އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ދިދަ ނަގައިފި

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ހަރުގެ، ދަނޑިކޮށި ޖަހައިގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފި އެވެ. 
މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އަދި މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ އެވެ. 
މި ރަސްމިއްޔާތަށްފަހު އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ކޭކެއް ވެސް ވަނީ ފަޅާފަ އެވެ. ރަސްމިއްޔާތުގައި އެމްޑީޕީ ލީޑާޝިޕްގައި ހިމެނޭ އެކި ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވި އެވެ. 
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި އެމްޑީޕީގެ ހަރުގެތަކުގައިވެސް އަހަރީ ދުވަހުގެ ދިދަ ނެގުމާއި އެކި ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ރާވާފަ އެވެ. 
އިބުރޭ ވިދާޅުވީ ޕާޓީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި އެކި ހަރަކާތްތައް ކުރިއަށް އޮތް އެއް އަހަރު ދުވަސްވަންދެން ރާވައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. 
އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން އިންތިޒާމުކޮށްގެން މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގޭގައި ލައިވް މިއުޒިކާއެކު ބޮނޑިބަތް ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ