ރާއްޖޭގެ ފުރަތަމަ "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ފުވައްމުލަކުގައި ހުޅުވައިފި

ރާއްޖޭގެ ފުރަތަމަ "ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ފުވައްމުލައް ސިޓީގައި އިއްޔެ ހުޅުވައިފި އެވެ. 
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ އަލަށް ހުޅުވި އެ މަރުކަޒަކީ ދިރާސާކުރުމާއި، ތައުލީމު އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އައު އީޖާދުތަކަށް މަގުފަހިކޮށްދޭނެ ތަނެއް ކަމަށެވެ. 
މިޔަރު ޕްރޮގްރާމުން ބުނީ މި މަރުކަޒަކީ ހެޑްކުއާޓަރު ނުވަތަ ލެބަކަށްވުރެ ބޮޑަށް ރިސާޗަރުންނާއި، ދަރިވަރުންނާއި، ޑައިވް ޕްރޮފެޝަލުންނާއި، ލޯކަލް ކޮމިއުނިޓީތައް އެއްތަނަކަށް ޖަމާވެ، އެކި ޕްރޮޖެކްޓްތަކަށް މަސައްކަތްކުރާނެ ތަނަކަށް ވެގެންދާނެ ކަމަށެވެ. 
މި މަރުކަޒުން ރިސާޗް ފެސިލިޓީތަކާއި، އެގްޒިބިޓްތަކާއި، އެޑިއުކޭޝަނަލް ޑިސްޕްލޭތަކާއި، ސިޓިޒަން ސައިންސް އަދި ޓީމް ވޯކް ހަބެއްފެނިގެންދާނެ ކަމަށް މިޔަރު ޕްރޮގްރާމުން ބުންޏެވެ. 
ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ "ޝާކް ޑައިވިން" މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ނަން ދަމަހައްޓަން، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް ފުވައްމުލައް ކައުންސިލުން އަބަދުވެސް މަރުހަބާކިޔާ އެއްބާރުލުން ދޭނެ ކަމަށް ކައުންސިލުން ބުންޏެވެ. 
ދަ މިޔަރު ޕްރޮގްރާމަކީ ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކޮށް، އެ ތަކެތީގެ މައުލޫމާތު އެއްކޮށް، ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، އަދި ރަށްރަށުގެ މުޖުތަމައުތަކާއެކު މަސައްކަތްކުރާ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ