ބޯޓަކަށް ހަމަލާދިނުމުން ހޮރްމޫޒްއިން މީހުން ސަލާމަތްކުރުން އދ. އިން ހުއްޓާލައިފި

ހޮރްމޫޒް ކަނޑުއޮޅީގައި ތާށިވެފައިތިބި 11،000 ފަޅުވެރިން ސަލާމަތްކުރުމަށް އދ.އިސްވެ އޮވެ ކުރަން ފެށި މަސައްކަތް މެދުކަނޑާލައިފިއެވެ.
އަވަސް ކްރޫޒް އެކްސްޕޯޓް ނުވަތަ މަނަވަރުތައް ބޭރުކުރުމުގެ މަސައްކަތް އދ. އިން މެދުކަނޑާލީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓަކަށް ހަމަލާއެއް ދީފި ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެންނެވެ. މިއާއެކު އީރާނުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ ވަގުތީ އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އޮމާން ކައިރިން ދަތުރުކުރަމުންދިޔަ ސިންގަޕޫރުގެ "އެވަރ ލަވްލީ" ނަމަކަށް ކިޔާ މި ބޯޓަށް ހަމަލާދީފައިވަނީ ޑްރޯންއަކުން ކަމަށް ބެލެވޭ ކަމަށް ސަލާމަތީ ބާރުތަކުން ބުނެއެވެ. މި ހަމަލާގެ ޒިންމާ އެމެރިކާގެ އޮފިޝަލުން އަޅުވަނީ އީރާނުގެ ބޮލުގައެވެ. ހަމަލާގެ ކުޑަވަގުތުކޮޅެއް ކުރިން އީރާނުން ވަނީ އެގައުމުން ހުއްދަ ނުދޭ ރޫޓުތަކުން ދަތުރު ނުކުރުމަށް އިންޒާރުދީފައެވެ.
އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އިން ބުނިގޮތުގައި، މި މަސައްކަތް ވަގުތީގޮތުން މެދުކަނޑާލީ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހަނގުރާމައިގެ ސަބަބުން އެތައް ސަތޭކަ ބޯޓަކާއި އެތައްހާސް ފަޅުވެރިންނެއް އެ ސަރަހައްދުގައި ތާށިވެފައިވެއެވެ. އައިއެމްއޯ އިން ކުރިއަށްގެންދިޔަ ސަލާމަތީ ދަތުރުތަކަކީ އޮމާން އަދި އީރާނުގެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ދަތުރުތަކެކެވެ.
މި ހަމަލާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 1.9 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މިއީ ހޮރްމޫޒް ކަނޑުއޮޅިން ތެލުގެ މުއާމަލާތްތައް އާންމު ހާލަތަކަށް އައުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ. ހަނގުރާމައިގެ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި ކަނޑުއޮޅިންނެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަލްފް ގައުމުތަކަށް ކުރި ދަތުރުގައި ބުނީ އީރާނުން ދަތުރުފަތުރަށް ހުރަސްއަޅާނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނަނީ ކަނޑުއޮޅީގެ ކޮންޓްރޯލް އޮންނާނީ އެމީހުންގެ އަތްމަތީގައި ކަމަށާއި، އެމީހުން ކަނޑައަޅާ މަގުތަކުން ނޫނީ ދަތުރު ނުކުރެވޭނެ ކަމަށެވެ.
މި ހަމަލާގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ ކުރިމަތިވެފައެވެ. ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް މި މައްސަލަ ބޮޑުވެފައިވާއިރު، އެމެރިކާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ހަނގުރާމައަކީ ބޭކާރު ޚަރަދެކެވެ. އަދި ނިއުކްލިއާ މައްސަލައާއި މާލީ އެހީތެރިކަމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ