ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އެކުއެޑޯ އިން ފަހަތުން އަރައި ޖަރުމަނު ބަލިކުރި މެޗަށް ފަހު، އެ ޓީމުގެ ކުޅުންތެރިން ފާޅުކުރި ޝުއޫރުތަކާ މެދު އެއްބަސްވެވެން ނެތް ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.
ރޭ އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތްއިރު ވެސް ޖަރުމަނަށް އޮތީ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ދެ ވަނަ ބުރު ޔަގީންވެފަ އެވެ. އެއީ، ފުރަތަމަ މެޗުގައި ކިއުރުސާއޯ އަތުން 7-1 އިން އަދި ދެ ވަަނަ މެޗުގައި އައިވަރީ ކޯސްޓު އަތުން 2-1 އިން މޮޅުވެފައިވާތީ އެެވެ. ރޭގެ މެޗުގައި ލެރޯއި ސާނޭ، ދެ ވަނަ މިނިޓްގައި ޖެހި ލަނޑުން ޖަރުމަނުން ލީޑުނެގި ނަމަވެސް، އެކުއެޑޯ އިން ވަނީ ނިލްސަން އަންގޫލޯ އާއި ގޮންޒާލޯ ޕްލާޓާގެ ލަނޑުތަކުން ޖަރުމަނު ބަލިކޮށްފަ އެވެ.
މެޗަށް ފަހު، ޖަރުމަނުގެ ކެޕްޓަން، ޖޯސުއާ ކިމިކް އާއި ޑެނިސް އުންޑާވް އަދި ޖަމާލް މުސިއާލާ ވަނީ މެޗުގައި ފެނުނު ކަންތައްތަކާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، އެ ތިން ކުޅުންތެރިން ވެސް ފާހަގަކުރި އެއް ކަމަކީ، މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި ވިސްނައިގެން، ޖަރުމަނަށް ވުރެން ބޮޑަށް އެ އަށް ގަދައަޅާ މަސައްކަތް ކުރީ އެކުއެޑޯ އިން ކަމަށެވެ.
ކުޅުންތެރިންގެ މި ވާހަކަތަކަށް އެއްވެސް ވަރަކަށް ތާއީދު ނުކުރެވޭ ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.
"އަހަރެން ގަބޫލެއް ނުކުރަން އެކުއެޑޯ އިން އަހަރެެމެންނަށް ވުރެން ރަނގަޅަށް މޮޅުވާން މަސައްކަތް ކުރީއޭ ބުނާ ބުނުމަކަށް،" ނާގަލްސްމަން ބުންޏެވެ.
ނާގަލްސްމަން ބުނީ، މެޗަށް ނުކުތްއިރު ވިސްނުން އޮތީ މޮޅުވެ، ރަނގަޅު ރެކޯޑަކާ އެކު ނޮކައުޓް ބުރަށް ދިއުމަށް ކަމަށެވެ. އަދި، މެޗު ފަށައިގެން ލީޑެއް ލިބުނު ނަމަވެސް ދެން ޖަރުމަނުން ހަދަން ފެށީ ވަރަށް ބޮޑެތި ގޯސްތަކެއްކަން ނާގަލްސްމަން ވަނީ ފާހަގަކޮށްފަ އެވެ.
"ލަނޑު ޖެހުމަށް ފަހު ޓެކްޓިކަލީ އަހަރެމެން ހަދަމުން ދިޔައީ ބޮޑެތި ގޯސްތަކެއް. އެއީ މެޗު އަހަރެމެންނަށް އުނދަގޫވި ހިސާބަކީ. ތެދެއް، އެކުއެޑޯ އަށް އޮތީ ހުރި ހުރިހާ ކަމެއް ހުސްކޮށްލައިގެން ވެސް މެޗު ނެގުން. އެއީ އެ މީހުން ރޭވިފައި އޮތް ގޮތަކީ ވެސް. އެކަމަކު، އަހަންނަށް ނުބުނެވޭނެ އަަހަރެމެންގެ ކުޅުންތެރިން މޮޅުވާން ބޭނުންވާ މިންވަރު ކުޑައެކޭ،" ނާގަލްސްމަން ބުންޏެވެ.
ޖަރުމަނުން ރޭގެ މެޗުން ބަލިވުމާ އެކު، އެ ޓީމުން ދަމަހައްޓަމުން އައި 11 މެޗުގެ ބަލިނުވުމުގެ ރެކޯޑަށް ނިމުން އައީ އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުން ޖާގަ ހޯދައި ޖަރުމަނުން 2014 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ގްރޫޕް ސްޓޭޖު ފަަހަނައަޅައިވަނީ ގޮސްފަ އެވެ. މީގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ޖަރުމަނު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޖަރުމަނުން ގަދަ 32 ޓީމުގެ ބުރުގައި ކުޅޭ ޓީމެއް އެނގޭނީ ހުރިހާ ގްރޫޕެއްގެ ކުޅުން ނިމުމަށް ފަހު އެވެ. އެއީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމަކާ ކުޅެން ޖެހޭތީ އެވެ.
ބަލިވި މެޗުގައި ޖަރުމަނު ކުޅުންތެރިންގެ ވިސްނުމާއި ކޯޗު ދެކޭގޮތް ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ