރައީސް ކަމަށް ވާދަކުރަމުން ގެންދާތީ ކޯލިޝަންގެ ތެރޭގައި ވަނީ ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުންވުން ތަކެއް އުފެދިފަ އެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އިންތިހާބު ކުރުން އޮންނާނީ އެ މަޖިލީހުގެ މެންބަރުން ހުވާ ކުރުމަށް މިމަހުގެ 28ވާ ބުދަ ދުވަހު ބާއްވާ ޖަލްސާގަ އެވެ. މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ކުރިއަށްގެންދާ ސިއްރު ވޯޓަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ