ވެނެޒުއެލާއަށް އައި ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 188 އަށް އަރައިފި

ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 188 އަށް އަރައިފިއެވެ.
މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް ކަރަކާސްގެ އިތުރުން އައްސޭރި ސަރަހައްދެއް ކަމަށްވާ ލާ ގައިރާއަށެވެ. އެ ސަރަހައްދުގައި ހުންނަ އެ ގައުމުގެ މައި ބައިނަލްއަގުވާމީ އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއްވެ ބަންދުކުރަން ޖެހުމުގެ ސަބަބުން ބޭރުން އަންނަ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސަވޭ (ޔޫ.އެސް.ޖީ.އެސް) އިން ލަފާކުރާ ގޮތުގައި، ގިނަ އަދަދެއްގެ އުސް އިމާރާތްތައް ވެއްޓިފައިވުމުގެ ސަބަބުން މި ކާރިސާގައި މަރުވި މީހުންގެ އަދަދު 10,000 އަށްވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
ބާރުގަދަ މި ބިންހެލުންތަކަށްފަހު ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ވެނެޒުއެލާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ހާލަތާ ގުޅިގެން އެ ގައުމުގެ ސްކޫލްތައް ބަންދުކޮށް، ބައެއް އިމާރާތްތައް ވަނީ ވަގުތީ ހިޔާވަހިކަމާއި އެހީ ބަލައިގަންނަ މަރުކަޒުތަކަށް ބަދަލުކޮށްފައެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއިން އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް ބުނެފައެވެ. އަދި އެމެރިކާގެ އިތުރުން ބްރެޒިލް، މެކްސިކޯ، އިޓަލީ ފަދަ ގައުމުތަކާއި، ބައިނަލްއަގުވާމީ ރެޑްކްރޮސް ފަދަ ޖަމާއަތްތަކުން ދަނީ ކާބޯތަކެއްޗާއި، ސިއްހީ އެހީ އަދި މީހުން ހޯދާ އިމާރާތްތައް ކޮނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ