ރަހިމުގެ ކެންސަރަށް ޓެސްޓްކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަނީ

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ނުވަތަ ސާރވިކަލް ކެންސަރަކީ، ރަހިމުގެ ދޮރުގެ ސެލްތަކަށް އަންނަ ބަދަލަކުން ޖެހޭ ކެންސަރެކެވެ. ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ ބާވަތްތަކުގެ ކެންސަރުގެ ތެރޭގައި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ހިމެނެއެވެ. މިއީ، ކޮންމެ އަންހެނަކަށްވެސް ޖެހިދާނެ ކެންސަރެކެވެ.
ރަހިމުގެ ދޮރުގެ ކެންސަރަކީ، ރަހިމުގެ ކަރަށް ނުވަތަ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. އަންހެނުންގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ ކެންސަރުގެ ދެބައިކުޅަ އެއްބައި ކެންސަރު ޖެހެނީ، މިގުނަވަނަށެވެ. މިއީ، މުޅި ދުނިޔެއަށް ބަލާއިރު އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން ދެވަނައަށް އެންމެ އާންމު ވައްތަރެވެ. މިއީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކެންސަރު ޖެހިގެން އަންހެނުން މަރުވުމަށް ދިމާވާ އެންމެ އާންމު ސަބަބުވެސްމެއެވެ.
އެހެންކަމުން ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާދިނުމަށް އެނިޒާމް ވަރުގަދަކޮށް، ދުރާލާ ބަލި ދެނެގަންނާނެ އިންތިޒާމް ހަމަޖެއްސުމަކީ، މުހިއްމު ކަމަކަށްވެއެވެ. ރާއްޖޭގައި މިފަދަ ބަލިތައް ދެނެގަނެ ފަރުވާގެ ނިޒާމް ވަރުގަދަ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވީ، މާލެ ސަރަޙައްދާއި އަތޮޅުތެރެއަށް ކެންސަރަށް ސްކްރީން ކުރުން ނުވަތަ ބަލި ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށްފައިވާ ކަމަށެވެ. މާލެއާއި އަތޮޅުތަކުގައި އުރަމަތީގެ ކެންސަރު ދެނެގަތުމަށް ހަދާ މެމޯގްރާމްގެ ޚިދުމަތް ޤާއިމުކުރުމާއެކު، މިހާތަނަށް 750 މީހުން ރާއްޖޭގައި ތިބެގެން މިބައްޔަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. އިތުރު 3 އަތޮޅެއްގައި ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހުރިހާ ހޮސްޕިޓަލެއްގައިވެސް މި ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް ފުޅާކުރުމުގެ އިތުރުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ ޓެސްޓް ހެދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްކްރީނިންއާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ފުޅާކުރުމާއެކު މިހާރު ކުރިޔާލާ ބަލި ދެނެގަނެވޭ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އަވަހަށް ބަލީގެ ކުރީކޮޅު ފަރުވާ ދިނުމުގެ ފުރުޞަތު ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
" އެމަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ކެންސަރު ބައްޔަށް ދެވޭ ކީމޯ ތެރަޕީގެ ޚިދުމަތްވެސް ރާއްޖޭގައި ތިބެގެން ލިބޭނެ. 2025 ވަނަ އަހަރު ކީމޯތެރަޕީވެސް ރާއްޖެއިން ބޭރުން ނެގީ 39 މީހުން. 655 މީހުން ޚިދުމަތް ހޯދަމުން ދިޔައީ ރާއްޖެއިން." ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
މިހުރިހާ ކަމަކާއެކުވެސް ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ކެންސަރަށް ފަރުވާދޭނެ ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމެވެ. މިއާއެކު ޕެޓް ސްކޭނާއި، ރޭޑިއޭޝަން ފަރުވާ ފެށުމުން، ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖެއިން މި ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ލިބި، ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބޭނެއެވެ.
ރަހިމުގެ ދޮރުގެ ކެންސަރު ގިނައިން ޖެހެނީ، އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށެވެ. އެހެންކަމުން ކުރިއަރާފައިވާ ޤައުމުތަކުގައި އުމުރުން 30 އަހަރުން މަތީގެ އަންހެނުންނަށް ޤަވާއިދުން ޕެޕްސްމިއަރ ޓެސްޓް ހެދުމަށް އިސްކަންދެއެވެ. ކެންސަރުން ދިފާޢުވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ، އެ ކެންސަރަކަށް ސްކްރީން ކުރުމެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ޤަވާޢިދުން ސްކްރީން ކުރުމުގެ ސަބަބުން، ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ކެންސަރުގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ، ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ފަރުވާދީ، ގިނަ ބަޔަކު މިބަލިން ސަލާމަތް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ