މީޑިއާ ކޮމިޝަނަށް ހޮވުނު ހަތަރު ބޭފުޅުންނަށް މެންބަރުކަން ދީފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިޚާބުވި ހަތަރު ބޭފުޅުން އެ ކޮމިޝަނުގެ މެންބަރުކަން ދީފިއެވެ. އައު ގާނޫނުގެ ދަށުން އެ ކޮމިޝަނުގައި ހަތް މެންބަރުން އައްޔަނުކުރާއިރު، ހަތަރު މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ. އިންތިޚާބަކާ ނުލައި، މީޑިއާ ކޮމިޝަނަށް ހޮވުނީ، އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޒަމްއަތު ވަހީދާއި ވަގުތު ނޫހުގެ ނޫސްވެރިޔާ ސިމާހާ ނަސީމްއާއި އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފްގެ އިތުރަށް އަބްދުލް އަޒީޒް އިބްރާހީމް، ށ.ފޭދޫ/ މޫނިމާގެއެވެ. އޭގެތެރެއިން އަބްދުލް އަޒީޒްއާއި ޒަމްއަތު އިންތިޚާބުވީ ބްރޯޑްކާސްޓަރުންގެ މަގާމަށް ކަމަށްވާއިރު، ސިމާހާއާއި ސަގީފް އިންތިޚާބުވީ މީޑިއާތައް ތަމްސީލުކުރާ މެމްބަރު ކަމަށެވެ. މިއަދު ރައީސް އޮފީހުން ބުނީ، އެ ބޭފުޅުން މިއަދު މީޑިއާ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ ބާކީ ތިން މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. https://sun.mv/212367 ކޮމިޝަނަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުސަތުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީޤު ހިމެނޭހެން އެ ކޮމިޝަންގެ ކުރީގެ ބައެއް މެންބަރުން ކުރިމަތިލައްވައިފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ލިބިފައިނުވެއެވެ. މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން، ބިލާ ދެކޮޅަށް ނޫސްވެރިން ސިލްސިލާ މުޒާހަރާތައް ވެސް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ