އިންތިޚާބަށްފަހު ބަންގްލަދޭޝް އިސްކަން ދޭނީ ޗައިނާއާ ގުޅުން ބަދަހި ކުރުމަށް

ބަންގްލަދޭޝްގައި އައު ސަރުކާރެއް އެކުލަވާލުމަށްޓަކައި ބާއްވާ އާންމު އިންތިޚާބު ވޯޓުލުން މިއަދު ކުރިޔަށްދާއިރު ރައްޔިތުންގެ އުންމީދަކީ ކޮރަޕްޝަނުން އެއްކިބާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ ގައުމުގެ އިގްތިސާދު އަލުން ބިނާކޮށްދޭނެ ޕާޓީއެއް ވެރިކަމެއް އައުމަށެވެ. މިކަންވަނީ ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައެވެ. އަނެއްކޮޅުން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދޭހާ ހިނދަކު ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުންތައް ރަނގަޅު ވާނެކަމަކަށް ނުބެލެވެއެވެ. އިންތިޚާބަށްފަހު އެކުލަވާލާ ސަރުކާރުން ބޮޑަށް އިސްކަން ދޭނެކަމަށް ބެލެވެނީ ޗައިނާއާ ގުޅުންތައް ބަދަހި ކުރުމަށެވެ. އެއީ ޗައިނާއަކީ ގައުމުތަކުގެ ދާޚިލީ ކަންކަމާބެހޭ ގައުމަކަށް ނުވާތީއެވެ. މިއީ ބަންގްލަދޭޝްގައި ދިގުމުއްދަތަކަށް ކޮރަޕްޓް ވެރިކަމެއް ކުރެއްވި ޝައިޚް ހަސީނާގެ ވެރިކަން 2024 ވަނަ އަހަރު ވެއްޓިގެން ދިޔުމަށްފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ އާންމު އިންތިޚާބެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ 2021ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: -- ފޮޓޯ/ ރައީސް އޮފީސް މި އިންތިޚާބުގައި ހަސީނާގެ އަވާމީ ލީގު ޕާޓީ ބައިވެރިއެއް ނުވެއެވެ. އެއީ އެޕާޓީ ސަސްޕެންޑް ކޮށްފައިވާތީއެވެ. އެހެންކަމުން އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. އަވާމީ ލީގުގެ ވެރިކަމުގެ ދުވަސްވަރު ނާޖާއިޒު ފައިދާތައް ލިބުނު ފަރާތްތަކާއި ސިޔާސީ މަގާމުތައް އަދާކުރި ފަރާތްތަކުގެ ތާއީދު އެ ޕާޓީއަށް އެބައޮތެވެ. އަދި ކޭންޕެއިންއަށް ޚަރަދު ކުރާނެ ފައިސާވެސް މިދެންނެވި މުސްތަގިއްލު ކެންޑިޑޭޓުންގެ އަތުގައި އެހެން ފަރާތްތަކަށް ވުރެގިނަކަމަށް ވެއެވެ. އެހެންކަމުން މުސްތަގިއްލު ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަ އަވާމީ ލީގުގެ ކެންޑިޑޭޓުންނަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ޕާޓިތަކަށް ބަލާއިރު އެންމެ ގިނަ ގޮނޑި ހޯދާނެކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ދައްކަނީ ކުރީގެ ބޮޑުވަޒީރާ ޚާލިދާ ޒިޔާގެ ބީއެންޕީ އެވެ. ބީއެންޕީ ނުވަތަ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ އައު ޒައީމް ތާރިގް ރަހްމާން ވަނީ ޕާލަމެންޓްގެ ފުރިހަމަ އަޣްލަބިއްޔަތު އެ ޕާޓީއަށް ލިބޭނެކަމާމެދު އެއްވެސް ޝައްކެތްނެތް ކަމަށް ވިދާޅުވެ ބަންގްލަދޭޝްގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީކަމަށްވާ ޖަމާޢަތޭ އިސްލާމީ ޕާޓީ އާއެކު ކޯލިޝަން ހެދުމުގެ ބޭނުން ނެތްކަމަށް ވިދާޅުވެފައެވެ. ޖަމާޢަތޭ އިސްލާމީ ޕާޓީ އަކީ 2001 ން 2006 އަށް ބީއެންޕީން ކުރި ވެރިކަމުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައިވާ ޕާޓީއެކެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެ ޕާޓީއަކީ ބިއެންޕީގެ ވާދަވެރިއެކެވެ. އެޕާޓީގެ ކޮރަޕްޝަން ހާލަތު އެހާ ސާފެއް ނޫނެވެ. ބަންގްލަދޭޝް އަކީ 90 އިންސައްތަ މުސްލިމް ގައުމެއް ނަމަވެސް އެއީ ޒަމާނުއްސުރެ ދީނާއި ދައުލަތް ވަކިކޮށްފައިވާ ސެކިއުލާ ނިޒާމެއް އޮންނަ ގައުމެކެވެ. ޖަމާއަތޭ އިސްލާމީއަށް ވެރިކަން ލިބިއްޖެނަމަ ދީނުގެ ނަމުގައި އަމިއްލަ ހަރުކަށި ގޮތްތައް އެ ޕާޓީން މުޖުތަމައަށް ނެރެފާނެކަމުގެ ބިރު އާންމުންގެ ގިނަ ބަޔަކު އިހްސާސް ކުރެއެވެ. ބަންގްލަދޭޝްގެ ގިނަ މީހުންނަކީ ދީނީ ގޮތުން މެދުމިނުގެ ބައެކެވެ. އިސްލާމްދީނާއި ދީނީ ހަރުކަށިކަމާ ގުޅުންނެތް ނަމަވެސް ދީނުގެ ނަން ކުރިޔަށް ނެރެގެން އުޅޭ ބައެއް ޖަމާއަތްތަކާއި ސިޔާސީ ބައެއް ޕާޓީތަކަކީ ދީނުގެ ނަމުގައި އަމިއްލަ ހަރުކަށި ގޮތްތަކެއް ގެންގުޅޭ ފަރާތްތަކެއްކަމުގެ އިހްސާސް ބަންގްލަދޭޝްގެ އާންމުން ކުރާ ކަމަށްވެއެވެ. އެއްވެސް އިންތިޚާބެއް ޖަމާއަތޭ އިސްލާމީއަށް ކާމިޔާބު ނުކުރެވޭ މައިގަނޑު ސަބަބަކީ މި އިހްސާސްކަމަށް ބަންގްލަދޭޝްގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅެއްކަމަށްވާ އަމާނުﷲ ވިދާޅުވިއެވެ. ހަސީނާގެ ދުވަސްވަރު ޖަމާއަތޭ އިސްލާމީ ޕާޓީ ވަނީ މަނާކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ބަންގްލަދޭޝްގެ އާންމުންގެ ކުރިމަތީގައި އޮތީ މައިގަނޑު ދެ އިޚްތިޔާރެކެވެ. އެއީ ކޮރަޕްޝަންގައި ނަން މަޝްހޫރު ޕާޓީއެއްކަމަށްވާ ބީއެންޕީއަށް ވޯޓު ދިނުން ނޫނީ ދީނުގެ ނަމުގައި ހަރުކަށި ގޮތްތަކެއް ގެންގުޅޭ ޖަމާޢަތޭ އިސްލާމީ ޕާޓީއަށް ވޯޓު ދިނުމެވެ. ހާލިދާ ޒިއާ (ވ) އަދި އޭނާގެ ދަރިފުޅު ތާރިގް ރަހްމާން(ކ) - ގިނަ ބަޔަކަށް މިދެގޮތްވެސް ކަމުދާކަމަށް ނުވެއެވެ. ނަމަވެސް ބީއެންޕީ އަކީ ޖަމާއަތޭ އިސްލާމީއަށްވުރެ ބޮޑަށް މުޖްތަމައުގައި މޫލާފައިވާ ޕާޓީއަކަށްވާތީ އަމާނުﷲ ދެކެވަޑައިގަންނަވާ ގޮތުގައި މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވެނީ ބީއެންޕީންނެވެ. ނަމަވެސް އާދައިގެ އަޣްލަބިއްޔަތަކުންނެވެ. ގާތްގަނޑަކަށް 175 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ 28 އިންސައްތައަކީ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ. ބަންގްލަދޭޝްގެ ޕާލަމެންޓްގައި ހިމެނެނީ 350 ގޮނޑިއެވެ. މީގެތެރެއިން 50 ގޮނޑި ޚާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. ވޯޓުލައިގެން އިންތިޚާބުކުރަނީ 300 ގޮނޑިއަށް 300 މެންބަރުންނެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 127 މިލިއަން މީހުންގެތެރެއިން 49 އިންސައްތައަކީ އަންހެނުންނެވެ. މި އިންތިޚާބުގައި 2000 ކެންޑިޑޭޓުން ވާދަކުރާކަމަށް ވެއެވެ. އެއީ 300 ގޮނޑިއަށެވެ. ކެންޑިޑޭޓުންގެ ތެރޭގައި އަންހެނުންގެ އަދަދަކީ 109 އެވެ. އެއީ ގާތްގަނޑަކަށް ކެންޑިޑޭޓުންގެ ހަތަރު އިންސައްތައެވެ. ޝައިޚް ހަސީނާ ވެރިކަމުން ދުރުކުރުމުގައި އިސް ދައުރެއް އަދާކުރީ ޒުވާނުންނެވެ. ހަސީނާގެ އަމުރަށް ފުލުހުން ބާރުގެ ބޭނުންކުރުމުން މަރުވި ގިނަ މީހުންނަކީ ވެސް ޒުވާނުންނެވެ. މި ޒުވާނުން ވަނީ ބަންގްލަދޭޝްގައި އައު ސިޔާސީ ޕާޓީއެއް އުފައްދާފައެވެ. އެއީ ނެޝަނަލް ސިޓިޒެން ޕާޓީއެވެ. ނަމަވެސް އެ ޕާޓީއަކީ އަދި ބޮޑު އިންތިޚާބެއް ކާމިޔާބު ކުރެވޭ ވަރުގެ ސިޔާސީގޮތުން ތަސައްރަފު ފުދިފައިވާ ޕާޓީއެއް ނޫނެވެ. ނަމަވެސް މި ފަހަރުގެ އިންތިޚާބުގައި ކުރީ އިންތިޚާބުތަކަށްވުރެ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ ވޯޓުލާނެކަމަށް ލަފާކުރެވެއެވެ. ހަސީނާގެ ވެރިކަން ވައްޓާލުމަށް ޓަކައި ޒުވާނުން ނުކުމެ ހިންގި ހަމަނުޖެހުންތަކުގެ އަސަރު ބަންގްލަދޭޝްގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ބަންގްލަދޭޝްއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޓެކްސްޓައިލް އިންޑަސްޓްރީ އޮންނަ ގައުމެވެ. ނަމަވެސް މި ހަމަނުޖެހުންތަކާއެކު ބަންގްލަދޭޝްގެ ޓެކްސްޓައިލް އިންޑަސްޓްރީއަށް އައި ބޮޑު ހީނަރުކަމުން އަދިވެސް އެ ގައުމަށް އަރައިގަނެވިފައި ނުވެއެވެ. މިއާއެކު އިގްތިސާދު ހީނަރުވެ ވަޒީފާ ނެތް މީހުންގެ އަދަދު ގިނަވެ ފަގީރުންގެ ނިސްބަތް ވެސް ވަނީ މައްޗަށް ގޮސްފައެވެ. ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝް ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަތްމިންވަރުވެސް މާބޮޑުކަމަށް އެ ގައުމުގެ އާންމުންނާއި މިހާރުގެ އިންތިގާލީ ސަރުކާރު ދެކެއެވެ. އިންޑިއާއަކީ ސަރަހައްދުގެ ބޮޑު ގައުމު ކަމަށްވާތީ އިންޑިއާގެ ނުފޫޒު ހިނގުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ހަސީނާގެ ވެރިކަމުގައި އިންޑިއާ ވަނީ ނުފޫޒުގެ އިތުރުން ބަންގްލަދޭޝްގެ ދާޚިލީ ކަންކަން ކޮންޓްރޯލް ކުރާ ހިސާބަށްވެސް ގޮސްފައި ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ދެކެ އެކަމާވަނީ ރުޅިއައިސްފައެވެ. ބޭރު ގައުމަކުން އަނެއް ގައުމުގެ ދާޚިލީ ކަންކަން ކޮންޓްރޯލް ކުރާ ހިސާބަށް ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ އެއްވެސް ގައުމެއްގެ ރައްޔިތުން ގަބޫލުކުރާނެކަމެއް ނޫނެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބަށްފަހު ބަންގްލަދޭޝްގައި އެކުލަވާލާ ސަރުކާރުން އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުންތައް އަލުން އިސްލާހުކުރަން މަސައްކަތް ކުރާނެއެވެ. ނަމަވެސް ޝައިޚް ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދޭހާ ހިނދަކު ބަންގްލަދޭޝް އާއި އިންޑިއާގެ ގުޅުންތައް މުޅިން ރަނގަޅު ވާނެކަމަކަށް ނުބެލެވެއެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި އައު ސަރުކާރު ބޮޑަށް އިސްކަން ދޭނީ ޗައިނާއާ ގުޅުންތައް ބަދަހި ކުރުމަށެވެ. އެއީ ޗައިނާއަކީ ގައުމުތަކުގެ ދާޚިލީ ކަންކަމާބެހޭ ގައުމަކަށް ނުވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ