ޚާމަނާއީ އަވަހާރަކޮށްލުން: ރައްދު ނުދޭން އެމެރިކާއިން އީރާނަށް އިންޒާރު ދެނީ

އެމެރިކާއާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުން ބަދަލުހިފުމުގެ ގޮތުން އެއްވެސް ހަމަލާއެއް ދީފިނަމަ "ދުވަހަކު ވެސް ނުދެކޭފަދަ" ބާރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ދެއްވައިފިއެވެ. އިއްޔެ ދިން ހަމަލާތަކަށްފަހު، އީރާނުގެ އަސްކަރިއްޔާއިން ބަދަލުހިފާނެކަމަށް ބުނުމާ ގުޅިގެން، ރައީސް ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތު ސޯޝަލް' ގައި ވަރަށް ހަރުކަށި ބަޔާނެއް ނެރުއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން އެމެރިކާގެ އެއްވެސް ތަނަކަށް ނުވަތަ މީހަކަށް ހަމަލާދީފިނަމަ، އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "އީރާނުން އެބަ ބުނޭ އެމީހުން މިއަދު ވަރަށް ވަރުގަދައަށް ޖަހާނެކަމަށް. އެ މީހުން އެކަން ނުކުރުން މާ ރަނގަޅުވާނެ. ސަބަބަކީ އެމީހުން އެކަން ކޮށްފިނަމަ، އަހަރެމެން އެ މީހުންނަށް ރައްދުދޭނީ މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާހާ ވަރުގަދަ ބާރަކުން،" ކަމަށެވެ. https://www.sun.mv/218527 މީގެއިތުރުން، ޚާމަނައީ އަވަހާރަވުމަކީ އީރާނުގެ ރައްޔިތުންނަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި އެމެރިކާގެ އަސްކަރީ ބާރުގެ ބޭނުންކޮށްގެން އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަށް އިތުރު ހަމަލާތައް ދިނުމަށް ފަސްނުޖެހޭނެކަންވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. މި ބަޔާނާއެކު މެދުއިރުމަތީގެ މަސްރަހު ވަނީ އިތުރަށް ނުތަނަވަސްވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މިއަދު ހެނދުނު ވަނީ، އުމުރުފުޅުން 86 އަހަރުގެ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި މެދުއިރުމަތީގައި ހިނގި އެންމެ ބޮޑު ސިޔާސީ އަދި އަސްކަރީ ހާދިސާއެވެ. ޚާމަނައީ އަވަހާރަކޮށްލާފައިވަނީ ތެހެރާނުގައި ހުންނަ އޭނާގެ ރަސްމީ އޮފީހަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ ސަރުކާރުން ވަނީ 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް އިއުލާނުކޮށްފައެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ އެމެރިކާއާއި އިސްރާއީލުގެ ކިބައިން "ހިތި ބަދަލެއް" ހިފާނެކަމަށް ބުނެ އިންޒާރު ދީފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، މިއީ ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ފަދަ ނުރައްކާތެރި ދަނޑިވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ