ދިވެހި ހުރިހާ ޙާޖީން ޢަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު

ދިވެހި ހުރިހާ ޙާޖީން މިހާރު ތިބީ ޢަރަފާތުގައި ކަމަށާއި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅުކަމަށާއި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް ޢަރަފާތަށް ގެންގޮސްފައިވާކަމަށެވެ.
ޢަރަފާތަށް އައުމަށް ޙައްޖުވެރިން މިނާއިން ދަތުރުފެށީ ރާއްޖެގަޑިން ރޭ 11:00ގައެވެ. ދިވެހިން ޢަރަފާތު ބިމަށް ގެންދިއުމަށް 22 ބަސް ބޭނުންކުރިއެވެ. އެންމެ ފަހު ބަހުގެ ޙާޖީންނަށް އަރަފާތަށް ދެވުނީ ރާއްޖެ ގަޑިން ފަތިހު 05:00 ހާއިރުއެވެ.
ބަލިވުމުގެ ސަބަބުން މިނާގެ ހޮސްޕިޓަލްގައި އެއްޙާޖީއަކަށްވަނީ ފަރުވާދީފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިނާ ހޮސްޕިޓަލުގައި ރޭގެ ވަގުތެއްގައި އެޑްމިޓްކުރި ޙާޖީގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުން އޭނާ ވެސް މިހާރު ޢަރަފާތަށް ގެންގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޙާޖީންނަށް ޢަރަފާތުގައި އެންމެހާ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޢަރަފާތުގައި ތިބުމާއި ކެއިންބުއިމުގެ އިންތިޒާމުތައްވެސް ވަރަށް ފުރިހަމައަށްވަނީ ހަމަޖައްސާފައެވެ.
ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މާތް ދުވަހެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ޙާޖީން މަޑުކުރާނީ އަރަފާތުގެ މަޝާއިރުގައި ޙައްޖުގެ މަނާސިކުތަކުގައި މަޝްޢޫލުވެގެންނެވެ. ޙައްޖު މަހުގެ 9ވަނަ ދުވަހަށް އިރުއެރުމާ ހަމައިން ފެށިގެން ޢަރަފާތު ދުވަސް ފެށުނީއެވެ. ޢަރަފާތު ދުވަހުގެ އެންމެ މާތް ވަގުތަކީ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން އިރުއޮއްސެންދެންނެވެ.
ޙައްޖުވެރިންނަށް ދޭ ދިވެހި ޚުތުބާ އަރަފާތުގައި މިއަދު ދެއްވާނީ، މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމުގައި އިސް ޝައިޚުގެ ގޮތުގައި ވަޑައިގެންނެވި، ޝައިޚް އިލްޔާސް ޙުސައިންއެވެ.
ޙައްޖުވެރިން އަރާފާތުގައި މަޑުކުރުމަށްފަހު، މުޒްދަލިފާއަށް ދާން ދަތުރުފަށާނީ މިރޭ އިރުއޮއްސުމުންނެވެ. އަދި މާދަމާ މިނާއަށްގޮސް، ޖަމްރަތުލް އަޤަބާއަށް ހިލައުކާ ދެން ހިމެނޭ ވާޖިބުތައް އަދާކުރުމުން ފުރަތަމަ ތަޙައްލުލު (އިހުރާމު ކެނޑޭނެ)އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ