އައްޑޫން ކަރަންޓު ކެނޑުން: ޓްރާންސްފޯމަރުން ނަރު ބުރިކުރަނިކޮށް ކަރަންޓުގައި ޖެހުނު މީހާއަށް ފަރުވާ ދެނީ

އައްޑޫ ސިޓީ، ފޭދޫ ޓްރާންސްފޯމަރަކުން ނަރު ބުރިކުރުމުގެ ތެރޭގައި ފިހުނު މީހަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަންވަރު ދެ ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑުނެވެ. އެ މައްސަލަ ދިމާވީ ފޭދޫގައި އުޅުނު މީހަކު ކޭބަލެއް ބުރިކުރަން އުޅުމުން ކަމަށް ރޭ އައްޑޫ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒް ވަނީ ތުހުމަތުކުރައްވާފައެވެ. ފުލުހުން މިއަދު ބުނީ، ފޭދޫ ޓްރާންސްފޯރަމަކުން ނަރު ބުރި ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހި ފިހިފައިވާ ކަމުގެ މައުލޫމާތު ލިބުނީ، ރޭ 03:05 ހާއިރު ކަމަށެވެ. އެ މައްސަލައިގައި ފިހިފައި ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާއިރު، އޭނާއަށް ފަރުވާ ދެނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ. އައްޑޫ ފޭދޫ މަގުމަތި: ފޭދޫ ޓްރާންސްފޯމަރަކުން ނަރު ބުރިކުރުމުގެ ތެރޭ ކަރަންޓުގައި ޖެހި، ފިހުނު މީހަކަށް ފަރުވާ ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް، ފިހުނު މީހާގެ އިތުރު ތަފްސީލެއް ނުދެއެވެ. އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި، ފިހުނީ އެމީހާގެ ކަނާއަތް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެއިތުރަށް ޝިނާޒް ރޭ ވިދާޅުވީ، ކަރަންޓު ކެނޑުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، އެންމެ އަވަހަށް ކަރަންޓު ދެވުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ އަލުން ކަރަންޓު ދޭން ފެށިއިރު، ހުރިހާ ހިސާބަކަށް ކަރަންޓު ދެވޭ ވަރުވީ އޭގެ ދެ ގަޑިއިރު ފަހުން ކަމަށެވެ. https://sun.mv/210918 ޝިނާޒް ވިދާޅުވީ، އައްޑޫން ރޭ ކަރަންޓު ކެނޑުނީ މައި އިންޖީނުގެއަށް ދިމާވި މައްސަލައަކުން ނޫން ކަމަށާއި، ބަޔަކު ފޭދޫގައި ކޭބަލެއް ބުރިކުރަން މަސައްކަތްކުރުމުން ކަމަށެވެ. "ދެން އޭގައި ކަރަންޓުގައި ޖެހުނު މީހާ ވެސް ސިއްހީ މަރުކަޒަށް ގެންގޮސް ކަންނޭނގެވީ، ވަރަށް ބޮޑަށް ފިހިފަ ކަމަށް ވަނީ، މެއިން ކޭބަލެއް ކަނޑަން އުޅެނިކޮށް ކަރަންޓުގައި ޖެހިފަ ކަމަށް ވަނީ،" އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީ ދެވަނައަށް އެންމެ ބޮޑު އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެއްފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތައް މިފަހުން އިތުރުވެފައިވެއެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވެސް ވަނީ، އައްޑޫގެ ރައްޔިތުން އެގޮތަށް އަނދިރީގައި ތިބެން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މައްސަލަ ހައްލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އައްޑޫ ފޭދޫ މަގުމަތި: ފޭދޫ ޓްރާންސްފޯމަރަކުން ނަރު ބުރިކުރުމުގެ ތެރޭ ކަރަންޓުގައި ޖެހި، ފިހުނު މީހަކަށް ފަރުވާ ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހު އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހެވެ. ފެނަކައިންނާއި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ބުނި ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވަނީ 15 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެތަނުގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް އެ ތަނުގެ މަސައްކަތް ވެސް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށްފަހު އަދިވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ