ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް އިތުރަށް ހަރުދަނާކުރަނީ

ފަންނީ އެކިއެކި އުފެއްދުންތަކަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި އުފައްދާފައިވާ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއޭޓޯލް" އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާއި ޕަބްލިކް ސަރވިސް މީޑިއާ ދެމެދު ޕާޓްނަރޝިޕްއެއް ޤާއިމްކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.
މި އެއްބަސްވުމުގެ ދަށުން، ޕީއެސްއެމްގެ މުއްސަނދި އޯޑިއޯވިޝުއަލް އަރުޝީފާއި މީޑިއާ ވަސީލަތްތައް ކްރިއޭޓޯލްގެ ތެރެއަށް އިންޓަގްރޭޓް ކުރެވޭނެއެވެ.
މި އެއްބަސްވުމަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އާށާއި، ދިވެހިރާއްޖޭގެ އެންމެ ބޮޑު އޯޑިއޯވިޝުއަލް އަރުޝީފު ބަލަހައްޓާ މައި ބްރޯޑްކާސްޓަރުގެ ހައިސިއްޔަތުން ޕީއެސްއެމް އަށް ލިބިފައިވާ ޤާބިލުކަން އެއްކޮށްލުމަށް ވެވުނު އެއްބަސްވުމެކެވެ. މީގެސަބަބުން ދިވެހިރާއްޖޭގެ ތަސްވީރުތައް ނުވަތަ ފޮޓޯގްރަފީ، ސަގާފަތް އަދި ފަންނީ އުފެއްދުންތައް އެއްތަނަކުން ފެންނާނެ މުއްސަނދި ޕްލެޓްފޯމެއް ގާއިމުކުރެވޭނެއެވެ.
ވީއެމްސީން ވިދާޅުވީ މި އިސްނެގުމުގެ ދަށުން، ޕީއެސްއެމްގެ އަރުޝީފުގައި ހުރި އަދި މިހާރުގެ މީޑިއާ ތަކެތީގެ ތެރެއިން ހޮވާލެވޭ ފޮޓޯގްރަފީ، ޑޮކިއުމެންޓްރީ، ތާރީޚީ ފޫޓޭޖް، އިންޓަވިއު އަދި ސަގާފީ ލިޔެކިޔުންތައް ކްރިއޭޓޯލް ޕްލެޓްފޯމަށް ފޯރުކޮށްދެވޭނެކަމަށެވެ. ގިނަ އަހަރުތަކެއްވީ ދިވެހި ތާރީޚާއި، ތަރިކަ ދައްކުވައިދޭ މި ތަކެތި ސިސްޓަމެޓިކްކޮށް ބަލަހައްޓައި، އަސްލު ދިވެހި އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށާއި ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ޚާއްޞަ ޑިޖިޓަލް މާކެޓްޕްލޭސްއެއްގެ ގޮތުގައި އެ ޕްލެޓްފޯމް ޤާއިމްކުރެވޭނެކަމަށް ވީއެމްސީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ