މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓު، "ނަސްރު" ބޯޓު ކާށިދޫ ކަނޑަށް އަޑިއަށް ގޮސްފި އެވެ.
މި ބޯޓު އަޑިއަށްދިޔައީ މިއަދު މެންދުރު 13:22 ހާއިރު އެވެ. އޭރު އެމްއެންޑީއެފްއިން ގެންދިޔައީ ބޯޓު ދިޔަވެގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯޓު އަޑިއަށްދިޔައީ ކ. ގާފަރުން ޅ. ނައިފަރަށް ދަތުރުކުރަނިކޮށެވެ. ގާފަރަށް ބޯޓު ބަނދަރުކުރީ ވެސް މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މައުލޫމާތު ލައިވްކޮށް ފެންނަން ހުންނަ ފޮލޯމީ އެޕުން ދައްކާ ގޮތުން ބޯޓު އަޑިއަށް ދިޔައީ ޅ. އޮޅުވެލިފުށި ބޭރުން ކާށިދޫ ކަނޑަށެވެ.
އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން ކޯސްޓުގާޑުގެ ހާބާ ކްރާފްޓަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެއީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ.
މިއީ ހދ. ނޭކުރެންދޫ ބޯޓެކެވެ. ހދ. އަތޮޅާއި ނ. އަތޮޅު އަދި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް މި ބޯޓު މުދާ ހިފައިގެން ދަތުރުކުރެ އެވެ.
މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގަައި ކަނޑުމަތީގައި ހިނގި މިފަދަ ނުރައްކާތެރި ދެވަނަ ހާދިސާ އެވެ.
ރޭގެ ވަގުތެއްގައި ވަނީ "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ވެސް ބަންޑުން ޖަހާލައިފަ އެވެ. އެ ކޮޅުވެއްޓީގައި ދަތުރުކުރި ހަތް މީހުންގެ ތެރެއިން ތިން މީހުން ގެއްލިގެން ހޯދަމުން ދަނިކޮށް އޭގެތެރެއިން ދެ މީހެގެ ހަށިގަނޑު މިއަދު ވަނީ ފެނިފަ އެވެ. އެކަކީ އަހުމަދު ޝިފާން، 38، ސަރުސޫނުގެ، ގއ. ދާންދޫ އެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް މެނުވީ ނުކުރުމަށް ވަނީ އެދިފަ އެވެ.
"ނަސްރު" ބޯޓު ކާށިދޫ ކަނޑަށް އަޑިއަށް ގޮސްފި "ނަސްރު" ބޯޓު ކާށިދޫ ކަނޑަށް އަޑިއަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ