ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް

ރައްޔިތުންގެ ބަހެއް ނެތި ސަރުކާރު ބަދަލުވާ ނިޒާމެއް ދިވެހިން ބޭނުންނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮންނަން ބޭނުންވާ ނިޒާމު ރައްޔިތުން އޮތީ ވަރަށް ސާފުކޮށް ނިންމާފައި ކަމަށާއި ބަރުލަމާނީ ގެނައިމާ ރާއްޖެއަށް ވާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ބަރުލަމާނީ ނިޒާމު އޮވެގެން ވަމުންދާ ގޮތް ފެންނަމުން އެބަދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަހަރަކު އެއްފަހަރު ވެސް ބަދަލުވެދާނެ ބޮޑުވަޒީރު، ދެން ރައްޔިތުން ކައިރީ އަހާލުމެއް ނެތް އެ ބޮޑުވަޒީރު ބަދަލުވީ. ދެން އަނެއްކާ އެހެން  މީހަކާ ހަވާލުވާންވީ، އެހެންވީމާ އެކަލަހަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީއެއް،" ވެރިކަން ހިންގާނެ ނިޒާމު ކަނޑައެޅި އިރު ރައްޔިތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ވެސް އޮތީ ސާފުކޮށް ރިޔާސީ ނިޒާމެއް ނޫނެވެ. މިއީ ރިޔާސީ ސިފަތައް އެކުލެވޭ، ކޮންމެވެސް ވަރަކަށް ބަރުލަމާނީ ސިފަތައް ވެސް އެކުލެވޭ "ހައިބްރިޑް ނިޒާމެއް" ކަމަށް  ވެސް އެމަނިކުފާނު ވިދާޅުިވި އެވެ."އެހެންވީމާ މި ނިޒާމު މިއޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާފައި. އެހެންވީމާ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާ ގޮތް މިއީ،" ރައީސް ވިދާޅުވި އެވެ.މީގެ ކުރިން 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓަކުން ރިޔާސީ ނިޒާމަކަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމީ ރިޔާސީ ނިޒާމެއްގެ ހުރި ފައިދާތަކަށް ރައްޔިތުން ހޭލުންތެރިވެ ތިބެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުންގެ ބަހެއް ނެތި، ސަރުކާރުގެ ވެރިޔާ އެހާ ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ބަރުލަމާނީ ނިޒާމެއް ބޭނުން ނުވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ."މި ނިޒާމު މި އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމާފައި އޮތީ،" ރައީސް ވިދާޅުވި އެވެ.ރާއްޖެއަކީ އާބާދީ ކުޑަ ގައުމަކަށް ވާތީވެ، ޔުނިޓަރީ ދައުލަތުގެ ސިފަ އާއި "އެއްބައިވަންތަކަން" ގެއްލޭނެ ގޮތަކަށް ނިޒާމަށް އިތުރު ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ބޭނުން ނުވާނެ ކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވަ އެވެ.އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމަށް ވަޑައިގެންނެވީ ރާއްޖެއަށް ގެންނަވަން އެމަނިކުފާނު ތަސައްވުރު ކުރައްވާ ބޮޑެތި ބަދަލުތަކެއް ހިމެނޭ މެނިފެސްޓޯއަކާ އެކުގަ އެވެ. އެ މެނިފެސްޓޯގައިވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ވެސް ބޮޑަށް ބަރުލަމާނީ ސިފަތަައް އެކުލެވޭ ނިޒާމަކަށް ބަދަލުކުރަން އެމަނިކުފާނު މަސަައްކަތް ކުރައްވާނެ އެވެ.އެކަމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން އެފަދަ ބަދަލެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެޕާޓީގައި ގިނަ ކަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ