ޑެންމާކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރަނީ

ޑެންމާކުގައި ބަންގީގެ އަޑު އާންމުކޮށް އިވުން މަނާކުރުމަށްޓަކައި އެގައުމުގެ އާ ސަރުކާރުން ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ބަލައި ދިރާސާކުރަން ފަށައިފިއެވެ.
އެގައުމުގެ އިމިގްރޭޝަން މިނިސްޓަރު މޯޓަން ބޮޑްސްކޯވް ބުނީ ޑެންމާކުގެ ފުރާޅުތަކުގެ މަތިން ބަންގީގެ އަޑު އިވިގެން ނުވާނެ ކަމަށާއި، އެއީ އެގައުމާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރު އިތުރަށް ބުނީ ޑެންމާކުގެ މަގުތަކުން ހިނގާފައިދާއިރު ޕާކިސްތާނުގެ އިސްލާމްއާބާދުގެ އަވަށެއްގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވިގެން ވެސް ނުވާނެ ކަމަށެވެ. އަދި އާންމު ހާމަ ތަންތަނުގައި އިސްލާމީ ކަންތައްތައް އިތުރުވަމުންދާ ދިއުމަށް ހައްލެއް ހޯދައި، އެފަދަ ކަންކަން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މި ނިންމުމަކީ ދާދިފަހުން ތިންވަނަ ދައުރަކަށް އިންތިޚާބުވި ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަންގެ އާ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ބައެކެވެ. ޑެންމާކުގައި ގާތްގަނޑަކަށް 270,000 މުސްލިމުން ދިރިއުޅެމުންދާއިރު، އެގައުމުގައި 100 އެއްހާ މިސްކިތް ހުރެއެވެ.
ފާއިތުވި އަހަރުތަކުގައި ޑެންމާކުން ވަނީ ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާބަލާއިރު ހިޖުރަވެރިންނާ މެދު އެންމެ ހަރުކަށި ސިޔާސަތުތައް ގެންގުޅޭ އެއް ގައުމަށް ވެފައެވެ. އެގައުމުގައި ހިޖުރަވެރިން ގިނައިން އުޅޭ ސަރަހައްދުތައް ނުވަތަ "ގެޓޯ" ތަކުން މީހުން މަދުކުރުމަށް ގާނޫނުތައް ހަދާފައިވާއިރު، ހިމާޔަތަށް އެދޭ މީހުންގެ އަތުގައި ހުންނަ އަގުބޮޑު ގަހަނާ ފަދަ ތަކެތި ސަރުކާރަށް ނެގުމުގެ ހުއްދަދޭ ޚިޔާލުތަފާތުވުން ބޮޑު ގާނޫނެއްވެސް ކުރިން ވަނީ ފާސްކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މީގެ ކުރިންވެސް މުސްލިމުންނާ މެދު އިހާނެތި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އަންނަ ޑެންމާކުގައި ބަންގީގެ އަޑު އިވުން މަނާކުރަން މިހާރު ކުރާ މަސައްކަތަކީ، އެގައުމުގައި އިސްލާމީ އާދަކާދަތައް އާންމު ހާމަ ތަންތަނުގައި އިތުރުވަމުންދާ ދިއުން ނުވަތަ "އިސްލާމައިޒޭޝަން" ހުއްޓުވުމަށް ސަރުކާރުން ހިންގާ ހާއްސަ ފިޔަވަޅުތަކުގެ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ