ވޯލްޑް ކަޕް އިން ކެޓިޔަސް ކިއުރުސާއޯ އިން ފުޓްބޯޅައިގެ މަސައްކަތް ކުރަންވީ "އިސް އުފުލައިގެެން"

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އެންމެ ކުޑަ ގައުމު، ކިއުރުސާއޯ އިން މި ފަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކެޓި ނަަމަވެސް، ކުޅުނު މެޗުތަކުން ލިބުނު ތަޖުރިބާތަކުގެ އަލީގައި މުސްތަގުބަލަށް މަސައްކަތް ކުރަންވީ "އިސް އުފުލައިގެން" ކަމަށް އެ ޓީމުގެ ކޯޗު ނެދަލެންޑްސްގެ ޑިކް އެޑްވޮކާޓް ބުނެފި އެވެ. 
އުމުރުން 78 އަހަރުގެ ކޯޗު އެޑްވޮކާޓަކީ، އާބާދީގައި އެންމެ 150،000 މީހުން ތިބި ކިއުރުސާއޯ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން މޭސްތިރިއާ އެވެ. ވޯލްޑް ކަޕަށް ކިއުރުސާއޯ ކޯޗުކޮށްދިނުމަށް ފަހު މި އަހަރުގެ ކުރީކޮޅުގައި އެޑްވޮކާޓް ވަނީ އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ. އެކަމަކު، ކުޅުންތެރިންނާއި ފެޑެރޭޝަނުގެ އެއްބާރުލުމާ އެކު، އެޑްވޮކާޓް ނިންމީ އަލުން އެ ޓީމާ ހަވާލުވެ، ވޯލްޑް ކަޕްގައި އެ ޓީމަށް އިރުޝާދުދިނުމަށެވެ. 
ވޯލްޑް ކަޕްގެ ފުރަތަަމަ މެޗުގައި ކިއުރުސާއޯ ވަނީ 7-1 އިން ހަތަރު ފަހަރު މުބާރާތް ކާމިޔާބުކުރި ޖަރުމަނު އަތަުން ބަލިވެފަ އެެވެ. އެކަމަކު، ދެ ވަނަ މެޗުގައި ދެކުނު އެމެރިކާގެ ގަދަަ ޓީމެއް ކަމަށްވާ، އެކުއެޑޯއާ ކުޅެގެން ކިއުރުސާއޯ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، އެފްރިކާގެ ޗެމްޕިއަން ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓް އަތުން ކިއުރުސާއޯ ބަލިވީ 2-0 އިންނެވެ. 
"އަހަރެން މި މުބާރާތްތަކުގަައި ކުރިން ވެސް މަސައްކަތްކުރިން، އަހަންނަށް އެނގޭ ކޮންމެ ޓީމެއްގެ ވެސް އުންމީދުތައް މަތިވާނެކަން. އެކަމަކު، މި ޓީމު (ކިއުރުސާއޯ) އާ މެދު އަހަންނަށް ބުނެވޭނީ މިހާރު ވެސް ހަގީގަތަށް ވިސްްނަންޏާ މި ޓީމުން ވަރަށް ކަންކަން ހާސިލްކޮށްފިޔޭ،" ކުރިން ނެދަލެންޑްސް އަށް ވެސް ކޯޗުކޮށްދިން އެޑްވޮކާޓް ބުންޏެވެ. 
އެޑްވޮކާޓް ބުނީ، ޖަރުމަނާއި އެކުއެޑޯ އަދި އައިވަރީ ކޯސްޓަކީ ދުނިޔޭގެ ފެންވަރުގެ ފުޓްބޯޅައިގެ ގައުމުތައް ކަމަށާއި އެ ޓީމުތަކާ ދެކޮޅަށް ކިއުރުސާއޯ އިން ކުރި މަސައްކަތް ފާހަގަކުރަންޖެހޭ ކަމަށެވެ. 
"ސިކުނޑީގައި ބަހައްޓަންވީ އަހަރެމެން މި ވާދަކުރީ ކޮން ގައުމުތަކަކާކަން. އަހަރެމެން މި ކުޅުނީ ކޮންމެ ލެވަލެއްގައި ފުޓްބޯޅަ އޮތް ގައުމުތަކަކާ ކަން. އަހަރެމެން މި މަސައްކަތް ކުރީ ކިހާ ކެރިގެންކަން. އެއީ އެންމެ މުހިންމު ކަމަކީ، ދެން އޮތް ކަމަކީ، ކުރެވުނު މަސައްކަތާ މެދު އިތުބާރުކޮށް އިސް އުފުލައިގެން މި މަސައްކަތް ކުރިއަށްގެންދިއުން،" ފުރަތަމަ ވޯލްޑް ކަޕުން ކެޓުމަކީ މާޔޫސްވާންޖެހޭ ކަމެއް ނޫންކަަން އިޝާރާތްކޮށް، އެޑްވޮކާޓް ބުންޏެވެ. 
ނެދަލެންޑްސް އަކީ ކިއުުރުސާއޯ ދަރިކޮޅަށް ނިސްބަަތްވާ ގިނަ ކުޅުންތެރިން ކުޅޭ ގައުމެކެވެ. އެޑްވޮކާޓް ބުނީ، ބޭނުންވަނީ މުސްތަގުބަލުގައި ކިއުރުސާއޯ ތަމްސީލްކުރާނެ ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ހޯދައިގެން، އެ ގައުމުގެ ފުޓްބޯޅަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ސިސްޓަމެއްގެ ތެރެއިން ކުރިއަށްދިއުން ކަމަށެވެ. 
ރަޝިއާ އާއި ދެކުނު ކޮރެއާ އަށް ވެސް ކޯޗުކޮށްދިން އެޑްވޮކާޓް ވަނީ، ކިއުރަސާއޯގެ ފުޓްބޯޅަ ދެނެގަތުމަށްޓަކައި، އެ ގައުމުގެ ފުޓްބޯޅައިގެ އެކި ހިދުމަތްތެރިންނާއި އެކަޑަމީތަކާއި ކޯޗުންނާ އެކުގައި އަމިއްލަ އަށް ވަގުތު ހުސްކޮށްގެން، ރަނގަޅު ޓީމެއް އެކުލަވާލަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެ ގޮތުން، ކިއުރުސާއޯގެ ކުޅުންތެރިންގެ އާންމު ދިރިއުޅުމުގެ ހާލަތާއި ކުޅިވަރުގެ އަހުލާގުގެ ކަންކަމާ ބެހޭ ފުރިހަމަ މައުލޫމާތުތައް އެޑްވޮކާޓް ވަނީ އެއްކޮށްފަ އެވެ. އަދި، ޔޫރަޕްގެ އެކި ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ކިއުރަސާއޯގެ ދަރިކޮޅަށް ނިސްބަތްވާ އެކި ކުޅުންތެރިންނާ ވާހަކަ ދައްކައި، އޭގެ ތެރެއިން ވެސް ކިއުރަސާއޯ އަށް ކުޅެވޭނެ އެކިއެކި ރަނގަޅު ކުޅުންތެރިންތަކެއް ހޯދައި، ވޯލްޑް ކަޕުގައި ކުޅެވޭނެ ޓީމެއް އެކުލެވާލުމުގެ މޭސްތިރިއަކީ، 45 އަހަރުގެ ކޯޗިން ތަޖުރިބާ ހުރި އެޑްވޮކާޓް އެވެ.
އެކަމަކު، ވޯލްްޑް ކަޕް ނިމުމާ އެކު އެޑްވޮކާޓް، ކިއުރުސާއޯގެ ކޯޗުކަން ދޫކޮށްލާނެ އެވެ. އޭނާ އެދެނީ ދެން ހަވާލުވާ ކޯޗަކީ، ކިއުރުސާއޯ މިހާރު އެ އޮތް ލެވަލުން އެހެން ހަރުފަތަކަށް ގެންދެވޭނެ ކޯޗަކަށް ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ