ޔޫރަޕްގައި ހޫނުމިން ރެކޯޑް މިންވަރަކަށް މަތިވެ، މީހުން މަރުވަނީ

ހޫނު މޫސުމުގެ ކުރިން އައިސްފައިވާ ބާރުގަދަ ހީޓްވޭވްގެ ސަބަބުން ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ހޫނުމިން މި މަހު މިހާތަނަށް ރެކޯޑް ނުކުރާ ފަދަ މިންވަރަކަށް މަތިވެ، އެތައް ބަޔަކު މަރުވެ، އާންމު ދިރިއުޅުމަށް ބުރޫއަރައިފި އެވެ.
އިނގިރޭސިވިލާތާއި ސްވިޓްޒަލޭންޑްގައި ވެސް އިއްޔެ ވަނީ ޖޫން މަހެއްގައި މިހާތަނަށް އެންމެ ހޫނުގަދަވި ދުވަސް ރެކޯޑްކޮށްފަ އެވެ. އަދި އޭގެ އެއް ދުވަސް ކުރިން ޕެރިހުގެ ހޫނުމިން 40.9 ޑިގްރީ ސެލްސިއަސްއަށް އަރައި ޖޫން މަހުގެ ރެކޯޑެއް ގާއިމުކޮށްފައިވާއިރު، އަދިވެސް އެ ސިޓީގެ ހޫނުމިން ހުރީ 40 ޑިގްރީ ސެލްސިއަސްއާ ދާދި ގާތުގަ އެވެ. އިނގިރޭސިވިލާތުގެ މީޓިއޮރޮލޮޖިކަލް އޮފީހުން (މެޓް އޮފީސް) ވަނީ ދެކުނު އިންގްލޭންޑަށް ނެރެފައިވާ އެންމެ މަތީ ފަންތީގެ ހޫނުގެ އެލާޓް މިއަދުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
"އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް އެރުމުގެ ފުރުސަތު އެބައޮތް. އަދި އާންމު ރައްޔިތުން މިފަދަ ގަދަ ހޫނުން ސަލާމަތްވުމަށްޓަކައި އެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލުތައް ގެނައުމަށް ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ،" މެޓް އޮފީހުގެ ޗީފް މީޓިއޮރޮލޮޖިސްޓް އެންޑީ ޕޭޖް ވިދާޅުވި އެވެ.
ފްރާންސުން ބުނި ގޮތުގައި، ހޫނުން ސަލާމަތްވުމަށްޓަކައި މީހުން މޫދަށާއި ފެންގަނޑުތަކަށް އެރުމުގެ ތެރޭގައި، ހީޓްވޭވް ފެށުނު ފަހުން މިހާތަނަށް މަދުވެގެން 48 މީހަކު ވަނީ ގެނބިގެން މަރުވެފަ އެވެ. އަދި ހޫނުވެފައި ހުރި ވެހިކަލްތަކުގެ ތެރޭގައި ދޫކޮށްލާފައި ތިއްބާ ތިން ކުޑަކުއްޖަކު ވަނީ މަރުވެފަ އެވެ. ޖަރުމަނުގައި ފެނުގެ ހާދިސާތަކުގައި 20އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޓަލީން ވެސް ބުދަ ދުވަހު ވަނީ ހޫނުގެ ސަބަބުން ފަސް މީހަކު މަރުވިކަން ރިޕޯޓްކޮށްފަ އެވެ.
ފްރާންސުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް އިންޒާރު ދެއްވި ގޮތުގައި، ހޫނާ ގުޅުންހުރި ބަލިތަކުގައި ހޮސްޕިޓަލްތަކަށް ދައްކާ ބަލިމީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
"އިމަޖެންސީ ވޯޑުތަކަށް މީހުން ދާ މިންވަރު އިތުރުވާން މި ފެށުނީ އަދި ކިރިޔާ،" އޭނާ ވިދާޅުވި އެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. މީގެ ތެރޭގައި ޕެރިހުގައި އާންމު ތަންތަނުގައި ފެން ބުއިން ހަނިކުރުމާއި ފްރާންސުގެ 13,500އަށް ވުރެ ގިނަ ސްކޫލް އަދި އިނގިރޭސިވިލާތުގެ 1,000އަށް ވުރެ ގިނަ ސްކޫލް މުޅިން ނުވަތަ ބައެއް ގަޑިތަކަށް ބަންދުކުރުން ހިމެނެ އެވެ. އިޓަލީގެ ބައެއް ސަރަހައްދުތަކުގައި ދުވާލުގެ އެންމެ ހޫނުގަދަވާ ވަގުތުތަކުގައި ބޭރުތެރޭގައި މަސައްކަތްކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މި ހީޓްވޭވް ކުރިމަތިވަމުންދަނީ ޔޫރަޕްގެ ބޮޑު ސަރަހައްދެއްގައި ހޫނު ވައި ހިފަހައްޓަމުންދާ 'އޮމެގާ ބްލޮކް'ގެ ސަބަބުންނެވެ.
"ޔޫރަޕަށް ކުރިމަތިވެފައިވާ މި ހީޓްވޭވްއަކީ މޫސުމީ ކާރިސާގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް" ސައިމަން ސްޓިއެލް، މި ގަދަ ހޫނުމިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުވަމުން ވިދާޅުވި އެވެ.
ހޫނުމިން އެއްވަރެއްގައި ހިފެހެއްޓިފައި ގިނަ ދުވަސް ވުމުގެ ސަބަބުން، ފްރާންސުގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ދަށްވެ، ކާބޯތަކެތީގެ އަގުތައް އުފުލި އަދި ހޫނުމިން މަތިވަމުންދާ ވަރަކަށް މުޅި ޔޫރަޕްގައި އެއާކޮންޑިޝަން ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މިހާރު ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ