ސައުތު ރީޖަން ލީގުގެ ޗެމްޕިއަން، ގދ. ގައްދޫ އަތުން 6-0 އިން މޮޅުވެ، މާލެ ރީޖަން ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ބާކީ ދެ މެޗު އޮއްވައި، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ޔަގީންކޮށްފި އެވެ.
ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ހަތަރު ޓީމަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ލިބޭނެ އެވެ. އޭގެ ތެރެއިން ދެ ޖާގަ، ޓީސީ ސްޕޯޓްސް ކްލަބާއި ބިސް ބުރުން މި ވަނީ ޔަގީންކޮށްފަ އެވެ. އެ ދެ ޓީމަށް ވެސް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޯތު ރީޖަން ލީގުގެ ޗެމްޕިއަން، ހއ. ދިއްދޫ އަށް ތިން މެޗުން ހަ ޕޮއިންޓް އަދި ހަތަރެއްގައި އޮތް ގައްދޫ އަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ.
ފަސް ވަނައިގައި އޮތް ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން، ހުރާ އާއި ދިވެހި ޕްރިމިއާ ލީގުގެ ގްރީން ސްޓްރީޓްސް އަށް ތިން މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ކޮލިފިކޭޝަނުގައި މި ދެ ޓީމަށް ފުރުސަތެއް އޮތީ ދެން އޮތް ދެ މެޗުން މޮޅުވެގެންނެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރުން ވަނީ ފުރަތަމަ ހާފުގައި ފަސް ލަނޑު ޖަހައިފަ އެވެ. އެ ގޮތުން، ބިސް ބުރުގެ މުހައްމަދު ނަޝީދު ވަނީ މި ހާފުގައި ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ މިސްރުގެ އާމިރު ޝޮއެއިބް އާއި މަހުމޫދު އަޝްރަފް މުސްތަފާ އެވެ.
ދެ ވަނަ ހާފުގައި ބިސް ބުރުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ނަޝީދު އެވެ. ބިސް ބުރުން މާލެ ރީޖަން ލީގު ކާމިޔާބުކުރި ޓީމުގައި ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ މުހައްމަދު ނަޝީދު އެެވެ.
ބިސް ބުރަށް ކޮލިފިކޭޝަނުގައި ބާކީ އޮތް ދެ މެޗަކީ، ދިއްދޫ އާއި ހުރާއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ.
ދެން، ކޮލިފިކޭޝަނުގެ މެޗުތައް އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އިން ކުޅޭނީ ދިއްދޫއާ އެވެ. އަދި، އެރޭ ހުރާ އާއި ބިސް ބުރުން ވާދަކުރާނެ އެވެ.
ގައްދޫ އަތުން ބޮޑު މޮޅެއް ހޯދައި ބިސް ބުރު ދިވެހި ޕްރިމިއާ ލީގަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ