ފިޔޯރީގެ 9 މޭލު ބޭރުން އަތުލި އިރާންގެ ދެ ބޯޓު ދޫކޮށްލައިފި

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް، ގދ. ފިޔޯރީގެ 9 ނޯޓިކަލް މޭލު ބޭރުން އިއްޔެ އަތުލި އިރާނުގެ ދެ މަސްބޯޓު މިއަދު ހެނދުނު ދޫކޮށްލައިފި އެވެ. 
އެމްއެންޑީއެފްއިން ބުނީ މި ބޯޓުތަކުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާތީ އެ ދެ ބޯޓު ދޫކޮށްލީ ކަމަށެވެ. 
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން މި ދެ އުޅަނދު ހުއްޓުވައި ބަލާފާސްކޮށްފައިވަނީ ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން ކަމަށާއި މި ބޯޓުތައް އިރުން ހުޅަނގަށް ދަތުރުކުރަމުން ދަނިކޮށް ހުއްޓުވީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުން ރިޕޯޓްކުރުމާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ރިޕޯޓް ލިބުމާއެކު ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކުރި ނަމަވެސް، ޝައްކުކުރެވޭ ފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 
އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެކެވެ.
މި ބޯޓު އެމްއެންޑީއެފުން ހުއްޓުވައި ގދ. ތިނަދޫ ބޭރަށް ގެންދިޔަ އެވެ. 
މިކަމާ ގުޅިގެން އިތުބާރު ކުރެވޭ މަސްދަރަކުން ބުނީ، މި ދެ އުޅަނދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޑްރަގް ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ އުޅަނދު ކަމަށެވެ. 
"އޭގެ އެއްވެސް އުޅަނދެއްގައި މަހެއް ނެތް. މަސްވެރިކަން ކުރަންދަލެއް އޮތް. މިއީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ އުޅަނދުތަކެއްކަން ބެލެވޭ،" އޭނާ ބުންޏެވެ.
"އެހެންވެ، ރާއްޖޭގެ ސަރަހައްދަށް ހުއްދަ ނެތި ވަނުމުން އެކަން މަސްވެރިކަމާ ގުޅޭ ގާނޫނުގެ ދަށުން ވެސް ތަހުގީގު ކުރެވިދާނެ ވެރިން ބޭނުން ނަމަ." 
މި ބޯޓުތަކުގައި ޒަމާނީ މުއާސަލާތީ ވަސީލަތްތަކާއި، ސްޓާލިންކް ސެޓެލައިޓް ބަހައްޓައިގެން އިންޓަނެޓުގެ ހިދުމަތް ވެސް ހޯދަމުންދާ ކަމަށް އެ މަސްދަރުން ކަށަވަރުކޮށްދެއެވެ.
ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ދެ އުޅަނދެއް ބަނދަރުކޮށްގެން އޮންނަތާ ހަފުތާއެއްވީ ފަހުން ސަލާމަތީ ހިދުމަތްތަކަށް އެކަން އެނގިއްޖެއެވެ. އިންޑިއާގެ ކެޕްޓަނުން ތިބި މި ދެ އުޅަނދު ފާސްކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.
ރާއްޖޭގެ ސަރަހައްދުތައް ބަލަހައްޓަން ރާޑަރުތައް ހަރުކޮށް، އަދި މިފަހުން އަސްކަރީ ޑްރޯންތައް ގެނެސްފައިވާއިރު، މީގެ ދުވަސްކޮޅެއްގެ ކުރިން ވެސް މާލޭ ސަރަހައްދަށް ވަގަށް ވަދެ ދެ ބޯޓެއް ބަނދަރުކޮށްފައި އޮތްކަން އެނގުނީ، އެތަކެތި އޮންނަތާ ހަފުތާއެއް ފަހުންނެވެ.
މިފަހަރު ވެސް އިރާނުގެ ބޯޓުތައް ފާހަގަކޮށް ރިޕޯޓްކުރީ ސަރަހައްދީ ރާޑަރުތަކުން ނުވަތަ ސާވައިލަންސްގެ ތެރެއިންނެއް ނޫނެވެ. އެއީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދިވެހި މަސްދޯންޏަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ