އަތޮޅު ކައުންސިލްތައް އުވާލުމުން ޑީޖީން މަގާމުން ވަކިކޮށްފި

އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުރިހާ ޑިރެކްޓާ ޖެނެރަލުން އިއްޔެ މަގާމުން ވަކިކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ އޮފިޝަލަކު "މިހާރު" އަށް ރޭ ވިދާޅުވީ ޑީޖީން މަގާމުން ވަކިކުރީ، އަތޮޅު ކައުންސިލްތައް އުވާލުމުން ކަމަށެވެ. 
އެހެންވެ، ގަވައިދާ އެއްގޮތަށް ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި "ރިޑަންޑެންސީ އިނާޔަތް" ލިބޭ ގޮތަށް ޑީޖީން ވަކިކުރަން ނިންމީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލްތަކުގެ ނިމިދިޔަ ދައުރު ހަމަވުމާ އެކު، އެ ކައުންސިލްތައް އުވޭ ގޮތަށެވެ.
އާ ކައުންސިލަރުން މިިދިޔަ މަހުގެ 17 ގައި ހުވާކުރުމާ އެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި އެ ތަންތަން ބަދަލުކޮށްފައިވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށެވެ. 
ޑިރެކްޓަ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ. 
އަތޮޅު ކައުންސިލް އުވުމާއެކު ޑިރެކްޓަ ޖެނެރަލުންގެ ވަޒީފާ ގެއްލުނަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގެންނެވި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް އަދި އެ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ގޮތަށް ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކޮށްގެން ކަންކަން ހަމަޖެއްސުމަށް މީގެ ކުރިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ