ސަރުކާރުގެ ޚިދުމަތްދޭ ޕްލެޓްފޯމްތައް ދަމަހައްޓަން ބަޖެޓުން އިންސައްތައެއް ކަނޑައަޅާ ގޮތަށް، ބިލެއް އެކުލަވާލައިފި

ސަރުކާރުގެ ޚިދުމަތްދޭ ޕްލެޓްފޯމްތައް ދަމަހައްޓަން ބަޖެޓުން އިންސައްތައެއް ކަނޑައަޅާ ގޮތަށް، އެފަދަ ޕްލެޓްފޯމްތަކާ ގުޅޭ ބިލެއް އެކުލަވައިލައިފައިވާ ކަމަށް، ދައުލަތުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްކުރާ ކުންފުނި ޓްރޭޑްނެޓް ނުވަތަ މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ. މިދިޔަ ޖަނަވަރީ 20ގައި، 'ވަންގަވް' ވިއުގައިގައި ގިނަ އިދާރާތަކުން ބައިވެރިނުވާތީ، އެ ޕްލެޓްފޯމުގެ ބެލެނިވެރި ކުންފުނި ޓްރޭޑްނެޓް މޯލްޑިވްސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ ހުށަހަޅުއްވާފައެވެ. https://sun.mv/201622 އެކަމާ ގުޅިގެން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ވަނީ ޓްރޭޑްނެޓާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އެކަން އެންގުމަށް މަޖިލީހުން ކުޑޫއަށް ފޮނުވި ސިޓީގައި، ޓްރޭޑްނެޓާ ހަވާލާދީ ބުނެފައި ވަނީ، ދައުލަތުގެ އިދާރާތައް ވަންގަވްއާ ގުޅުވަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ފުރިހަމަވެފައި ނެތުމުން ކަމަށެވެ. އެހެންވެ، ވަންގަވް ފަދަ ޕްލެޓުފޯމުތައް މެދުވެރިކޮށް ޚިދުމަތް ދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކަށައެޅުމަށް ބިލެއްގެ ޑްރާފްޓު އެކުލަވާލާފައިވާ ކަމަށާއި އެ ޕްލެޓުފޯމުގެ ބަލަދުވެރި މިނިސްޓްރީތަކަށް ޑްރާފްޓު މުރާޖާ ކުރުމަށް ފޮނުވާފައިވާ ކަމަށް ޓްރޭޑުނެޓުން ބުނެފައިވެއެވެ. ޓްރޭޑްނެޓުން ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ޖުލައި އަށެއްގެ ނިޔަލަށް ވަންގަވްގައި އޮންބޯޑުކުރެވި، ޚިދުމަތް ދެނީ 15 އިދާރާއަކުންނެވެ. އޭގެތެރެއިން ދެ އިދާރާއެއްގެ ދެނީ އެއްބައި ޚިދުމަތްތައް ކަމަށްވާއިރު، ހަތަރު އިދާރާއެއް މިއަހަރު ވަންގަވްއަށް އޮންބޯޑުކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެއެވެ. އޭގެއިތުރުން، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ވަންގަވްގައި ބައިވެރިވުމަށް އެއްވެސް ގާނޫނަކުން އިދާރާތަކުގެ މައްޗަށް ލާޒިމުކޮށްފައިނުވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. އެގޮތުން، ޚިދުމަތްތައް އޮންލައިންކޮށް، ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ކުރިން ގާއިމުކޮށްފައިވާ ޕޯޓަލްތައް ނުވަތަ އެޕްލިކޭޝަންތައް ހަރުދަނާކުރުމަށް ނުވަތަ އައު އެޕްލިކޭޝަންތައް ފަރުވާކޮށްގެން ޚިދުމަތްދޭކަން ފާހަގަކުރިއެވެ. ދައުލަތުގެ އިދާރާތަކުން ޚިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ސްޕެޝަލައިޒްޑް އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ އިތުރަށް ޚާއްސަކޮށް "ބެކް އޮފީސް" ޕްރޮސެސިންއަށް ގާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ޓްރޭޑުނެޓުން ބުނެފައިވެއެވެ. ޓްރޭޑްނެޓުން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ސަރުކާރުގެ ޚިދުމަތްތައް ދޭ ޕްލެޓްފޯމްތަކާ ގުޅޭ ޑްރާފްޓް ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި: ވަންގަވް ޕްލެޓްފޯމަކީ ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައި ޕްލެޓްފޯމް ގޮތުގައި ކަނޑައެޅުން ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ފީ ނެގުމުގެ ގާނޫނީ ހައިސިއްޔަތު ޕްލެޓްފޯމް އޮޕަރޭޓަރަށް ލިބިދިނުން ގައުމީ ބަޖެޓުން ވަކި އިންސައްތައެއް ސަރުކާރުގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި ޕްލެޓްފޯމްތައް ދެމެހެއްޓުމަށް ކަނޑައެޅުން އަދި ޕްލެޓްފޯމްގެ ހިންގުމާއި ބެލެހެއްޓުމުގެ އޮނިގަނޑު ކަނޑައެޅުން އެ ބިލުގެ ޑްރާފްޓް 2023ގައި އެކުލަވާލައި، ވަންގަވްގެ ބަލަދުވެރި ދެ މިނިސްޓްރީ ކަމަށްވާ ހޯމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއަށް މިދިޔަ އަހަރު ފޮނުވައިފައިވާ ކަމަށް ޓްރޭޑްނެޓުން މިދިޔަ ޖުލައި މަހު މައުލޫމާތު ދީފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ވަނީ ބަދަލުކުރައްވާފައެވެ. https://sun.mv/212446 ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ ގަރާރަކުން އެ ކުންފުނީގެ ނަން ބަދަލުކުރެއްވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގު ޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުންޏަކީ އެއީ ކަމަށްވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ