އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުުމަކީ ދިވެހީންގެ ތަނަވަސްކަމަށް ކޮންމެހެން ބޭނުންޖެހިފައިވާ ކަމެއް: ނަޝީދު

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީއަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ސިޔާސީ މާހައުލަށް ބޮޑު ބަދަލެއް ބޭނުންވެފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުކޮށް، ގައުމަށް ޒަމާނީ ބަދަލުތައް ގެނައި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
ވަކިން ހާއްސަކޮށް، 2008 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުއަސާސީ ދިވެހީންނަށް ހޯދައިދިނުމުގައި އެންމެ އިސް އަދި އެންމެ ބޮޑު ދައުރެއް އަދާކުރީ އެމްޑީޕީންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، 2008ގެ ގާނޫނުއަސާސީގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގޮންޖެހުންތަކުން އަރައިގަތުމަށް ޓަކައި، ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖަހަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،“ ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
މިއަދު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ފަތިހު ވަނީ އެމްޑީޕީ ހަރުގޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ