އީރާނާއެކު އެމެރިކާއިން ވެފައިވާ އިބުތިދާއީ އެއްބަސްވުމާއި ޔަހޫދީންގެ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތަކާމެދު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ. ޚިޔާލުގައި އެންމެ ބޮޑު ފަރަގެއް ފެނިގެން ގޮސްފައި ވަނީ ނައިބު ރައީސް ޖޭޑީ ވެންސާއި ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއާ ދެމެދުއެވެ. ދާދިފަހުން ވެންސް ވަނީ ލުބްނާންގެ ޢާންމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް، އެއީ ޔަހޫދީންނަށް ލިބިފައިވާ ޙައްޤެއްގެ ދަށުން ދީފައިވާ ނިރުބަވެރި ޙަމަލާތަކެއްގެ ގޮތުގައި ރޫބިޔޯ ސިފަކުރައްވައެވެ. ދެ ބޭފުޅުންގެ މި ބަސްމަގުން ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އެތެރޭގެ ބައިބައިވުންތައް ސާފުކޮށް ހާމަވެއެވެ.
މި ދެ ބޭފުޅުން ވެސް ފާއިތުވި ހަފުތާގައި ހުޅަނގު އޭޝިިޔާއަށް ރަސްމީ ދަތުރުތަކެއް ކުރެއްވިއެވެ. މަޤުޞަދަކީ، ޖޫން 17 ގައި އެމެރިކާއާއި އީރާނުން ސޮއިކުރި ސުލްޙައިގެ އިބުތިދާއީ އެއްބަސްވުން ދިފާޢުކުރެއްވުމެވެ. ވެންސް ސުވިޓްޒަލެންޑުގައި އީރާނުގެ އިސްވާރުންނާ ބައްދަލުކުރައްވައި ވަރަށް އުންމީދީ މަޝްވަރާތަކެއް ކުރެއްވިއެވެ. އަދި، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނާ މުޢާމަލާތުކުރާނެ އީރާނުގެ ޖާސޫސީ އިދާރާގެ އޮފިޝަލަކު ކަނޑައެޅުމަށް ދަޢުވަތު އެރުވިއެވެ. އަނެއްކޮޅުން އެކުވެރި ޢަރަބި ޢިމާރާތާއި (ޔޫއޭއީ)، ކުވަޔިތާއި ބަޙުރަޔިނަށް ވަޑައިގަންނަވައި ރޫބިޔޯ ވަނީ ގަލްފުގެ ޤައުމުތަކުގެ މަޞްލަޙަތު އެމެރިކާއިން ޙިމާޔަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، ހަނގުރާމައިގައި އީރާނަށް ލިބިފައިވާ މާއްދީ ގެއްލުންތަކުން އަރައިގަނެ، އަލުން އާރާސްތުކުރުމަށް އެމެރިކާއިން އެކުލަވައިލުމަށް ނިންމާފައިވާ ފަންޑަށް ގަލްފުގެ ޤައުމުތަކުން ޚަރަދުކުރުމުގެ ޚިޔާލާ ދެކޮޅުކަން އޭނާ ހާމަކުރެއްވިއެވެ.
މި ޚިޔާލުތަފާތުވުންތައް ދޮގުކޮށް ވައިޓް ހައުސްއިން ބުނީ، ޓްރަމްޕްގެ ފަހަތްޕުޅުގައި އޭނާގެ ސަރުކާރުގެ ވެރިން ސާބިތުކަމާއެކު ތިއްބެވި ކަމުގައެވެ. ވައިޓް ހައުސްގެ ތަރުޖަމާނުން ވިދާޅުވީ، ނިއުކްލިޔަރ ހަތިޔާރެއް ހޯދުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ހުރިހާ އިސްވާރުން ވެސް އެއްބަސްވާ ކަމުގައެވެ. ނަމަވެސް، މިނިވަން ދާރިސުން ދެކޭގޮތުގައި ވެންސްއާއި ރޫބިޔޯ ތަމްސީލުކުރައްވަނީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ތެރޭގައި އޮތް ވާދަވެރި ދެ ފިކުރެކެވެ. ބޭރުގެ ހަނގުރާމަތަކަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި ވެންސް ދެކެވަޑައިގަންނަވާއިރު، ރޫބިޔޯއަކީ އަބަދު ވެސް ޔަހޫދީންގެ މަޞްލަޙަތު ދިފާޢު ކުރައްވާ، ޔަހޫދީންގެ ހަރުކަށި ފިކުރަށް ތާޢީދުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
މި ދެ ބޭފުޅުންނަކީ ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ، ޕާޓީގެ މުސްތަޤްބަލާ ގުޅިފައިވާ ދެ އިސްވާރުންނެވެ. ދާދިފަހުން ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ޚިޔާލުހޯދުމުގެ ވޯޓެއްގެ ބައިވެރިންގެ ތެރެއިން %52 މީހުން ވަނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ބާރުވެރިކަން ގަދަވެފައިވާ ކަމަށް ޤަބޫލުކުރާ ކަމުގައި ބުނެފައެވެ. ނަމަވެސް، ޓްރަމްޕް ނިންމެވި ހުރިހާ ބޮޑެތި ނިންމެވުންތަކަށް ފުރިހަމައަށް ތާޢީދުކުރައްވާ ކަން ވެންސްއާއި ރޫބިޔޯ ވަނީ ފާހަގަކުރައްވާފައެވެ. ރޫބިޔޯ ވިދާޅުވީ، ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ސަރުކާރުގެ އެންމެން ވެސް އިސްކަންދެނީ ޓްރަމްޕްގެ އިރުޝާދުތަކަށް ކަމުގައެވެ.
އީރާން މައްސަލައިގައި ޓްރަމްޕްގެ ސަރުކާރުގެ ދެބައިވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ