މި ވާހަކަ އާއި އެ އަމަލަށް ފައްޔާޒަށް 100

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާރެއާ ހިޔާކުރައްވަން، ފައްޔާޒު އިސްމާއިލް ކުޑައެއް ނަންގަވައިގެން ހުންނެވި ފޮޓޯ ފެނުމުން ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަކު ފައްޔާޒަށް އެއީ ސުވާލު އުފެދެން ޖެހޭ ކަމެއް ވެސް ނޫނެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާނެކަން އިއުލާންކުރައްވައިގެން ހުންނެވި ފައްޔާޒުގެ އެ އަމަލަކީ ނަޝީދުގެ އަރިހުގައި 'ކުޑަވެފައި' ހުންނެވުން ކަމަށް، ބައެއް މީހުންނަށް ހީކުރެވިދާނެ އެވެ. އެކަމަކު ހަގީގަތުގައި އެއީ ކުޑަވުމެެއް ވެސް ނޫނެވެ. އެއީ ދަށްވުމެއް ވެސް ނޫނެވެ. އެއީ އިހުތިރާމުުގެ ވެސް ސިފައެކެވެ.
'ދައުރު'ގެ ޕޮޑްކާސްޓް 'އެއްބަސްވެ ދެބަސްވަމާ'ގައި ފައްޔާޒު ވަނީ ވަރަށް ސާފުކޮށް ޖަވާބު ދެއްވައިފަ އެވެ.
އޭނާގެ ފުރަތަމަ ވާހަކައަކީ ވެސް މި އެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑު ހަމަ ވަރަށް ސަޕްރައިޒްވޭ އެއީ ކޮންސާނަކަށް ވީތީވެ."
ދެން ދެއްވީ އެކަން ވީ ގޮތާއި އޭނާގެ މިޒާޖުގެ ކުޑަ ތައާރަފެކެވެ.
ފޮޓޯއިން ފެންނަނީ ނަޝީދު ހިޔާކުރައްވަން ކުޑަ ނަންގަވައިގެން ފައްޔާޒު ހުންނެވި ތަނެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި އެއީ އޭރު އޭނާގެ އަތްޕުޅުގައި އޮތް ކުޑައެއް ވެސް ނޫނެވެ. ކުޑަ އޮތީ ނަޝީދުގެ އަތްޕުޅުގަ އެވެ. ވާރެއިން ފައްޔާޒު ވެސް ހިޔާކުރައްވަން ނަޝީދު އެ ކުޑަ ދެއްވީ އެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑުގެ އަތުގައި ކުޑައެއް އޮއްވާ ވާރޭ ވެހޭ ތަނެއްގައި ހިރިގާ ހުންނެވިިޔަސް އަޅުގަނޑު ކުޑަ ދޭނަން،" ފޮޑްކާސްޓް ހުށައެޅުއްވި 'ދައުރު'ގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރަށް ނިސްބަތްކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.
"ނަޝީދުގެ އަތްޕުޅުގައި އޮތް ކުޑައެއް ވާރޭ ވެހެން ފެށީމާ ނަޝީދު އަޅުގަނޑު ހިޔާކޮށް [ކުޑަދޮށަށް] ވެއްދެވީ،" ފައްޔާޒު ވިދާޅުވި އެވެ.
"ދެން އަޅުގަނޑަކީ ކޮންމެވެސް ލަދެއް ހަޔާތެއް ހުރި މީހެއް. ކުރީގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ކުރީގެ ދިވެހިރާއްޖޭގެ ޕާލެމެންޓްގެ ރައީސެއް، މިއީ އެމްޑީޕީ އުފެއްދެވި، ޕާޓީގެ މީހުންގެ ލޯބި [އޮތް ބޭފުޅެއް.
"އަޅުގަނޑަކަށް ނުކެރޭނެ ކޮންމެ މީހަކު، ކޮންމެ އެއްޗެއް ކިޔަސް، ރައީސް ނަޝީދުގެ ކުޑަ އަތުލައިގެން ހުންނާކަށް." 
އެއީ ހަމައެކަނި ނަޝީދު ވެގެން އޭނާ އަމަލްކުރައްވާނެ ގޮތް ނޫންކަން ވެސް ފައްޔާޒުގެ ޖަވާބުގައި ސާފުކޮށްދެއްވި އެވެ. އެއީ އޭނާގެ މިޒާޖެވެ.
"އަޅުގަނޑުގެ އަތުގައި ކުޑައެއް އޮއްވާ ރައީސް ނަޝީދެއް ނޫން. ރައީސް ސޯލިހެއް ނޫން. ރައީސް މުއިއްޒު ވަޑައިގަތަސް، އަޅުގަނޑު އެ ކުޑަ ދިއްކޮށްލާނަން ހިޔާކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާއަށް ވުރެ ސީނިއަ މީހުންނާއި ދޮށީ މީހުންނަށް އިހުތިރާމް އަދާކުރެއްވުމަކީ ކުޑަައިރު ދަސްކުރެއްވި ސިފަތަކެވެ.
"އަޅުގަނޑު ތެދުވާނަން ރައީސް މުއިއްޒު މިތަނަށް ވަޑައިގެންފިއްޔާ. އަޅުގަނޑު ގޮނޑީގައި އިށީދެގެން ނީންނާނަމޭ،" ފައްޔާޒު ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ބޮޑުކޮށްފައި ހުރި ގޮތް. އެއީ ގޯހެއްވިއްޔާ ގޯހެއް. އެ ބަދަލެއް ވެސް އަޅުގަނޑު ނުކުރާނަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ