ފާއިތުވި ސީޒަނުގައި ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ކުރި، 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އީތަން އިބްރާހިމް ޒަކީ، ކުރިއަށް އޮތް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަނަކަށް ހަމަޖައްސައިފި އެވެ.
ވެލެންސިއާ އިން ޔޫތު ޗެމްޕިއަންޝިޕްގައި ނުކުޅޭއިރު، އީތަން ފެންނާނީ ނިއުގެ ނޫ ޖޯޒީގަ އެވެ.
ޒުވާން ގައުމީ ޓީމުތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އީތަން އަކީ ފާއިތުވި ދެ ސީޒަނުގައި ވެސް ވެލެންސިއާ ސީނިއާ ޓީމުގެ ކުޅުންތެރިއެކެވެ. އީތަން ވަނީ ވެލެންސިއާ ސީނިއާ ޓީމުގައި ހިމެނުނު ސީޒަނުގަައި ރާއްޖޭގެ ފުޓްބޯޅައިގެ ރެކޯޑެއް ވެސް ހަދައިފަ އެވެ. އެއީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހު، ދިވެހި ޕްރިމިއާ ލީގުގައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 2-1 އިން ކްލަބް ވެލެންސިއާ ބަލިވި މެޗުގައި ގޯލު ޖަހައިގެން، ޕްރިމިއާ ލީގުގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ.
ޒުވާން އުމުރުގައި އީތަން ވަނީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ވެސް ހާސިލްކޮށްފަ އެވެ. އެ ގޮތުން، ލަންކާ އެކެޑަމީއެއް މެދުވެރިވެ އީތަން ވަނީ އިންގްލެންޑަށް ގޮސްފަ އެވެ. އަދި ތައިލެންޑުގެ ޔޫތު ޓީމަކާ އެކު ސްޕެއިނާއި ފްރާންސްގެ މުބާރާތްތަކެއްގައި ކުޅެފައިވެ އެވެ. އޭގެ އިތުރުން، ދުބާއީގައި ބޭއްވި އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ގައުމީ 13 އަހަރުން ދަށުގެ ޓީމުގައި ހިމެނިގެން އީތަން ވަނީ ދުނިޔޭގެ މަޝްހޫރު ޓީމުތަކާ ކުޅެފަ އެވެ. އޭގެ ތެރެއިން އީތަން އަށް ހާއްސަ ތަޖުރިބާ އަކީ އާސެނަލާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗެވެ. އެ ދުވަހު ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އީތަން އެވެ.
ޕްރޮފެޝަނަލްކޮށް ފުޓްބޯޅައިގައި ކުރިއަށް ދިއުމުގެ ގޮތުން އާޖީލަކަށް ޕްރޮގްރާމްގައި ވެސް ބައިވެރިވި އީތަން ވަނީ 2019 ވަނަ އަހަރު ޓޫރިޒަމް ދުވަހު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނި ދުބާއީގައި ސްޕެއިނުގެ ކުރީގެ ޑިފެންޑަރު މިޝެލް ސަލްގާޑޯ ހިންގާ އެކެޑަމީގައި ތަމްރީން ހެދުމުގެ ފުރުސަތު ހޯދައިފަ އެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ޑިސެމްބަރުގައި ޓީސީ އެކެޑަމީއާ އެކު ތައިލެންޑް އިންޓަނޭޝަނަލް ޔޫތު ކަޕްގައި ކުޅެ ރިހި މެޑަލް ހޯދި ޓީމުގައި ވެސް އީތަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި، ސްޕެއިނުގެ ދަ ނެކްސްޓް ޖެނެރޭޝަން ސްޕޯޓްސް (ޓީއެންޖީއެސް) އިން ކުރިއަށް ގެންދިޔަ ވާޗުއަލް ކޭމްޕްގެ ބެޗްގެ މަތީ ވަނައެއް ހޯދައި ސްޕެއިނަށް ޓްރެއިނިން ކޭމްޕެއް ދިއުމުގެ ފުރުސަތެއް ވެސް އީތަން ހޯދި އެވެ.
މި އަހަރުގެ މާޗް މަހު މާލޭގައި ކުޅުނު ސާފް 20 އަހަރުން ދަށުގެ ޓީމުގައި ވެސް އީތަން ވަނީ ހިމެނިފަ އެވެ.
އެފްއޭއެމްގެ ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރަނީ، ނިއުގެ އިތުރުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކެޔޮދޫ، އޮޑި ސްޕޯޓްސް ކްލަބް އަދި، ބުރު ސްޕޯޓްސް ކްލަބް އެވެ. މުބާރާތް ފަށާނީ މާދަމާ ހަވީރު މާޒިޔާ އާއި ޓީސީ ކުޅޭ މެޗުންނެވެ. އަދި، މާދަމާރޭ ބުރު އާއި ކެޔޮދޫ ކުޅޭނެ އެވެ. އަދި، އާދިއްތަ ދުވަހުގެރޭ އޮޑި އާއި ނިއު އިން ވާދަކުރާނެ އެވެ.
ޔޫތު މުބާރާތުގައި ނިއު ރޭޑިއަންޓްގެ ކެޕްޓަނަކީ އީތަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ