"އިނގިރޭސިވިލާތުން ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ފައިދާއެއް ލިބުނީ ރާއްޖެއަށް"

އިނގިރޭސިވިލާތައް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލުމުން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ޤައުމަކީ ދިވެހިރާއްޖެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މެއި މަހުގެ 20ވަނަ ދުވަހު އިނގިރޭސިވިލާތުން ވަނީ އެ ޤައުމަށް އެތެރެކުރާ މަހުން ނަގާ ޓެރިފް ކަނޑާލާފައެވެ. އިނގިރޭސި ސަރުކާރުގެ މިނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެޤައުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެންނެވި ބަދަލެކެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތަކާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލީ ރާއްޖެއަށް އެކަނި ނޫންކަމުގައިވީ ނަމަވެސް އެކަމުން ވަކި ޤައުމަކަށް އެންމެ ބޮޑު ފައިދާއެއް ލިބިގެންދިޔައީ ރާއްޖެއަށްކަމަށެވެ.
ވަޒީރު ވިދާޅުވީ، އަދުގެ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހަޤީގީ މަސައްކަތްތަކެއް ތެދު ނިޔަތަކާއިއެކު ކުރަމުންދިޔަކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބޭއްވެވި ކޮންމެ ބައްދަލުކުރެއްވުމެއްގައިވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރައްވާފައިވަނީ މަހުގެ ޓެރިފް ކަނޑާލުމާއިމެދުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއިން 2ވަނަ އަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ޤައުމެކެވެ. އަދި ރާއްޖެއަކީ 9ވަނަ އަށް އިނގިރޭސިވިލާތައް މަސް އެކްސްޕޯޓްކުރާ ޤައުމެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، މިކަމުގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ޤައުމަކީ ރާއްޖެ ކަމަށެވެ. އަދި އެންމެ ބޮޑު މަސައްކަތެއް ކުރި ޤައުމަކީވެސް ރާއްޖެކަމަށެވެ.
"އަޅުގަނޑުމެންނަކީ ޔޫކޭއަށް މަސް އިމްޕޯޓްކުރާ 9ވަނަ ގައުމު. ޓޮޕް 9 ގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. އެންމެ ގިނައިން މަސް ބޭރުކުރާ 7 ގައުމަކީ އެދުވަހު ޓެރިފް ކަނޑާލުމާއި ހިސާބަށްވެސް ޒީރޯ ޓެރިފްގައި ޔޫކޭއަށް މަސް ބޭރުކުރަމުން ދިޔަ ޤައުމުތައް. އެހެންވީމަ އަޅުގަނޑުމެން މިޖެހުނީ އެދުވަހާއި ހިސާބަށްވެސް ޒީރޯ ޓެރިފްގައި މަސް ބޭރުކުރަމުން ދިޔަ ޤައުމުތަކާއި ވާދަކުރަން. އެ 7 ޤައުމާއި ވާދަކުރަން މިޖެހުނީ އެހެންވެއްޖެކަމަށްވަންޏާ އަޅުގަނޑުމެންގެ އެކްސްޕޯޓަރުންނަށް ހުންނާނެ ގޮންޖެހުންތައް ތިބޭފުޅުން ވިސްނަވާ. އެބޭފުޅުން ޕްރޮފިޓް މާޖިން ގެންގުޅެންޖެހޭނެ މިންވަރު ބައްލަވާ." ވަޒީރު ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރުމަށް ދައްކަމުން އައި %20ގެ ޓެރިފް 2028 ވަނަ އަހަރުގެ ނިޔަލަށް ވަނީ މެދުކެނޑިފައެވެ. މިހާތަނަށް، އިނގިރޭސިވިލާތުގެ ބާޒާރަށް ކަނޑުމަހުގެ ބާވަތްތައް އެންމެ ގިނައިން އެތެރެކުރާ ދިހަ ޤައުމުގެ ތެރެއިން ހަތް ޤައުމު ކަމަށްވާ އިކުއެޑޯ، މޮރިޝަސް، ސީޝެލްސް، ގާނާ، ފިލިޕީންސް، ސްޕެއިން އަދި ނެދަލޭންޑްސްއަށް އެއްވެސް އިމްޕޯޓް ޑިއުޓީއަކާއި ނުލައި ކަނޑުމަހުގެ އުފެއްދުންތައް އެތެރެކުރެވެއެވެ.
ދިވެހިރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި، 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސިވިލާތަށް ކަނޑު މަސް ބޭރު ކުރެއެވެ. އިނގިރޭސިވިލާތުން ނިންމި މި ނިންމުން ދާއިމީ ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ދިވެހިރާއްޖޭގެ ފަރާތުން ކުރިއަށް ގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ