ސަންޕާ ސަރަހައްދުގައި ހަރަކާތްތެރިވާ ސެޓިފައިޑް ގައިޑުންގެ އަދަދު 636އަށް

އަރިއަތޮޅު ދެކުނުބުރީގައި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ ސަރަޙައްދު ނުވަތަ "ސަމްޕާ"އަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އިތުރު 12 ބައިވެރިއަކު ގައިޑް އިމްތިހާނު ފުރިހަމަކޮށް ގައިޑުންގެ އަދަދު 636އަށް އަރާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަންޕާ) ސަރަހައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން އެސަރަހައްދަށް ގިނައިން ޕްލޭންކްޓަން ޖަމާވެއެވެ. މީގެ ސަބަބުން ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި އޭގެ ކާނާހޯދުމަށާއި އޭގެ ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށް އެސަރަހައްދަށް ތިލަވެއެވެ.
ވަކި މޫސުމެއްނެތި ފެހުރިހި އެސަރަހައްދަށް އެއްވެ އުޅުމުގެ ސަބަބުން ފެހުރިހި ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު އެސަރަހައްދަށް ޖަމާވެއެވެ. އެގޮތުން ދުވާލަކު އެތައް ބަޔަކު ސްނޯކަލް ކުރުމާއި ޑައިވް ކުރުމުގައި އެސަރހައްދުގައި ހަރަކާތްތެރިވުމުގެ ތެރޭގައި ފަހުގެ ތާރީޚެއްގައި ގިނަ ހިތާމަވެރި ހާދިސާތަކެއްވަނީ ހިނގާފައެވެ. މީގެ އިތުރުން މި ސަރަހައްދުގެ ގާތްގަނޑަކަށް %70 ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މިފަދަ ކަންކަން މޮނިޓަރކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ގައިޑުންނަކީ ސެޓިފައިޑް ބަޔަކަށް ހެދުމަށް އެ ސަރަހައްދު ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. ފެހުރިހި ބެލުމަށް މޫދަށް ފައިބާ ފަތުރުވެރިންނާއި ފަރުތުވެރިން އެސަރަހައްދަށް ގެންދާ ފަރާތްތައް ނުވަތަ ސަންޕާ ގައިޑުންނާއި އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލު ކުރަންޖެހޭ އުސޫލުތައް މިޕްލޭންގައި ކަނޑައަޅާފައިވެއެވެ.
ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭނާއެކު އެސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް ވަނީ ބާޔާންކޮށްފައެވެ. އެ މަސައްކަތުގެ ދަށުން އެސަރަހައްދުގައި ހަރަކާތްތެރިވާ ގައިޑުން ސެޓިފައިޑްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ސަމްޕާގެ ސެޓިފައިޑް ގައިޑަކަށް ވުމަށް ބޭނުންވާ ފަރާތްތަކަށް ކޮންމެ ބުދަ ދުވަހަކު މާލެއާއި، އދ. މާމިގިލީގައި އިމްތިހާނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކުން ގައިޑް އިމްތިހާނުން %75 އަށްވުރެ މަތިން މާކްސް ހޯދުމާއި އިމަޖެންސީ ފަސްޓް ރެސްޕޮންސް ފުރިހަމަކޮށްފައިވުން ހިމެނެއެވެ. އަދި ރެސްކިއު ޑައިވަރ ސެޓިފިކެޓް ނުވަތަ ސްނޯކަލް ގައިޑް އަދި ލައިފްގާޑް ސެޓިފިކެޓް އޮތުން މުހިންމުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި އިމްތިހާނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އަދި މިހާރު ސެޓިފައިވެފައިވާ ގައިޑުންގެ ލިސްޓު އެ ވުޒާރާގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. އެހެންކަމުން ސެޓިފައިޑް ގައިޑުންގެ ޖުމްލަ އަދަދު މިހާރު ވަނީ 636 އަށް އަރާފައެވެ.
މި ކާމިޔާބީއަކީ ސަމްޕާ ސަރަޙައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކަމާއެކު ފަތުރުވެރިންނަށް ދެއްކުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ