ވައިބާއަށް ޗެޓްޖީޕީޓީގެ ފީޗާތައް ތައާރަފްކޮށްފި
މަޝްހޫރު މެސެޖިން އެޕްލިކޭޝަން ރާކުޓެން ވައިބަރ އާއި އޯޕަންއޭއައި ގުޅިގެން، ޗެޓްޖީޕީޓީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ވައިބަރ އެޕްލިކޭޝަނަށް ސީދާ އިންޓަގްރޭޓް ކޮށްފިއެވެ. މި ފަހުގެ އަޕްޑޭޓާ އެކު، ވައިބަރ ބޭނުންކުރާ ފަރާތްތަކަށް އެހެން އެޕްލިކޭޝަނަކަށް ނުގޮސް ސީދާ ވައިބަރގެ ތެރެއިން އޭއައިގެ ގިނަ އެހީތެރިކަމެއް ލިބިގެންދާނެއެވެ. މި ބަދަލާ އެކު ވައިބަރ ތެރޭގައި ޗެޓްޖީޕީޓީއާ ސީދާ ވާހަކަދެއްކޭ ގޮތަށް ޚާއްޞަ ޗެޓް ޓެބެއް ނުވަތަ ކޮންޓެކްޓެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ގްރޫޕް ޗެޓްތަކުގައި ހުންނަ ދިގު މެސެޖުތަކާއި ހިއްސާކުރާ ލިންކުތަކުގެ ޚުލާސާއެއް ވަގުތުން ބަލައިލެވޭ "އޭއައި ސަމަރީސް" ފީޗާ ވެސް ވަނީ ތައާރަފްކޮށްފައެވެ. ފޮނުވަން ބޭނުންވާ މެސެޖުތައް ރީތިކޮށް، ފުރިހަމަ އިބާރާތުން ބަދަލުކޮށްލުމަށް "އޭއައި ޕޮލިޝް" ބޭނުންކުރެވޭއިރު، އެކި ބަސްބަހުން އަންނަ މެސެޖުތައް ވަގުތުން ތަރުޖަމާ ކުރުމުގެ ޤާބިލުކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ގްރޫޕް ޗެޓްތަކުގައި މެސެޖު ކުރާއިރު @ChatGPT ޖަހާލުމުން ގްރޫޕަށް ޖީޕީޓީގެ އެހީތެރިކަން ލިބިގެންދާއިރު، އޭއައިގެ އެހީގައި ފޮޓޯތަކަށް ބަދަލު ގެނެސް އެޑިޓް ކުރެވޭ "އިމޭޖް ރީމިކްސް" ފީޗާ ވެސް ވަނީ ހިމަނާފައެވެ. https://sun.mv/222788 މި ފީޗާތައް ބޭނުންކުރުމަށްޓަކައި ޗެޓްޖީޕީޓީ އެކައުންޓެއް ކޮންމެހެން އޮންނާކަށް ނުޖެހެއެވެ. ނަމަވެސް އަމިއްލަ އެކައުންޓް ލިންކް ކޮށްލުމުން ދުވާލަކު ބޭނުންކުރެވޭ ލިމިޓް އިތުރުވެގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. ވައިބަރ އަށް ޗެޓްޖީޕީޓީގެ މި ޚިދުމަތްތައް ރަސްމީކޮށް ތައާރަފްކުރަން ފަށާފައިވަނީ 22 ޖޫން 2026 ގައެވެ. އެންމެ ފުރަތަމަ މި ފީޗާ ދޫކޮށްފައިވަނީ ޔޫކްރެއިން ފަދަ ޔޫރަޕްގެ ބައެއް ޤައުމުތަކަށެވެ. އޭގެ ފަހުން 24 ޖޫން 2026 ގައި ފިލިޕީންސް ހިމެނޭ ގޮތަށް އޭޝިއާގެ ޤައުމުތަކަށް މި ޚިދުމަތް ރަސްމީކޮށް ފުޅާކޮށް، މީޑިއާތަކަށް ވަނީ އިއުލާންކޮށްފައެވެ. މި އާ ޚިދުމަތްތައް ބޭނުންކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުގައިވާ ވައިބަރ އެޕްލިކޭޝަން އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކޮށްލަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ