މުއިއްޒުގެ ކިބައިގައި ދައުލަތް ހިންގުމުގެ އެއްވެސް ކަންފުޅެއް ނެތް: ޔާމީން

މުހައްމަދު މުއިއްޒުގެ ކިބައިގައި ދައުލަތް ހިންގުމުގެ އެއްވެސް ކަންފުޅެއް ނެތް ކަމަށާއި، ސަރުކާރުގެ އިދާރާތައް ހިނގާގޮތާއި އެއް އޮފީސް އަނެއް އޮފީހާ ގުޅޭގޮތް ވެސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ. 
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ،  ބީއެމްއެލްގެ ހިންގުމުގެ ކަންކަމުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ އަމަލީގޮތުން ބަސް ވިދާޅުވާ ހިސާބަށް ދިއުމުން، ކަންކަން އޮޅިފައިވާ މިންވަރު ހާމަވާ ކަމަށެވެ. އެހެންކަމުން މުއިއްޒަށް ދައުލަތުގެ ކަންކަން އެނގިވަޑައިގަންނަވާނެ ކަމަށް ރައްޔިތުން އުއްމީދުކޮށްގެން ނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ކަންކަން ނޭނގޭ މީހަކު ލަދުވެތިވާނެ ދެއްތޯ އޭނަ ކައިރީގައި ގާބިލް އިލްމީ މީހުން ގެންގުޅެން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މުއިއްޒަކީ ސިވިލް އިންޖިނިއަރަކަށް ވުމުން ގެދޮރު ބިނާކުރުމުގެ ކަންކަމަށް ރަނގަޅު ބޭފުޅަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، ގައުމެއް ހިންގުމުގެ އެއްވެސް ގާބިލްކަމެއް އެމަނިކުފާނުގެ ކިބައިގައި ނެތް ކަމަށާއި، ރާއްޖެ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަނޑުންނާއި ދަރަނިން އަރައިގަނެވޭނެ އެއްވެސް ހައްލެއް ނުވަތަ ފިކުރެއް މުއިއްޒުގެ ނެތް ކަމަށެވެ. 
ޔާމީން ފާހަގަކުރެއްވި ގޮތުގައި މުއިއްޒު ވެރިކަމުގެ ކުރީކޮޅު "ތިމަންނައަށް 100 ޕަސެންޓު އިތުބާރު ހިފޭ، އިހުލާސްތެރި މީހުންނަށް ނޫނީ މަގާމެއް ނުދޭނަމޭ" ވިދާޅުވި ވިދާޅުވުމަކީ، ކަންކަން ނޭނގުމުން ކުރިމަތިވާ ލަދުން ސަލާމަތްވެ، އިލްމީ ބަހުސްތަކުން ރެކުމަށް ދެއްކެވި ބަހަނާއެކެވެ.
ކެބިނެޓުގައި ކަންކަމާ މެދު ބަހުސްކޮށް މަޝްވަރާ ކުރަން މުއިއްޒު ބޭނުން ނުވާކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ހަނދާންތައް އާކުރައްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ކެބިނެޓަކީ ވަރަށް ދުޅަހެޔޮ މަޝްވަރާތަކެއް ކުރިއަށްދިޔަ އަދި ކެބިނެޓް ކައުންސިލްތައް ވަރަށް ގިނައިން ބޭއްވި ކަމަށެވެ. 
ނަމަވެސް މިހާރުގެ ސަރުކާރުން އެ މަންޒަރު ނުފެންނަ ކަމަށާއި، އެގޮތަށް ހިނގަމުންދަނީ މުއިއްޒުގެ ކިބައިގައި ހިންގުމުގެ ގާބިލްކަން ނެތުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ގާނޫނާ ހިލާފަށް ހިންގަމުންދާ ކަންކަމާ ދެކޮޅަށް އަޑުއުފުލުން ވަރުގަދަ ކުރުމަށް ޔާމީން ވަނީ ކުރިން ގޮވާލައްވާފަ އެވެ. 
ވެރިކަމުގެ ނިޒާމަށް އިޝާރާތް ކުރައްވައި ކުރިން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަކީ ވެސް ފުރިހަމަ ނުވަތަ ޕާފެކްޓް ވެރިކަމެއް ނޫން ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ގައުމު މިވަނީ ވިއްސަކަށް އަހަރު ފަހަތަށް ގޮސްފައި ކަމަށް އެމަނިކުފާނު ސިފަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ