މިއަދުގެ ރީތި ތާރީހުގައި މާލޭގައި 50 ކައިވެންޏެއް ކުރަނީ

މިއަދަކީ މި އަހަރުގެ ކަލަންޑަރުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އަދި "ރީތި" ތާރީހުތަކުގެ ތެރެއިން ދުވަހަކަށް ވުމާއެކު، މިއަދު ފެމިލީ ކޯޓުގައި 50 ކައިވެންޏެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.
ފެމިލީ ކޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ތާރީހު ކަމަށްވާ 26-06-26 ގައި ކުރުމަށް ހަމަޖެހިފައިވާ 50 ކައިވެނީގެ ތެރެއިން 11 ކައިވެނި ކުރާނީ ކޯޓުގައެވެ. އަދި ބާކީ 39 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުން ބޭރުގައެވެ. މިއީ ހަމައެކަނި ފެމިލީ ކޯޓުން މިއަދު ކޮށްދިނުމަށް ތާވަލުކޮށްފައިވާ ކައިވެނިތަކުގެ އަދަދެވެ.
ރާއްޖޭގައި ވެސް ރީތި ތާރީހުތަކުގައި ކައިވެނިކުރަން ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން، މިދިޔަ އަހަރުގެ އެންމެ ރީތި ތާރީހު ކަމަށް ބެލެވުނު 25-05-25 ގައި ވެސް މާލޭގައި 59 ކައިވެނި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ހިސާބުތަކުން ދައްކައެވެ.
ކައިވެނި ކުރާ ފަރާތްތަކުން މިފަދަ ތާރީހުތައް އިހްތިޔާރު ކުރަނީ އެ ދުވަހުގެ ހާއްސަކަމާއި، ކައިވެނީގެ ތާރީހު ހަނދާން ބަހައްޓަން ފަސޭހަ ކުރުމުގެ ބޭނުމުގައެވެ. މިއަދު ގިނަ އަދަދެއްގެ ކައިވެނިތައް ކުރިއަށްދާއިރު، މިއީ އާންމު ދުވަސްތަކާ އަޅާބަލާއިރު ނިސްބަތުން ގިނަ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ