އިންޑިއާގެ ވެރިރަށް ދިއްލީގައި ބަހެއްގެ ތެރޭގައި އަންހެނަކު ގްރޫޕް ރޭޕްކުރިތާ 13 އަހަރު ފަހުން، އިންޑިއާގެ އުތުރުގެ ބިހާރު ސްޓޭޓުން އެފަދަ ރަހުމުކުޑަ އިތުރު ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ. ކުޑަ ހަތަރު ކުދިންގެ މައެއް ކަމަށްވާ އަންހެނަކަށް ހަމަލާދީފައިވަނީ އޭނާގެ އަމިއްލަ ގޭގެ ތެރޭގައެވެ.
ރޭޕްކުރުމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާ ގޮތުގައި، އެއީ ހަމައެކަނި ޖިންސީ ގޯނާގެ މައްސަލައެއް ނޫނެވެ. އެއީ އިންޑިއާގެ އަވަށްތަކުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ އަންހެނުންނަށް ފުލުހުންނާއި ސިއްހީ އިދާރާތަކުން ކުރިމަތިވާ ފަރުވާކުޑަކުރުމާއި، އިހުމާލުވުމުގެ ހިތާމަވެރި މިސާލެކެވެ.
އިންޑިއާގެ ގާނޫނުތައް ހުންނަގޮތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންގެ ނަން ހާމަކުރުމަކީ މަނާކަމަކަށްވާތީ، މި ރިޕޯޓްގައި އެ އަންހެން މީހާއަށް ބޭނުންކޮށްފައިވާ ނަމަކީ "ސަމާ" އެވެ.
އުމުރުން 28 އަހަރުގެ ސަމާ ބުނިގޮތުގައި، އޭނާގެ އަމިއްލަ ގޭގައި ހުއްޓާ ފިރިހެނުންގެ ގްރޫޕަކުން ވަދެ އޭނާ ރޭޕްކޮށް، އޭނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް އެކި ބާވަތުގެ ތަކެތި ވަނީ ބާނާފައެވެ. ހާދިސާ ހިންގާފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ އެންމެ ފަގީރު ތަރައްގީގެ އަސަރުކުޑަ ގޮތުން ސަރަހައްދެއް ކަމަށްވާ ބެގުސަރާއީގެ އަވަށެއްގައެވެ.
މައްސަލަ މުޅި އިންޑިއާގެ ސަމާލުކަމަށް އައީ، ރޭޕްވެފައިވާ ސަމާގެ ހަށިގަނޑުގެ ތެރެއަށް ފާޑުފާޑުގެ ތަކެތި ގަދަކަމުން ބާނާފައިވާކަން ހޮސްޕިޓަލުގެ ލިޔެކިޔުންތަކުން ކަށަވަރުވުމުންނެވެ. ސަމާގެ ހަށިގަނޑުގެ ތެރެއިން ޑޮކްޓަރުން ނެގި ތަކެތީގެ ތެރޭގައި ވަޒަނެއްގެ ހުސް ދޯރިއެއް ވެސް ހިމެނެއެވެ.
ސަމާ ކިޔައިދިން ގޮތުގައި، އޭނާ ދިރިއުޅޭ އެއް ކޮޓަރީގެ ގޭގެ ބޭރުގައި ހުންނަ ފާހާނާއަށް ދިޔަ ވަގުތު ފަސް ފިރިހެނަކު ގަދަކަމުން އެތަނަށް ވަނެވެ. އެ ފާހާނާގައި ދޮރެއްގެ ބަދަލުގައި ހުންނަނީ ހަމައެކަނި ފޮތިގަނޑެކެވެ. "އެމީހުން އަހަރެންގެ އަންނައުނު ބާލުވައި، އަނގަ ބަންދުކޮށް، ދެއަތް އައްސާލި. އަހަރެން ސަލާމަތްވާން މަސައްކަތް ކުރުމުން ތޫނު އެއްޗަކުން އަހަރެންގެ މޭގައި އަޅައި ޒަހަމްކޮށް ރޭޕްކުރި،" އޭނާ ބުންޏެވެ.
ސަމާގެ ފިރިމީހާ ފުރަތަމަ ހީކުރީ ފާހާނާ ތެރެއިން އިވޭ އަޑަކީ ބުޅަލެއްގެ އަޑު ކަމަށެވެ. ނަމަވެސް ޝައްކުވެގެން ބަލަން ދިޔައިރު، ގޭގެ ދޮރު ހުރީ ބޭރުން ތަޅުލާފައެވެ. އަވަށްޓެރިއަކު އައިސް ދޮރު ހުޅުވުމުން، ސަމާ އޮތް ހާލަތު ފެނި އެންމެންނަށް ރޮވުނެވެ.
ބެގުސަރާއީގެ ފުލުހުންގެ އިސްވެރިޔާ މަނީޝް ވިދާޅުވީ، މެޑިކަލް ރިޕޯޓުން ޖިންސީ ގޯނާކޮށްފައިވާކަން ކަށަވަރުވާ ކަމަށެވެ. މައްސަލާގައި ތުހުމަތުކުރެވޭ ފަސް މީހުންގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހާއްސަ ޓީމަކުން ކުރަމުންދާ ކަމަށް މަނީޝް ވިދާޅުވިއެވެ.
ނަމަވެސް، ސަމާއަށް ހާދިސާ ހިނގި ރޭ ފުލުހުންނާއި ސިއްހީ އިދާރާތަކުން އެހީތެރިކަން ލިބުނީ ވަރަށް އުނދަގުލުންނެވެ. ސަމާގެ ފިރިމީހާ، ހޭނެތިފައި އޮތް އޭނާގެ އަންހެނުން ގޮވައިގެން 3 ކިލޯމީޓަރު ދުރުގައި ހުރި ފުލުސް އޮފީހަށް ދިއުމުން، މައްސަލަ ބަލައިގަތުމަށް ފުލުހުން ދެކޮޅު ހެދިއެވެ. އަދި އޭނާ ގޮވައިގެން ޑޮކްޓަރަށް ދިއުމަށް ބުންޏެވެ. މި އިހުމާލާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ރަޖީވް ކުމާރު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
އޭނާއަށް ސިއްހީ ފަރުވާ ހޯދުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އަމިއްލަ ކްލިނިކަކުން ފަރުވާ ދޭން ދެކޮޅު ހެދުމުން، ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންދެވުނެވެ. ނަމަވެސް އެތަނުން ވެސް ފުރަތަމަ މައްސަލަ ސީރިއަސްކޮށް ނުބަލައި، އޭނާ ގެއަށް ފޮނުވާލީއެވެ.
ދެވަނަ ފަހަރަށް ހޭނެތިގެން ހޮސްޕިޓަލަށް ގެންދިއުމުން ވެސް ކަންތައްވީ އެހެންނެވެ. އެންމެ ފަހުން އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެއް އޮތްކަން އެނގުނީ އަވަށުގެ ތަޖުރިބާކާރު ފޫޅުމަޔަކު އޭނާ ބަލާފައި ބުނުމުންނެވެ. އޭގެ ފަހުން ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާގެ ހަށިގަނޑުން ވަޒަނެއްގެ ދޯރިއެއްގެ އިތުރުން އެހެން ބައެއް ތަކެތި ވެސް ޑޮކްޓަރުން ނެގިއެވެ.
މި ހާދިސާގެ ސަބަބުން 2012 ވަނަ އަހަރު ދިއްލީގައި ހިނގި ހިތްދަތި ހާދިސާގެ ހަނދާންތައް އާވެ، އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފައެވެ. 2012 ގެ ހާދިސާއާ ގުޅިގެން އިންޑިއާގެ ގާނޫނުތައް ހަރުކަށި ކުރި ނަމަވެސް، އަދިވެސް އަހަރަކު 30،000 އަށްވުރެ ގިނަ ރޭޕްގެ މައްސަލަ އިންޑިއާގައި ރިޕޯޓްކުރެވެއެވެ.
އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޔޯގީތާ ބަޔާނާ ބުނިގޮތުގައި، މިއީ އެއްވެސް އިބުރަތެއް ހާސިލުނުވާކަމުގެ ހެއްކެކެވެ. "މިފަދަ ކަންކަން ހުއްޓުވުމަށް އޮތް ބިރުވެރިކަން މުޖުތަމައުގެ ތެރޭގައި އަދިވެސް އުފެދިފައެއް ނުވޭ،" އޭނާ ބުންޏެވެ.
މިހާރު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ސަމާ ބުނީ، އޭނާ އެންމެ ކަންބޮޑުވަނީ އޭނާގެ ކުދިކުދި ދަރިންނާ މެދު ކަމަށެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ރަނގަޅުވެގެން ދަރިންގެ ގާތަށް ގެއަށް ދިއުމަށެވެ.
ރަހުމުކުޑަ ރޭޕެއް | އައުވީ 2012 ގެ ނިރްބަޔާ ރޭޕްކޭސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ