ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލްކުރުމުގެ ބޭނުމުގައި މި ސަރުކާރުން ތައާރަފުކޮށްފައިވާ 'މޯލްޑިވްސް 2.0' ޕްރޮޖެކްޓްގެ ތެރެއިން އީ-ވޯޓިން ނިޒާމެއް ރާއްޖެއަށް ގެންނަން ނޫޅޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ހިދުމަތްތައް ޑިޖިޓަލްކޮށްގެން ކުރިއަށްގެންދާނެ ގާނޫނީ އިޖުރާއަތްތައް ބަޔާންކުރާ ދެ ބިލެއް މަޖިލީހަށް ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅައިފަ އެވެ. އެ ދެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އެއީ އީ-ވޯޓިން ނިޒާމު ގެނެސްގެން ވޯޓުގައި މަކަރު ހަދަން ވެގެން ސަރުކާރުން ކުރާ ކަމެއް ގޮތުގައި ތުހުމަތުކުރައްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެ ތުހުމަތުތަކަށް ރައީސް ރައްދު ދެއްވީ، ޕީއެސްއެމުން ރޭ ގެނެސްދިން 'ނޭޝަން ޗެޓު'ގައި ޑިޖިޓަލް އިގުތިސޯދެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - "ހަމަ ގައިމު ވެސް ވޯޓުލުން ޑިޖިޓަލްކުރަން ވެގެން ކުރާ ކަމެއް ނޫން މިއީއެއް. އަޅުގަނޑުމެން ނޫޅެން މޯލްޑިވްސް 2.0ގެ ތެރެއިން ރާއްޖޭގައި ވޯޓުލާ ގޮތް އީ-ވޯޓިންއަކަށް ބަދަލުކުރާކަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ހުށަހަޅާނެ އެއްޗެއް ނެތުމުން ކުރާހާ ވެސް ކަމަކީ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުން ކަމަށެވެ. އީ-ވޯޓިން ނިޒާމު ގެންނަން އުޅޭ ކަމަށް ވެސް ބުނީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ އަތުގައި ނެތީ ރައްޔިތުންނަށް އޮފާކުރާނެ އެއްވެސް އެއްޗެއް. އެ މީހުންގެ ކަމަކަށް އޮންނަނީ އަބަދު ވެސް ދޮގުހެދުން. އެ ގޮތަށް ހަދާލި ދޮގެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ތަފްސީލް - ރައީސް ވިދާޅުވި ގޮތުގައި، މޯލްޑިވްސް 2.0 ޕްރޮޖެކްޓްގެ އެންމެ ބޮޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުމެވެ. ހިދުމަތްތައް ޑިޖިޓަލްކޮށް ނިޒާމު އޮޓޮމޭޓްކުރުމަށްފަހު ހިދުމަތް ދިނުމުގައި މީހުންގެ ދައުރު ކުޑަކުރުމުން ކޮރަޕްޝަނަށް އޮންނަ ފުރުސަތު މަދުވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހާއްސަކޮށް ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން އަދި ދެވޭ ހިދުމަތްތަކުގެ ތެރޭގައި. އޮޓޮމޭޓްކުރަމުންދާ ވަރަށް އެ ބައި ދާނީ ނެތެމުން،" ރައީސް ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓްގެ އަނެއް ބޭނުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ޑިޖިޓަލް އިގުތިސޯދެއް ބިނާކޮށްގެން ޒުވާނުންނަށް ހޯދަން މަސައްކަތްކުރާ ފުރުސަތުތައް ފަހިކުރުމަށްޓަކައި، ފަސޭހަކަމާ އެކު ދައުލަތުން ލިބެން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
އެ މަސައްކަތުގެ ތެރެއިން ޕޭޕަލްގެ ހިދުމަތް ވެސް ރާއްޖޭގައި ތައާރަފުކުރެވުނީ މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ.
2.0 ޕްރޮޖެކްޓްގެ ތެރެއިން އީވޯޓިން ނިޒާމު ގެންނާކަށް ނޫޅެން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ