ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހުރި ދަތިތައް ފިލުވައި ހޮސްޕިޓަލްތަކުގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޞިއްޙީ ދާއިރާގައި ކުރިއަށް ގެންދާ އެކި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެމަސައްކަތްތައް ލަސްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތައް މިމަހު އަލުން ފެށުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް ވިދާޅުވިއެވެ.
"މި ދައުރުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ. މިހާރު ހުރި ހޮސްޕިޓަލްތަކަކީ ރީޖަނަލް ހޮސްޕިޓަލް ފެންވަރުގައި ހުރި ތަންތަން. ޞިއްޙީ ޚިދުމަތް ދޭ ތަންތަނަކީ އެކި ފެންވަރުގައި އެކި ޚިދުމަތް ދޭ ތަންތަން. ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ބަދަލުކުރުމަށް ބުނެފިނަމަ އެ ފެންވަރަށް ގެނައުމަށް މަސައްކަތް ކުރާނެ." ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތަކަށް އަލި އަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ ހއ. ހޯރަފުށީގެ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއަޓާއަށް އަދި ތުޅާދޫ ހޮސްޕިޓަލް އަންނަ އަހަރުގެ ފުރަތަމަ ކުއަޓާއަށް ނިންމާލެވޭނެކަމަށެވެ. އަދި ށ. ގޮއިދޫއާއި ކަނޑިތީމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރުމަށް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް މިދައުރުގެ ތެރޭގައި އެމަސައްކަތް ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހިންމަފުށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށާއި، އެ މަރުކަޒު އަޕްގްރޭޑް ކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ގީލާ ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ކުރަން ހުރި މަސައްކަތްތައް އޯގަސްޓް މަހުގެ ތެރޭގައި ފަށާނެކަަމަށް ވިދާޅުވެފައެވެ.
މިދިޔަ މެއި މަހު ޞިއްޙީ ވުޒާރާއިން ދެއްވި މަޢުލޫމާތަށް ބަލާއިރު އުމްރާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މިހާރު 159 މަޝްރޫޢުގެ މަސައްކަތް ޞިއްޙީ ދާއިރާއިން ކުރިއަށްދެއެވެ. މިމަސައްކަތުގެ ތެރެއިން މުޅިން އަލަށް 39 ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި، 94 ޞިއްޙީ މަރުކަޒަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އިމާރާތްތައް އިތުރު ކުރުމުގެ އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެފައިވެއެވެ. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމަށް ބަލާއިރު، ޢުމްރާނީގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ތަރައްޤީ ކޮށްފައިވަނީ ދުރުރާސްތާ ޕްލޭނެއް ނެތި، އެދުވަސްވަރެއްގައި ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރު ކުރުމުގެ ވިސްނުމެއްގައެވެ. އެއީ، ދެމެހެއްޓެނިވި ގޮތެއް ނޫންކަމުން މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޖާގައެވެ. އެހެންކަމުން ރަށްރަށުގައާއި މާލެ ސަރަޙައްދުގައިވެސް އިތުރު ހޮސްޕިޓަލްތަކާއި، ޖީޕީ ކްލިނިކްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހޮސްޕިޓަލްތަކުގެ މަސައްކަތް މިދައުރު ތެރޭގައި ނިންމާލެވޭނެ: ވަޒީރު ޤީލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ