ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 235 މީހުން މަރުވެއްޖެ
ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމުގައި 235 މީހުން މަރުވެއްޖެއެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކުގައި އިމާރާތްތައް ވެއްޓި، އޭގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމަށް އާންމުންނާއި މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބުދަ ދުވަހު އައި މި ބިންހެލުންތަކުގައި މިހާތަނަށް 235 މީހުން މަރުވެ، 4،300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާއިރު، ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ލަފާކުރާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ވޭތުވެދިޔަ 126 އަހަރުގެ ތެރޭގައި ވެނެޒުއޭލާއަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށްވާއިރު، މީހުން ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އދ. ގެ އެހީއާ ބެހޭ އިސްވެރިޔާ ޓޮމް ފްލެޗާ ވަނީ ވިދާޅުވެފައެވެ. މި ކާރިސާއާ ގުޅިގެން ވެނެޒުއޭލާގެ ސަރުކާރުން ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފުރަތަމަ އައިސްފައިވަނީ ރިކްޓާ މިންގަނޑުން 7.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އަދި އޭގެ ސިކުންތުކޮޅެއް ފަހުން 7.5 ގެ ބާރުމިނުގެ ދެވަނަ ބިންހެލުމެއް އައިސްފައިވެއެވެ. ޔޫއެސްޖީއެސް އިން ހާމަކޮށްފައިވާ ގޮތުގައި ފުރަތަމަ ބިންހެލުން އުފެދިފައިވަނީ ބިމުގެ 20.3 ކިލޯމީޓަރު އަޑިންނެވެ. އަދި ދެވަނަ ބިންހެލުން އުފެދިފައިވަނީ 10 ކިލޯމީޓަރު އަޑިންނެވެ. ބިންހެލުން އައިސްފައިވަނީ ބުދަ ދުވަހުގެ ހަވީރު 6:04 ހާއިރު ކަމަށްވުމާއި، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވުމުން ގިނަ ބަޔަކު ތިބީ ގޭގައެވެ. މި ބިންހެލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވެރިރަށް ކަރާކަސްގެ އިތުރުން އައްސޭރިފަށުގެ ސަހަރެއް ކަމަށްވާ ލަ ގުއައިރާ އަށާއި މޮރޮން އަށެވެ. މީގެ އިތުރުން ޓްރުހިޔޯ، ޔަރަކުއީ، ކަރަބޯބޯ، އަރާގުއާ އަދި މިރާންޑާ ސްޓޭޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިންޓީރިއާ މިނިސްޓަރު ޑިއޮސްޑާޑޯ ކަބޭޔޯ ވިދާޅުވި ގޮތުގައި، ހަމައެކަނި ލަ ގުއައިރާ ސްޓޭޓުން ވެސް 70،000 އަށް ވުރެ ގިނަ އާއިލާއަށް ވަނީ މި ކާރިސާގެ އަސަރުކޮށްފައެވެ. ވެނެޒުއޭލާގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކަމަށްވާ މައިކޭޝިއާ އެއާޕޯޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ސީލިންގު ވެއްޓުމުގެ ސަބަބުން އެތަން ވަނީ ބަންދުކޮށްފައެވެ. ބިންހެލުމުގައި އިމާރާތަކަށް ގެއްލުންވެފައި. ފޮޓޯ/ގެޓީ ލަ ގުއައިރާގައި ގިނަ ބަޔަކު އަދިވެސް ދަނީ އެއްވެސް އާލާތެއް ނެތި، ހަމައެކަނި އަތް ބޭނުންކޮށްގެން ކޮންކްރީޓު ގަނޑުތައް ދުރުކޮށް، މީހުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ކާލޯސް ބޯހޭސް ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި، އެ މީހުންނަށް ވެވުނު ވަރަކުން އެހީތެރިވަމުން ދިޔަ ނަމަވެސް، ބަރު މެޝިނަރީ ނެތުމުގެ ސަބަބުން މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ. އޭނާގެ ޓީމުން ވަނީ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ތިން މީހަކު ސަލާމަތްކޮށްފައެވެ. ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، ހަމައެކަނި ލަ ގުއައިރާ އިން ވެސް 250 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެ ތެރޭގައި 10 ބުރީގެ ހޮޓަލެއް ވެސް ހިމެނެއެވެ. ސަރުކާރުގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ލަ ގުއައިރާގެ ރައްޔިތެއް ކަމަށްވާ އާޖެނިސް މާޓިނޭޒް ބުނި ގޮތުގައި، އަސްކަރިއްޔާ ނެރެގެން ނަމަވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރަން ޖެހެއެވެ. އަދި ޓްރެކްޓަރު ފަދަ އުޅަނދުތައް ބޭނުންކޮށްގެން މީހުންނަށް އެހީތެރިވުމަށް އޭނާ ވަނީ ގޮވާލާފައެވެ. ބައެއް ސަރަހައްދުތަކުގައި ގޭސް ކަނޑައިލާފައި އޮތް ނަމަވެސް، ވެއްޓިފައިވާ އިމާރާތްތަކުގައި ރޭގަނޑު އަލިފާން ރޯވުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ. އަމިއްލަ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު މަގުމަތީގައި ނިދަން މަޖުބޫރުވެފައިވާއިރު، ކަރަންޓާއި ފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. އުމުރުން 50 އަހަރުގެ ސުހައިލް ސާކުއިޒް ބުނި ގޮތުގައި، އޭނާ ދިރިއުޅެމުންދިޔަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ވަޒީފާ ވެސް ގެއްލިފައިވާ ކަމަށާއި، ގައުމުގައި އިތުރު އާއިލާ މެންބަރަކު ނެތް ކަމަށް އޭނާ ފާހަގަކުރިއެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އާންމުންގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ ސައިކަލު ގުރޫޕެއް ކަމަށްވާ "ކޮލެކްޓިވޯ" ގެ މެންބަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ރޮއިޓާސްގެ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފައެވެ. ބިންހެލުމާ ގުޅިގެން ހާލުގައިޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ. ހާދިސާގައި 235 މީހުން ވަނީ މަރުވެފަައި. ފޮޓޯ/އީޕީއޭ ހޮސްޕިޓަލުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ލަ ގުއައިރާގައި ހުންނަ ހޯސޭ މާރިއާ ވާގަސް ހޮސްޕިޓަލް ވަނީ އަނިޔާވެފައިވާ މީހުންނާއެކު ފުރިފައެވެ. ޖާގަ ނެތުމުގެ ސަބަބުން ބައެއް މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުން ބޭރުގައެވެ. މި ހާދިސާގައި އާއިލާގެ މެންބަރުންނަށް ލިބުނު ގެއްލުންތައް ހިއްސާކުރަމުން ބިއަޓްރިޒް ރޮޑްރިގޭޒް ބުނީ، އޭނާގެ ފަސް އަހަރުގެ ކުޑަ ކުއްޖަކު މަރުވެފައިވާ ކަމަށާއި، އަނެއް ކުއްޖާގެ ފައި ބުރިކޮށްލަން ޖެހިފައިވާ ކަމަށެވެ. މޮރޮންގައި ހުންނަ ކުޑަ ހޮސްޕިޓަލެއްގައި މަސައްކަތްކުރައްވާ ޑޮކްޓަރު އޮގަސްޓޯ ރަމިރޭޒް ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލޭގެ ޕްރެޝަރު ބަލާ މެޝިނާއި، ގޯޒް، ތާމޯމީޓަރު، އަންގި އަދި ތަދުކަނޑުވާ ބޭސް ފަދަ އަސާސީ ސާމާނު ވެސް ހޮސްޕިޓަލުގައި ނެތް ކަމަށެވެ. އޭނާއާއި އިތުރު ދެ ޑޮކްޓަރުން ވެގެން 112 މީހަކަށް ފަރުވާދީފައިވާއިރު، އޭގެ ތެރެއިން ނުވަ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. ވެނެޒުއޭލާގެ ރެޑް ކްރޮސްގެ މައި އިމާރާތަށާއި ފަރަންސޭސި އެމްބަސީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ކާރިސާގައި މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ދެ ރައްޔިތަކު ވެސް ހިމެނޭ ކަމަށް ވެނެޒުއޭލާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ކަށަވަރުކޮށްދީފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން، އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ އުންމީދު ދަނީ ކުޑަވަމުންނެވެ. ލަ ގުއައިރާގައި ކުޑަ އަންހެން ކުއްޖަކު އެހީއަށް އެދި ގޮވަމުން ދިޔަ އަޑު އެތައް ގަޑިއިރެއް ވަންދެން އިވުނު ކަމަށާއި، ނަމަވެސް އެ ކުއްޖާ ނެރެވޭނެ ގޮތެއް ނެތި ފަހުން މަރުވެފައިވާ ކަމަށް މަންޒަރު ދުށް މީހުން އޭއެފްޕީއަށް ކިޔައިދީފައިވެއެވެ. ވެނެޒުއޭލާއަށް ބުދަ ދުވަހު ވަނީ ބާރުގަދަ ދެ ބިންހެލުން އައިސްފައި. ފޮޓޯ/ރޮއިޓާސް އެހެން ސަރަހައްދެއްގައި ވެސް ތިން މީހަކު ދިރިތިބި ކަމުގެ އަޑު އިވުނު ނަމަވެސް، އެ މީހުން ނެރޭނެ ވަސީލަތެއް ނެތް ކަމަށް އެ ސަރަހައްދުގައި ހުރި އެންޓޯނިއޯ ބާމިއުޑޭޒް ބުނެފައިވެއެވެ. ޑޮމިންގޯ ލޫސިއާނީ ހޮސްޕިޓަލުގެ ޑޮކްޓަރަކު ވިދާޅުވި ގޮތުގައި، އިމާރާތްތަކުގެ ދަށުން ނެރެގެން އެކަނިމާއެކަނި އެމްބިއުލާންސްތަކުގައި ކުޑަކުދިން ހޮސްޕިޓަލަށް ގެންނަމުންދެއެވެ. ބައެއް ކުދިންނަށް އަމިއްލަ ނަން ބުނަން އެނގުނު ނަމަވެސް، އަނެއްބައި ކުދިން ގެންނަނީ އަތުގައި ހަމައެކަނި އައިޑެންޓިފިކޭޝަން ޓޭޕެއް އަޅުވައިގެންނެވެ. މި ކާރިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ވެނެޒުއޭލާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާއިން ވަނީ 150 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަން އިއުލާނުކޮށް، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތަށް އަސްކަރީ މަތިންދާބޯޓުތަކާއި އުޅަނދުތައް ފޮނުވަން ނިންމާފައެވެ. މީގެ އިތުރުން ސްޕެއިން، މެކްސިކޯ، ގަތަރު އަދި ޗިލީ ފަދަ ގައުމުތަކުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ޗިލީގެ ރައީސް ހޯސޭ އެންޓޯނިއޯ ކާސްޓް ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސްއާ ފޯނުން ގުޅުއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ވެނެޒުއޭލާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލަ ގުއައިރާގައި ފީލްޑް ހޮސްޕިޓަލުތަކެއް ގާއިމުކުރަމުންދާ ކަމަށާއި، އެ ތަންތަނުގައި ކުއްލި އޮޕަރޭޝަންތައް ކުރެވޭނެ ކަމަށެވެ. ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ކާބޯތަކެއްޗާއި ފެން ނުލިބުމުގެ ސަބަބުން ފިހާރަތައް ފަޅައިލައި، މުދާ ފޭރުމުގެ ހާދިސާތައް ވެސް ހިނގަމުންދާ ކަމަށް ރޮއިޓާސްގެ ނޫސްވެރިން ވަނީ ރިޕޯޓުކޮށްފައެވެ. މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ