އަގުލަބިއްޔަތަށް ތަބާވާ ކަމަށް ދެއްކުމުގެ 'ޖަމާއީ ކުށްހީ'

ކިލާހުގައި މުދައްރިސް ކިޔަވައިދެމުން އެބަ ގެންދެ
އެވެ. އޮޅުން ފިލުވައިދެމުން އެ ގެންދަނީ ފިޒިކްސްގެ އުނދަގޫ މައްސަލައެކެވެ. އެ
ކިލާހަށް ކަނޑައެޅިފައި އޮތް ވަގުތުގެ ތެރޭގައި މުދައްރިސަށް އެނގިހުރި
މިންވަރަކުން ބުނެދޭންޖެހޭ ހުރިހައި އެއްޗެއް ބުނެދީ ނިންމާފައި ސުވާލު ކުރެ އެވެ.
'ހުރިހައި ކުދިންނަށް އޮޅުން ފިލައިފި ހެއްޔެވެ؟' އެއް ކުއްޖަކު އަނެއް ކުއްޖެއްގެ
މޫނަށް ބަލަންތިބެ، އެކަކު އަނެކަކަށް ނިތް އަރުވަމުން 'ޔެސް ސަރ' އޭ ބުނެ އެވެ.
އެއާއެކު ކިލާސް ނިމުނީ އެވެ. ދެން ބޭރަށް ނުކުމެ އެއްކުއްޖަކު އަނެއް ކުއްޖަކާ
ސުވާލު ކުރަން ފަށަ އެވެ. 'އޭ ޔޫ އަށް ގެޓުވިތަ؟ މަށަކަށް ގެޓެއް ނުވިޔޭ' ބުނެފައި
އެކަކު އަނެކަކާ ސުވާލުކުރާއިރު، ހަގީގަތުގައި ފިލާވަޅު 'ގެޓުވި' އެކަކު ވެސް
ނެތެވެ.
ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ކަމެއް
އިއުލާނު ކުރަނީ އެވެ. މާ ތަފާތު، ރާއްޖެއަށް ނިކަން މަންފާހުރި އައު މަޝްރޫއުއެއް
އިފްތިތާހު ކުރާ ކަމުގެ އިއުލާނެވެ. ކުރާން މިއުޅޭ ކަމަކާއި، މިހެން ހެދީމާ ވާނޭ
ގޮތް ކިޔައިދެމުންދާއިރު، ވަށައިގެންތިބޭ އެންމެން ލީޑަރަށް ބަލަހައްޓައިގެން ތިބެ
ބޯޖަހަމުން އާނހޫނ ކިޔަމުން ދެ އެވެ. 'ތިޔައީ ވަރަށް ފުރިހަމަ މަޝްރޫއެކޭ' އެކަކު
ބުނާއިރަށް 'ތިޔަ ގޮތް މާ ރަނގަޅޭ' އަނެކަކު އެއަށްވުރެ އަޑުހަރުކޮށް ބުނެ އެވެ. ވަށައިގެން
ތިބޭ މީހުން އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލަ އެވެ. އެކަމަކު އޭގެ ދުވަސްތަކެއް
ފަހުން، އެއްކަލަ މަޝްރޫއު ކުރިއަށް ކަނޑާ ގޮތް ނުވީމާ، ނުވަތަ ފޭލިވީމާ އެއްކަލަ
މީހުންތައް އެއްވެ، އެމީހުންގެ ހިތުގައި އެ މަޝްރޫއުއާ މެދު ކުރިއްސުރެ އޮތް
ޝައްކުތައް އެކަކު އަނެކަކާ ހިއްސާ ކުރެ އެވެ. މިހެން ވާނޭކަމަށް 'މަށަށް އޭރުވެސް
އެނގުނޭ' ނުބުނާ އެކަކު ނެތެވެ.
މިއީ ސުކޫލުގެ މާހައުލަށް، ސިޔާސީ ޕާޓީތަކަށް ނުވަތަ
އެހެންވެސް އިޖުތިމާއީ ބައްދަލުވުންތަކަށް އެކަނި ހާއްސަ ކަމެއް ނޫނެވެ. ތިމާގެ
ވަށައިގެންވާ މުޖުތަމައުއިން މަތިމަތިން ފެންނަ އަގުލަބިއްޔަތަށް ތަބާވެވުމަކީ
އިންސާނާގެ ތަބީއަތުގައި ހިމެނޭ ކަމެކެވެ. މިއީ ޖަމިއްޔާއެއް، ކުންފުންޏެއް،
ދައުލަތެއް ނުވަތަ ގައުމެއް އިސްތިސްނާކުރުމެއް ނެތި، ހުރިހައި ސިޔާސަތުތަކަށް
ނުފޫޒު ފޯރުވާ އަސަރެކެވެ.
'ޖަމާއީ ކުށްހީ' ނުވަތަ ޕްލޫރަލިސްޓިކް އިގްނޮރަންސް
ޕްލޫރަލިސްޓިކް އިގްނޮރަންސް އަކީ ވަކި ފަރުދަކު
ހިތުގެ އަޑިން ވަކި ކަމަކާ ނުވަތަ މީހަކާ، ނުވަތަ ހިޔާލަކާ ދެކޮޅުވި ނަމަވެސް،
އެހެން އެންމެން އެކަމަކަށް ތާއީދުކުރާ ކަމަށް ފެންނާތީ، އޭނާ ވެސް އެކަމަކަށް
އެއްބަސްވާކަން ބޭރުފުށުން ދެއްކުމަށް ކިޔާ ނަމެކެވެ. ޖަމާއީ މަސްލަހަތު އޮތީ
އެކަމަކަށް ތާއީދުކުރާކަން ދެއްކުމުގައި ކަމަށް ފެންނާތީ، ހިތުގެ އަޑިން އެކަމެއް
ގަބޫލު ނުކުރި ނަމަވެސް އެކަމަށް ތާއީދުކުރާކަމަށް ބޭރުފުށުން ދައްކަނީ އެވެ.
މިއީ ނަފްސާނީ އިލްމުގައި މަފްހޫމެއްގެ ގޮތުގައި ތައާރަފުވީ
1931 ވަނަ އަހަރު ޔުނިވަރސިޓީއެއްގެ ދަރިވަރުންގެ ވިސްނުން ހުރިގޮތާ ބެހޭގޮތުން އިޖުތިމާއީ
އިލްމުގެ މާހިރުން ކަމަށްވާ ޑެނިއަލް ކަޓްޒް އަދި ފްލޮއިޑް އެޗް. އޯލްޕޯޓް ކުރި
ދިރާސާއެއްގެ ތެރެއިންނެވެ. އެ ދެ ބޭފުޅުންގެ ދިރާސާގައި ފާހަގަކުރެވުނީ، މި
ލިޔުމުގެ ފެށުމުގައި ބުނެދީފައި އެއޮތް މިސާލެވެ. ފިލާވަޅު އޮޅުންފިލައިފިކަމަށް
ކުދިން ބުނީ، ސަފުން ބާކީ ނުވުމުގެ ވިސްނުމުގަ އެވެ. ފަހުން މި ނަޒަރިއްޔާ ފުޅާވެ،
މިއީ ދިރިއުޅުމުގެ ހުރިހައި ދިމާލަކަށް ހެޔޮވަރުވާ ނަޒަރިއްޔާއަކަށްވީ އެވެ. ޒަމާން
ބަދަލުވިޔަސް އިންސާނާގެ ފިތުރަތަށް ބަދަލެއް ނާދެ އެވެ. އެހެންވެ، ދިރިއުޅުމުގެ
ހުރިހައި ރޮނގެއްގައި މި ފިތުރަތު މިހާރު ވެސް އެބަ ފެނެ އެވެ.
މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ، ސަފުން
ބާކީވެގެން އުޅޭ ދިރިއުޅުމަކުން މަލެއް ނުފޮޅޭނޭކަމަށް ހިތުގެ އަޑީގައި ބިންވަޅު
ނެގިފައި އޮންނަ ގަބޫލުކުރުމެވެ. އިންސާނީ ތާރީހު ކިޔާން ފެށިތާ ކޮޅުން ވެސް
ފެންނާން އޮތް ކަމަކީ، އިންސާނުންނަކީ ބައިބަޔަށް އުޅޭ ބައެއް ކަމެވެ. އިންސާނުން
ބެހިފައިވާ ބައެއްގައި އޭނާ ލައްވާލާނީ ބޭރުފުށުން ފެންނަ އަސަރުގެ ސަބަބުންނެވެ. މީގެ
ތެރޭގައި ހަމުގެ ކުލައާއި، ސިފައާއި، އަމަލުން ފެންނަ ފިކުރު ހިމެނެ އެވެ. މިއިން
އެއްވެސް ގިންތިއެއްގައި ލައްވައިނުލައި ބާކީވުމަށް ހަމަ އެކަކުވެސް ނޭދޭނެ އެވެ. އަދި
މިއިން ގިންތިއެއްގައި ހިމެނިއްޖެނަމަ، އެ ގިންތިއަކުން ބޭރުނުވެ ހިފެހެއްޓޭތޯ
އޭނާއަށް ކުރެވުނު މަސައްކަތެއް ކުރާނެ އެވެ. އޭނާގެ ފިކުރުން އެއްބަސް ނުވެވޭ
ކިތަންމެ ކަމެއް ވެސް ކުރާނެ އެވެ. އެއީ 'ޓީމަށް ކުޅުން' ކަމަށް ހަދާލީމާ، އޭނާގެ
ގަބޫލުކުރުންތައް ބޮލާލާ ޖެހުމުގެ ހުއްޖަތު ފެނުނީ އެވެ. ފެށުނީއްސުރެ މިއަދާ
ހަމައަށް ވެސް ކަން ހިނގަމުންދަނީ މިހެންނެވެ.
ވަކި ކަމަކާ ގުޅޭގޮތުން ހިތުގައި އުފެދޭ ސުވާލުތައް
އެއްވެސް މީހަކު ފާޅުގައި ނުކުރާތީ، އެމީހުން އެ ތިބީ ހިތުގައި އެއްވެސް
ޝައްކެއްނެތި އެކަމަކާ އެއްބަސްވެގެންނޭ އެހެން އެންމެންނަށް ވެސް ހީވެ އެވެ.
މިކަމުގެ ސަބަބުން މުޅި މުޖުތަމައު ނުވަތަ ޖަމާއަތް އެކީއެކަށް ވަދެވިގެން ދަނީ 'ޖަމާއީ
ކުށްހީ'ގެ ތެރެއަށެވެ. ކޮންމެ މީހަކު ވެސް އޭނާގެ ހިތުގައި އުފެދިފައި އޮތް
ޝައްކުތަކާއި، ނުތަނަވަސްކަން ފޮރުވައިގެން ތިބެނީ އެހެން މީހުން ހަނުތިބެނީ
އެކަމަކަށް ހިތުގައި ޝައްކު ނެތި އެއްބަސްވާތީކަމަށް ދެކިގެންނެވެ. މިގޮތަށް
ކަންކަން ހިނގަންފެށީމާ ހަގީގަތެއް ނެތް، ހިޔާލީ އެއްބަސްވުމަކުން މުޅި މުޖުތަމައު
ބަނދެވެ އެވެ.
'ތިޔަ ބޭފުޅުން އެއްބަސްވާނެ ފަދައިން' ނުވަތަ 'ހުރިހައި
ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން' ނޭ ވިދާޅުވެ، ސިޔާސީ ބޭފުޅުން އެ
ދައްކަވާ ވާހަކައަކީ މި ޕްލޫރަލިސްޓިކް އިގްނޮރަންސްގެ މަޅިއާ ދިމާލަށް ލެވުމަށް ބޭނުންކުރާ
އުކުޅެކެވެ. އެއްބަސް ނުވިޔަސް ނުވަތަ ނޭނގުނަސް، އެއިވޭ އަތްތިލަބަޑީގެ
ގުގުމުގައި ޝައްކުގެ ސުވާލުތަކަށް އަޑެއް ނުލިބެނީ އެވެ.
ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވުނު،
'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު' ގެ ބިލު އަޅުގަނޑު ކިޔާލީމެވެ.
ފަންނީ ބަސްތައް ގިނަ އެ ބިލުން އަޅުގަނޑަށް ދޭހަވީ ވަރަށް ކުޑަ މިންވަރެކެވެ. އެ
ބިލުން ހާސިލުކުރަން އުޅޭ މަގުސަދާއި، އެ ބިލުގެ މާއްދާތައް ހުރިގޮތުން އެ ބިލުގެ
މަގުސަދުތައް ހާސިލުވާނޭތޯއާއި، އެތަނުގައި އޮތް އެ މާއްދާއާއި އޭގެ ތިރިއަށް އޮތް
މިމާއްދާގައި ފުށުއެރުމެއްވޭތޯ ސުވާލު އުފައްދަން ވެސް ނޭނގުނެވެ. އަޅުގަނޑަކީ އެ
ދާއިރާގެ މީހަކަށް ނުވާތީ، އެ ބިލު ކިޔަން ނޭނގުނީ އެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި އެ
ބިލަށް ބަހުސް ކުރިއިރު، އެ ބިލަށް ފަރިތަކޮށް ވާހަކަ ދައްކާން ނޭނގޭ ހަމަ
އެއްވެސް މެންބަރަކު ނެތެވެ. އެ ބިލާ ގުޅޭގޮތުން ފަންނީ ބޭފުޅުން ވަޑައިގެން މެންބަރުންނަށާއި،
އާންމުންނަށް މައުލޫމާތެއް ނުދެއްވަ އެވެ. ބިލުގައި ހިމެނުނު މާއްދާތަކާއި، ބިލު
ފަރުމާކުރުމުގެ ފަހަތުގައި އޮތް ވިސްނުމާއި، މިއިން އެއްވެސް ކަމެއްގެ ކުޑަވިޔަސް
މައުލޫމާތެއް ހިއްސާކޮށްފައެއް ނެތެވެ. އެހެންނަމަވެސް، އެއީ ކީއްވެގެން ހުށަހެޅި
ބިލެއް ކަމާއި، އެ ބިލު ފާސްވެގެން އައީމާ ވާނީ ކިހިނެއްކަން ރިޔާސަތަށާއި ހުރިހައި
މެންބަރުންނަށް އެއްވެސް އޮޅުމެއް ނެތި ސާފުވާކަން ފެނުނީމާ އަޅުގަނޑު ވަރަށް
އުފާވި އެވެ. އަޅުގަނޑުމެންގެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާމެދު އިންތިހާއަށް
ފަހުރުވެރިވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އެ ޖަލްސާއިން އެ ފެނުނީ 'ޕްލުރަލިސްޓިކް
އިގްނޮރަންސް'ގެ މިސާލެއް ކަމަށް ކުޑަކޮށް ވެސް ނުހިތަމެވެ.
ނިންމުން
'ޕްލުރަލިސްޓިކް އިގްނޮރަންސް' ގެ މަފުހޫމު
ތައާރަފު ކުރި ސައިންސްވެރިންނާއި، އޭގެ ފަހުން އެ މަފުހޫމު ތަރައްގީކުރި ބޭފުޅުން
ދެކޭގޮތުގައި 'ޕްލުރަލިސްޓިކް އިގްނޮރަންސް' އިން އަރައިގަނެވޭނޭ ހަމައެކަނި ގޮތަކީ
ސުވާލު އުފެއްދުމާއި ސުވާލު ކުރުމެވެ. ހިޔާލު ތަފާތު ވުމަކީ އިންސާނީ ތަބީއަތެވެ. އެންމެންނަކީ،
އެއް ސިޔާސަތަކަށް ތާއީދުކުރާ، އެއްގޮތަކަށް ވިސްނާ، އެކަކަށް ތަބާވާ ބަޔަކަށް
ވާކަށް ނުޖެހެ އެވެ. ވީމާ، ކަންކަމުގައި ސުވާލު ކުރުމާއި ސުވާލު އުފެއްދުމުގެ
މިނިވަން މާހަލެއް ފަހިވެފައި އޮންނާންވީ އެވެ. ސުވާލު ކުރީމާ ކުރިމަތިވެދާނޭ
ނަތީޖާއަށް ބެލުމެއްނެތި، ގިނަ ބަޔަކު ސުވާލު ކުރާނަމަ އިސާހިތަކު އެއީ އާދައަށް
ވެގެން ހިނގައިދާނެ އެވެ.
އިންސާނީ މުޖުތަމައެއްގައި އުފެދޭނެ
އެންމެ ނުރައްކާތެރި ކުށްހީއަކީ، ތިމާއަކީ، ވަކި ފިކުރެއްގައި އެކަނިވެރިވެފައިވާ
މީހެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލުކުރެވޭ ކުރުވުމެވެ. އެއީ ހަގީގަތެއް ނޫންކަން އެނގޭނީ އެ ހިޔާލު ފާޅުކޮށްލީމަ އެވެ. އޭރުން،
'ތިޔައީ މަގޭ ހިތުގައި ވެސް އުފެދޭ ސުވާލެކޭ' ބުނާނޭ ކިތަންމެ ބަޔަކު
މުޖުތަމައުގައި ތިބޭނެ އެވެ.
މުޖުތަމައެއްގެ ތެރެއިން އިވޭ އެންމެ ގަދަ އަޑަކީ، ހަގީގަތުގައި
އަގުލަބިއްޔަތުގެ އަސްލު އަޑަށް ނުވެދާނެ އެވެ. ބައެއް ފަހަރު އެއީ، ޝައްކު
އުފެދިފައި، ހަނުތިބި އެތައް މިލިއަން ބައެއްގެ މެދުގައި އުފެދިފައިވާ ވަހުމެއްގެ
ސަބަބުން އުފެދިފައިވާ ގުގުމުމަކަށް ވެދާނެ އެވެ. އެކަން ސާފުވެގެން އަންނާނީ ސުވާލުކުރުމާއި ސުވާލު އުފެއްދުމާއި
ހިޔާލު ފާޅުކުރުމުގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ