އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި މިއަދު ހެނދުނު ގޮވުންތަކުގެ އަޑާއި ބަޑީގެ ހަމަލާތަކުގެ އަޑު އިވުމަށް ފަހު، އެ ގައުމުގެ ސިފައިން ޕާކިސްތާނުގެ އަސްކަރީ މަތިންދާބޯޓުތަކަށް އަމާޒުކޮށް ހަމަލާދީފި އެވެ.
މިއީ ފަހުގެ ތާރީހެއްގައި މި ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ.
ތޯލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވީ، ކާބުލްގެ މަތިން ޕާކިސްތާނުގެ މަތިންދާބޯޓުތަކެއް ފާހަގަކުރެވުމާ ގުޅިގެން އަފްގާނިސްތާނުގެ ވައިގެ ދިފާއީ ނިޒާމު ހަރަކާތްތެރިކޮށްފައިވާ ކަމަށެވެ.
"ޕާކިސްތާނުގެ މަތިންދާބޯޓުތަކާ ދެކޮޅަށް ކާބުލްގައި ވައިގެ ދިފާއީ ހަމަލާތަކެއް ވަނީ ދީފައި. ކާބުލްގެ ރައްޔިތުން މިކަމާ ކަންބޮޑުވާކަށް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަތިސްވުމުގެ ކުރިން ގޮވުންތަކުގެ އަޑު އިވުމަށް ފަހު ބަޑީގެ ހަމަލާތަކުގެ އަޑު ވަނީ އިވިފަ އެވެ. ނަމަވެސް މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަން އަދި ސާފެއް ނުވެ އެވެ.
މި ކުރިމަތިލުންތައް ހިނގާފައި މިވަނީ، ޕާކިސްތާނުން އަފްގާނިސްތާނުގެ ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާދޭތާ ހަފުތާއެއް ފަހުންނެވެ. ޕާކިސްތާނުން ބުނާ ގޮތުގައި، އެ ހަމަލާތަކަކީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.
ނަމަވެސް އަފްގާނިސްތާނުން ވަނީ މިއީ އެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ޕާކިސްތާނުން ތުހުމަތުކުރާ ފަދައިން ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ)ގެ ހަނގުރާމަވެރިންނަށް އަފްގާނިސްތާނުން ހިމާޔަތްދޭ ކަމަށް ކުރާ ތުހުމަތުތައް އެ ގައުމުން ދޮގުކުރެ އެވެ.
ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުގައި، މި ހަމަލާތަކުގައި އަފްގާނިސްތާނުގެ ފާރަވެރިވާ މަރުކަޒުތަކާއި ކޭމްޕުތައް ވަނީ ހަލާކުކޮށްލާފަ އެވެ. ދެ ފަރާތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް، މި ތަފްސީލުތައް މިނިވަން ފަރާތްތަކުން އަދި ކަށަވަރެއް ނުކުރެ އެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހަވާޖާ މުހައްމަދު އާސިފް މި ހާލަތު ސިފަކުރެއްވީ ފާޅުކަން ބޮޑު ހަނގުރާމައެއްގެ ގޮތުގަ އެވެ. އަދި އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު ސިރާޖުއްދީން ހައްގާނީ އިންޒާރު ދެއްވީ މި ހަމަނުޖެހުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ 2,600 ކިލޯމީޓަރުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ މި ހަމަނުޖެހުންތަކުގެ ސަބަބުން، ދިގުދެމިގެންދާ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.
ސައުދީ އަރަބިއްޔާ، ގަތަރު، ޗައިނާ، ރަޝިޔާ، ވިލާތުގެ އިއްތިހާދު އަދި އދ. އިން ވަނީ ދެ ފަރާތުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައި މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅާފަ އެވެ. އެމެރިކާއިން ބުނެފައިވަނީ ޕާކިސްތާނުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އެ ގައުމަށް އޮތް ކަމަށް ތާއީދުކުރާ ކަމަށެވެ.
އަފްގާނިސްތާނާއި ޕާކިސްތާނުގެ ހަމަނުޖެހުންތައް ގޯސްވެ، ޖެޓްތަކަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ