ރާއްޖެއަށް އެހެން ވެރިކަމުގެ ނިޒާމެއް ގެންނަން ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް

ރާއްޖެއަށް އެހެން ނިޒާމެއް ގެންނަން ބޭނުންވިއަސް ރައްޔިތުން އެ ގޮތް ބޭނުންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޭޝަން ޗެޓު ޕޮޑްކާސްޓުގައި ރައީސް ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ރޭ ވާހަކަފުޅުދައްކަވާފައެވެ. ރައީސް ވިދާޅުވީ އިދިކޮޅުން އެފަދަ ވާހަކަތައް ދައްކަވަމުން ގެންދަވަނީ އިދިކޮޅުގައި ވެރިކަން ބޭނުންވާ މީހުން ގިނަވުމުން ކަމަށެވެ. އެހެންކަމުން އެންމެންނަށް މަގާމުތައް ދޭން ޖެހޭ ކަމަށާއި އެހެންކަމުން ރައީސްކަމާއި ބޮޑުވަޒީރުކަން ފަދަ މަގާމުތައް ބޭނުންވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި އޮންނާނީ ކޮން ނިޒާމެއްކަން ރައްޔިތުން ވަރަށް ސާފުކޮށް ނިންމާފައިވާ ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމުން ގައުމަށް ވާނެ ގޮތް ރައްޔިތުންނަށް އިނގޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ބަރުލަމާޏީ ނިޒާމު އޮތުމުން ވާނެ ގޮތް ފެންނަ ކަމަށާއި، އަހަރަކު އެއް ފަހަރުވެސް ރައްޔިތުން ގާތުން ނާހާ ބޮޑުވަޒީރު ބަދަލުވެދާނެ ކަމަށެވެ.
ރާއްޖޭގައި އޮތީ މުޅިން އެއްކޮށް ރިޔާސީ ނިޒާމެއް ނޫން ކަމަށާއި، އެހެންނަމަވެސް ރިޔާސީ ނިޒާމުގެ ސިފަތައް ބޮޑަށް އެކުލެވޭ، ބަރުލަމާނީ ނިޒާމުގެ ސިފަތައްވެސް ހިމެނޭ ހައިބްރިޑް ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ނިޒާމު އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާފައި ކަމަށާއި އަދި ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި ޔުނިޓަރީ ދައުލަތެއް އޮންނަ ކަމަށް ގާނޫނުއަސާސީގައި ވެސް ކަނޑައަޅާފައި އޮންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ އެއްބައިވަންތަ، އެއްބައެއްވަންތަ އެއް ބަހަކުން ވާހަކަދައްކާ އެއް ދީނެއްގެ ބައެއްކަން ފާހަގަކޮށް އެކަން އެގޮތުގައި އޮންނަން ރައްޔިތުން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިތަނަށް އެހެން ނިޒާމެއް ގެނެސް އެކަން ބަދަލުކުރަން ބޭނުންނުވާކަމަށް ރައީސް ވިދަޅުވިއެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސް ވާހަކަފުޅުދައްކަވާފައިވާއިރު، އެމްޑީޕީގެ ޗެއާ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިކަމާއި ގުޅިގެން ދާދިފަހުން ޕޯސްޓެއް ކުރައްވާފައެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، އިނގިރޭސި ބޮޑުވަޒީރު އިސްތިއުފާ ދެއްވި ނަމަވެސް އެ ގައުމުގައި އާ އިންތިހާބެއް ނުބާއްވާނެ ކަމެވެ. ބޮޑު ވަޒީރަކީ އެންމެ ގިނަ މަޖިލިސް ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަސް އަހަރުގެ ދައުރަކަށް ސަރުކާރު ހިންގަން ލިބިފައި އޮންނާނީ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ޕާޓީ އިސްތިއުފާ ދެއްވީމާ ނުވަތަ ޕާޓީ މެންބަރުން، ޕާޓީގެ ލީޑަރު ވަކިކުރުމުން ދެން ސަރުކާރުގެ ވެރިޔަކަށް ވާނީ ޕާޓީން ހޮވާ އާ ލީޑަރު ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ލީޑަރަކަށް ވެވެނީ މަޖިލިސް މެމްބަރަކަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޗެއާޕާސަން ކެމްޕޭނުގައި ހުށަހެޅުއްވި ”ބޮޑު ބަދަލު“ގައި ހުށަހަޅާފައިވާ އެއް އަސާސީ ސިފައަކީ ސަރުކާރުގެ ވެރިޔާ އަކީީ ރައްޔިތުންގެ ވޯޓު އިންތިހާބު ކުރަންޖެހޭ މީހަކަށް ވުންް ކަމަށެވެ.
ރައީސް ނަޝީދު ވަރަށް ބޮޑަށް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ރާއްޖެއަށް ވެސް އެންމެ ކަމުދާނެ ނިޒާމަކީ ބަރުލަމާނީކަން ފާހަގަކުރައްވާފައެވެ. މީގެ ކުރިން މި ނިޒާމާއި ގުޅިގެން މަޖިލީހުގައިވެސް ބަހުސްތައް ކުރެވިފައިވާއިރު، ރައީސް ނަޝީދުގެ ރިޔާސަތުގައި އެކަމާއި ގުޅިގެން މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހުތަކެއް ހުށައެޅުމުގެ ވާހަކަވެސް ދެކެވުނެވެ.
ބަރުލަމާނީ ނިޒާމަކީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ޕާޓީއަކުން އައްޔަންކުރާ ބޮޑުވަޒީރަކު ސަރުކާރުގެ ވުޒާރާތަކާއި ހަވާލުވެ ހުންނަ ވެރިކަމުގެ ނިޒާމެކެވެ. ބަރުލަމާނީ ނިޒާމަކީ ދުނިޔޭގެ އާބާދީ ބޮޑެތި ގައުމުތަކުގައި ވެރިކަން ކުރަމުންދާ ނިޒާމެކެވެ.
ބަރުލަމާނީ ނިޒާމުގައި ރައީސަކު ހުންނަނީ ގާނޫނު އަސާސީގައި އެކަން ބަޔާންކޮށްފައިވާތީއެވެ. ބަރުލަމާނީ ނިޒާމުގައި ރައީސަކީ ސަރުކާރުގެ ވުޒާރާތައް ހިންގުމުގެ ބަދަލުގައި ދައުލަތާއި ހަވާލުވެ ހުންނަ ފަރާތެކެވެ. އެ ނިޒާމުގައި ސަރުކާރު ހިންގުމުގެ ބާރުތަކުގެ ވެރިމީހަކީ ބޮޑުވަޒީރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ