ރާއްޖޭގެ އިގުތިސާދު ޑިޖިޓަލް ކުރުމުގެ މަސައްކަތް: 2030 އަށް 15 ޕަސަންޓު ހާސިލުކުރަނީ މޯލްޑިވްސް ޕްރިމިއަ ބޭންކް މިއަދު ހުޅުވައިފި ލޯކަލް ވެންޑަރުންނަށް 3.3 ބިލިޔަން ރުފިޔާ ދައްކައިފި އެއާ ކާގޯ މެދުވެރިކޮށް މުދާ ގެންނަ މިންވަރު އިތުރުވާން ފަށައިފި: މިނިސްޓ

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ މެއި މަހު ރާއްޖެއިން އެންމެ ގިނައިން ދަޅުމަސް އެކްސްޕޯޓްކޮށްފައިވަނީ ޔޫކޭއަށެވެ. އަދި ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. މެއި މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 98 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މަހުގެ އުފެއްދުންތަކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހު ޔޫކޭއަށް 36 މިލިއަން ރުފިޔާގެ ދަޅުމަސް ބޭރުކޮށްފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ތައިލެންޑަށް ބޭރުކޮށްފައިވަނީ 35 މިލިއަން ރުފިޔާގެ ދަޅުމަހެވެ. މީގެ އިތުރުން ފްރާންސަށް 6 މިލިއަން ރުފިޔާ، އިންޑިއާއަށް 5 މިލިއަން ރުފިޔާ އަދި ޖަރުމަނުވިލާތަށް 4 މިލިއަން ރުފިޔާގެ ދަޅުމަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
މެއި މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 22.5 ޕަސަންޓު އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު 31 މިލިއަން ރުފިޔާގެ ދަޅުމަސް އެކްސްޕޯޓްކޮށްފައިވާއިރު، މެއި މަހު މި އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބާވަތެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ އަގު މިހާރު ކިލޯއަކަށް 18.50 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަގު ކުރިއަށް އޮތް ތަނުގައި 20 ރުފިޔާއަށް އުފުލުމެވެ. އަދި ފިނިކުރި ކަނޑުމަހުގެ އުފެއްދުންތަކުން ރާއްޖެއަށް 27 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ފިނިކުރި މަހުން 18 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ޔޫކޭއިން ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ދެ އަހަރު ދުވަހުގެ މުއްދަތަށް ކަނޑާލާފައިވުމަކީ ރާއްޖޭގެ އެކްސްޕޯޓް އާމްދަނީ އިތުރަށް ބޮޑުވުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ސަރުކާރުން ދެކެއެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ވެސް ޔޫކޭއާއި ބޭރުގެ އެހެން ބާޒާރުތަކަށް ރާއްޖޭގެ ދަޅުމަސް ބޭރުކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ