ނިއުކާސަލް އިން ސިޓީގެ މައްޗަށް ކުރިހޯދައިފި ނިއުކާސަލް އިން ސިޓީގެ މައްޗަށް ކުރިހޯދައިފި

ލަންޑަން (ނޮވެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިފި އެވެ.
މިއީ، ލީގުގައި ސިޓީ އާއި ނިއުކާސަލުން އެންމެ ފަހުން ކުޅުނު 36 މެޗުގެ ތެރެއިން ނިއުކާސަލަށް މޮޅެއް ލިބުނު ދެ ވަނަ ފަހަރެވެ.
މި މެޗުން މޮޅުވެ، ސިޓީ އަށް ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދުގައިވާ ފަރަގު ކުޑަކުރަން ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމާ އެކު، ސިޓީ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގައި 12 މެޗުން 22 ޕޮއިންޓާ އެކު އެވެ. އާސެނަލުން މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެއްޖެނަމަ، ސިޓީއާ ދެމެދުގައިވާ ފަރަގު ހަތް ޕޮއިންޓަށް ބޮޑުވާނެ އެވެ.
ނިއުކާސަލްގެ ސެއިން ޖޭމްސް ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، ނިއުކާސަލްގެ ޖަރުމަނު ފޯވާޑް، ނިކް ވޯލްޓަމާޑާ އާއި ހާވީ ބާންސް ފޮނުވާލި ބޯޅަތައް ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ރަނގަޅު ފޯމެއްގައި ހުރި ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ލިބުނު ދެ ފުރުސަތުގައި ވެސް ގޯލެއް ނުޖެހުނެވެ.
މެޗުގައި ނިއުކާސަލް އިން ލީޑުނެގީ 63 ވަނަ މިނިޓްގައި އޭރިއާ ރޮނގުމަތިން ބާންސް ޖެހި ގޯލުންނެވެ. ނިއުކާސަލުން ލީޑުނެގިތާ ފަސް މިިނިޓް ފަހުން، ސިޓީން އެއްވަރުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ނިއުކާސަލްގެ އޭރިއާތެެރެއިން ލިބުނު ފުރުސަތެއްގައި ރުބެން ޑިއާސް އެވެ. ސިޓީން އެއްވަރުކުރިތާ ދެ މިނިޓް ފަހުން، ނިއުކާސަލް، މި މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ބާންސް އެވެ. މިއީ، ނިއުކާސަލްގެ ކެޕްޓަން، ބްރޫނޯ ގިމާރޭސް ބޮލުން ފޮނުވާލި ބޯޅައެއް ހުރަސްދަނޑީގައި ޖެހިފައި ނުކުތް ވަގުތު ބާންސް އަށް ލިބުމުން ޖެހި ގޯލެކެވެ.
މި މޮޅާ އެކު ނިއުކާސަލް އޮތީ 12 މެޗުން 15 ޕޮއިންޓާ އެކު، ލީގުގެ 14 ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ