ނޫމަޑި މައްސަލައިގައި ރައީސް މުހައްމަދު މުއިއްޒު ކޯޓުން ސަލާމާތްވެވަޑައިގަތީ ފަނޑިޔާރަކަށް އަށް ލައްކަ ރުފިޔާގެ ރިޝްވަތު ދީގެން ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ތުހުމަތު ކުރައްވައިފި އެވެ.
މި ތުހުމަތަށް މުއިއްޒު އަދި ރައްދެއް ނުދެއްވަ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި މި ބޮޑު ތުހުމަތު ކުރެއްވުމުގެ ކުރިން މި ވާހަކަތަކަކީ ތެދެއް ކަމަށް ކީރިތި ގުރުއާނުގައި އަތްލައްވައި ހުވާކުރައްވަން ވެސް ކެރިވަޑައިގަންނަވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުސައިން ވަހީދުގެ ވާހަކައިގެ ތެރެއަށް ރައީސް ޔާމީން ވަދެވަޑައިގެން، މުއިއްޒު މުސްހަފު ހޯއްދަވާ ގޮތަށް މުސްހަފެއް ހޯއްދަވަނީތޯ ސުވާލު ކުރެއްވުމުން، ހުސައިން ވިދާޅުވީ އެގޮތަށް ނޫން ކަމަށެވެ. އޭނާ ދައްކަވާ ކޮންމެ ވާހަކައަކަށް އަމިއްލައަށް ޒިންމާވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނޫމަޑި މައްސަލައިގައި މުއިއްޒު ދޮގު ހެއްދެވިކަން އެނގޭނެ ކަމަށް ފާހަގަ ކުރައްވަމުން ހުސައިން ވިދާޅުވީ، އެ މައްސަލައިން މުއިއްޒު ސަލާމާތްވެވަޑައިގަތީ ކިހިނެއްތޯ އެމަނިކުފާނުގެ ވަކީލަކާ ސުވާލުކުރެއްވި ކަމަށެވެ.
"އެހީމަ އަޅުގަނޑު ގާތުގައި އޭނަ ބުނި ލާރި ދިނީމައޭ ފަނޑިޔާރަށް. ކިހާވަރެއްހޭ؟ އައް ލައްކަ ރުފިޔާއޭ. މިއީ އަޅުގަނޑުގެ ކައިރީގައި އެ ވަކީލު ބުނި އެއްޗެއް،" ހުސައިން ވިދާޅުވި އެވެ.
ނޫމަޑި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދެއްވި ސްޓޭޓްމަންޓާއި، މަޖިލީހުގައި ދެއްކެވި ވާހަކަ އަދި ކޯޓުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު މުއިއްޒަށް "ކައްޒާބު" ގެ ނަމުން މުހާތަބުކުރަން ޖެހޭ ކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައެއް ހައިކޯޓުގައި ހިނގަމުންދިޔައިރު، އެ ކޯޓުގެ ފަނޑިޔާރަކު ބައްދަލުކުރަން ބޭނުންވެގެން "ޝުއާއު" ކިޔާ މީހަކު މެދުވެރިވެގެން ހުޅުމާލޭގައި ހުރި ތަނަކަށް ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ވަޑައިގަތް ކަމަށެވެ. އެ ބައްދަލުވުމުގައި ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ޔާމީންގެ ކޮޅަށް ނިމެން އެބައޮތް ކަމަށެވެ.
"އަޅުގަނޑު ބުނެފިން ކިހިނެއްހޭ އޮތީ ނިމެއް. އަޅުގަނޑު ހަނދާވާ ގޮތުން ފަސްލައްކަ ރުފިޔާއޭ ބުނީ،" ހުސައިން ވިދާޅުވިއެވެ.
ނަމަވެސް އެ ވާހަކަ ޔާމީނަށް ދެންނެވުމުން، ފައިސާ ދީގެން މައްސަލަ ނިންމަން ޔާމީން ބޭނުން ނުވި ކަމަށް ހުސައިން ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ޑރ. މުއިއްޒާއި ޔާމީނާ ދެމެދު ހުރި ތަފާތެކެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، މިފަދަ ބޮޑު ތުހުމަތެއް ގާނޫނީ ވަކީލު ވިދާޅުވެފައި ނުވާނަމަ ހުސައިން އެފަދަ ވާހަކައެއް ނުދައްކަވާނެ ކަމަށެވެ. އެއާއެކު ހުސައިން ވަނީ އެ ވާހަކަތަކަކީ 100 ޕަސެންޓު ޔަގީން ވާހަކަތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުން އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔަ. އެ ކުންފުނިން އާބިޓްރޭޝަނަށް ދިޔައީ ރައީސް މުއިއްޒުގެ ބައިވެރިވުން އޮވެގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވި.
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ މުއިއްޒުގެ ސަބަބުން ކަމަށް މީގެ ކުރިން ޔާމީން ވިދާޅުވެފައިވެ އެވެ.
ހުސައިން ވަހީދުގެ ބޮޑު ތުހުމަތެއް؛ ނޫމަޑި މައްސަލައިން މުއިއްޒު ސަލާމަތްވީ ފަނޑިޔާރަށް ފައިސާ ދީގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ