ޒަޕޯޕާން، މެކްސިކޯ (ޖޫން 26). - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިނާ ދެކޮޅަށް އުރުގުއޭ އިން ކުޅޭ މެޗު އެ ޓީމުން ނަގާނީ ފައިނަލެއްގެ ގޮތުގައި ކަމަށް އުރުގުއޭގެ ކޯޗު، އާޖެންޓީނާގެ ތަޖުރިބާކާރު، މާސެލޯ ބިއެލްސާ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ އުރުގުއޭ އަށް މި ފަހަރުގެ މުބާރާތުގަައި އަދި މޮޅެއް ނުލިބެ އެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއާ 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ކޭޕް ވާޑްއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ.
ގްރޫޕް އެޗް އިން ގަދަ 32 ޓީމުގެ ބުރަށް ދަތުރުކުރުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް އެބައޮތެވެ. އެ ގޮތުން، އެއް ވަނައިގައި މި ވަގުތު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ސްޕެއިން އޮތްއިރު، ދެ ވަނައިގައި އޮތް އުރުގުއޭ އާއި ތިން ވަނައިގައި އޮތް ކޭޕް ވާޑް އަށް ވަނީ ދެ މެޗުން ދެ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ސައުދީ އަރަބިއްޔާ އަށް ވަނީ ދެ މެޗުން ޕޮއިންޓެއް ލިބިފަ އެވެ.
ސައުދީ އަރަބިއްޔާ އިން މިރޭ ކޭޕް ވާޑްއާ ކުޅޭއިރު، ސްޕެއިނާއި އުރުގުއޭ އިން ކުރިމަތިލާނެ އެވެ.
ކުރިން ގިނަ ގައުމުތަކެއްގައި ކޯޗިން މަސައްކަތް ކޮށްފައިވާ ބިއެލްސާ ބުނީ، ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފުރަތަމަ ދެ މެޗުގައި ސައުދީ އާއި ކޭޕް ވާޑާ ކުޅުނުއިރު ސްޕެއިނަށް ވީ ގޮތާ ބެހޭގޮތުން، ވާހަކަ ދައްކައި އެ ހަނދާންތައް އާ ކުރުމުގެ ފައިދާއެއް ނެތް ކަމަށެވެ.
"ކުރިއަށް އޮތް މެޗު (ސްޕެއިން މެޗު) އަހަރެމެން މި ނަގަނީ ފައިނަލެއްގެ ގޮތުގައި،" ބިއެލްސާ ބުންޏެވެ.
މީގެ 16 އަހަރު ކުރިން ބިއެލްސާ ކޯޗުކޮށްދިން ޗިލީ ވަނީ ވޯލްޑް ކަޕްގައި ސްޕެއިނާ ކުޅެފަ އެެވެ. ބިއެލްސާ ބުނީ ސްޕެއިނަކީ ބޯޅަ ހިފަހައްޓައިގެން މެޗުގެ ކޮންޓްރޯލް ނަަގައިގެން ކުޅުމުގެ ސަގާފަތެއްގެ މައްޗަށް ޓީމު ބައްޓަން ކުރާ ޓީމެއް ކަމަށެވެ. އެހެންކަމުން، ސްޕެއިނާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ ގޭމް އެންމެ ރަނގަޅަށް ނުގެންދެވޭނެ ގޮތްގޮތަށް ތައްޔާރުވުން މުހިންމު. ކަމަށް ބިއެލްސާ ގަބޫލުކުރެ އެވެ.
"އެންމެ ރަނގަޅަށް ޑިފެންޑް ކުރެވޭނެ ގޮތަކީ، އަހަރެމެން އަތުގައި ބޯޅަ ބާއްވައިގެން ކުޅެވޭނެ ވަގުތު ގިނަކޮށްގެން،" ސްޕެއިނުގެ އެތުލެޓިލް ބިލްބާއޯ އަށް ކުރިން އިރުޝާދުދިން ބިއެލްސާ ބުންޏެވެ.
ބިއެލްސާ ވަނީ ސްޕެއިނުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ އާއި އެ ޓީމުގެ ތަރި ލަމީން ޔަމާލް އަށް ތައުރީފުކޮށްފަ އެވެ. އަދި، ޑެ ލަ ފުއެންޓޭ ކުޅުވާ ސިސްޓަމުގައި ޔަމާލަކީ ކޮންމެ ވަގުތެއްގައި ވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރާނެ ކުޅުންތެރިއެއް ކަމަށް ބިއެލްސާ ވަނީ ފާހަގަކޮށްފަ އެވެ.
ޑެ ލަ ފުއެންޓޭ ވަނީ، އޭނާގެ ކޯޗިން ކެރިއަރުގެ ކުރީކޮޅުގައި ބިއެލްސާގެ ޓްރެއިނިންތައް ބަލައިގެން ގިނަ ކަންތައްތަކެއް ދަސްކޮށްފަ އެވެ. އެއީ، މީގެ 16 އަހަރު ކުރިން، ބިއެލްސާ، ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯގައި ހުރިއިރު އެވެ. އަދި، ބިއެލްސާގެ ޓްރެއިނިން ކަންތައްތަކުގެ ފައިދާ، އޭނާ ސްޕެއިނުގެ ޔޫތު ޓީމުތަައް ތައްޔާރުކުރިއިރު ވަރަށް ބޭނުންހިފުނު ކަމަށް ވެސް ޑެ ލަ ފުއެންޓޭ ވަނީ ބުނެފަ އެވެ.
"އަހަރެން ބިއެލްސާގެ މަސައްކަތަށް ވަރަށް އިހުތިރާމް ކުރަން،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިނާއި އުރުގުއޭ ކުޅޭ މެޗު ފަށާނީ މިރޭ ފަތިހު 5 ޖަހާއިރު އެވެ.
ސްޕެއިނާ ކުޅޭ މެޗު އުރުގުއޭ އިން ނަގަނީ "ފައިނަލް" އެއް ގޮތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ