ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް ހާސިލްނުކުރެވުނު ކަމަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭރުކޮށްެ އެ މީހުންގެ އަތްދަށުން ގައުމު ސަލާމަތްކުރުން ކަމަށް ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - އިންޑިއާގެ ސިފައިންތަކެއް މި ގައުމުގައި މި ތިބީ އެ ގައުމުގެ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރަން ވެގެންނެވެ. އެ ގޮތުން:
ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ތެރެއިން ސިފައިން ތިބޭ ގޮތަށް ފުރަތަމަ ހެލިކޮޕްޓަރު ހަދިޔާކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި
އެ އުސޫލުން ދެވަނަ ހޮލިކޮޕްޓަރަކާ އެކު އިތުރު ސިފައިން ގެނައީ ޔާމީނުގެ ވެރިކަމުގައި؛ ނަމަވެސް އިންޑިއާއާ އެކު ޖެހުނު މައްސަލަތަކާ ވެސް އެކު ޔާމީން ބޭނުންފުޅުވި ގޮތަށް ދިވެހިން ތަމްރީނު ނުކުރުމުން ސިފައިން ބޭރުވާން އެ ސަރުކާރުގައި އެންގި
އެއްބަސްވުންތައް އާކޮށް، އިންޑިއާއިން ޑޯނިއާ މަތިންދާބޯޓަކާ އެކު އިތުރު ސިފައިން ފޮނުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި
އެ އުޅަނދުތައް ބަލަހައްޓަން ރާއްޖޭގައި ތިބި 77 ސިފައިން ބޭރުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ސަރުކާރުން ކުރި ކަމަކީ، އިންޑިއާއާ ވާހަކަ ދައްކައިގެން އޭރު ތިބި ސިފައިން ފޮނުވާލުމަށް ފަހު އޭގެ ބަދަލުގައި ހަމަ އެ އަދަދަށްވާ ވަރަށް އިންޑިއާ އަސްކަރީ އުޅަނދުތައް ހެދި ކުންފުނީގެ މަދަނީ މުވައްޒަފުން ގެނައީ އެވެ.
ތަފްސީލް - ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭ ވާހަކަ އޭރު ޔާމީނާ އެކު އެންމެ ގަދައަށް ދެއްކެވި ބޭފުޅަކީ މިހާރުގެ ރައީސް މުއިއްޒެވެ. ދެން އެންމެ ގަދައަށް އެ ވާހަކަ ދެއްކެވީ، އޭރު ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މިހާރުގެ މަޖިލިސް މެންބަރު އަހުމަދު އަޒާން ކަމަށް ޔާމީން ވިދާޅުވި އެވެ.
ނަމަވެސް މިހާރު މި ތަނުގައި އިންޑިއާ ސިފައިން ބަނޑަހަ ޖަހައިގެން ތިބުން މި ބޭފުޅުންނަށް އެއްވެސް މައްސަލައަކަށް ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖެއަށް އެންމެ ފުރަތަމަ ދައުވަތު ދިނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަމުގައި އެހެން ގޮތެއް ނެތިގެން ކަމަށެވެ. އެގޮތުން، 1988 ވަނަ އަހަރު، ސްރީ ލަންކާގެ ތަމަޅައިންގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ މީހުންނާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްކުރަން ވެގެނެވެ.
ޔާމީންގެ ބޭބޭފުޅު، މައުމޫން އޭރުގައި ހިކުމަތްތެރިކަމާ އެކު އިންޑިއާ ސިފައިން މަޑުމަޑުން ފޮނުވަމުން ގެންދިޔަކަން ޔާމީން ފާހަގަކުރެއްވި އެވެ. ނަމަވެސް މައުމޫނުގެ ވެރިކަމަށް ފަހު ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔައީ އިންޑިއާއަށް ވަރަށް ބޮޑަށް ދީއްލައިލި ތަން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
"ރައީސް މައުމޫން ހަމަ ބުއްދި ބޭނުންކޮށްގެން މަޑުމަޑުން އިންޑިއާ ސިފައިން މި ތަނުން ބޭރުކުރެއްވީ. ދެން ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާއަށް ދީއްލައިލީ. އޭގެ ފަހުގައި ކޮންމެ ސަރުކާރެއްގައި ވެސް ފެނުނީ އިންޑިއާ ސިފައިން ރާއްޖެއަށް ގަދަކުރާ ތަން،" ޔާމީން ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ނުވި ކަމަކީ އެއީ."
ކުރީގެ ރައީސް ސޯލިހާއި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި ވެސް ފެނުނު މަންޒަރަކީ އިންޑިއާގެ 'އުނގަށް ވެއްޓޭ ތަން' ކަމަށް ޔާމީން ވިދާޅުވި އެވެ. ދެން އެންމެ އަވަހަށް އެމްޑީޕީން ސަރުކާރާ ހަވާލުވާ ނަމަ، މި ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެމްޑީޕީގެ މެންބަރުންނަށް ވެސް މި ކަންކަން މައްސަލައަކަށް ނުވާތީ އެ ކަމާ މެދު އަޅުގަނޑުގެ ހިތްހަމަނުޖެހުން އެބަ އޮތް،" ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑަށް ވެސް ނުވި ކަމަކީ އިންޑިއާ ސިފައިންގެ އަތުން ގައުމު ސަލާމަތްކުރުން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ