އެމްޑީޕީން މިދިޔަ 3 އޮކްޓޯބަރުގައި ބޭއްވި އެއްވުމާއި ގުޅުވައި، އޭގެ ފަސް މަސް ފަހުން އެ ޕާޓީގެ މެންބަރުންތަކަކަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވީ، މި މަހު ބާއްވަން އުޅޭ މުޒާހަރާއަށް ބިރުދައްކަން ކަމަށް ބުނެ އެކަން އެމްޑީޕީން މިއަދު ކުށްވެރިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީން މިދިޔަ 3 އޮކްޓޯބަރުގައި މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ގައުމީ މަޖިލީހުގެ މެންބަރަކާއި އަދި ޕާޓީގެ އާއްމު މެންބަރަކު ހިމެނޭހެން ދައުވާކުރަން، މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.
އެ މީހުންނަކީ:
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފު ޒާކިރު؛ މައުރޫފަކީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ)
އެމްޑީޕީގެ އެކްޓިވިސްޓް އަބްދުއްސަލާމް، މާފޮޅޭވިލާ/ނ. ހޮޅުދޫ
އެމްޑީޕީގެ އެކްޓިވިސްޓް އާއިޝަތު ނަޖުދާ އަލީ، ޑިސްކް/ހދ. ކުޅުދުއްފުށި
އެ މީހުންނަށް ދައުވާކޮށްދޭން އެދުނު ސަބަބަކީ، މުޒާހަރާގައި ފުލުހުން ދިން އިރުޝާދާ ހިލާފަށް އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ހިނގާލުން ގެންދަން އުޅުނު ކަމަށް ބުނެ އެވެ.
ބުނީ ކީކޭ؟ - އެކަން ކުށްވެރިކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ގާނޫނުއަސާސީން ލިބިގެންވާ ކަމަށެވެ.
މިދިޔަ 3 އޮކްޓޯބަރުގައި އެ ޕާޓީން ބޭއްވި އެއްވުމަކީ އެ މިނިވަންކަމުގެ ބޭނުންހިފައި، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނަގަހައްޓައި ދިފާއުކުރުމުގެ ނިޔަތުގައި، މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް، ސުލްހަވެރިކަމާ އެކު އެއްވުމުގެ ގޮތުން ބޭއްވި ސުލްހަވެރި ސިޔާސީ އެއްވުމެއްކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.
އެމްޑީޕީން ބުނީ:
އެ އެއްވުމަށް ސަރުކާރުން ހުރަސްއެޅުމަށް، ފުލުހުން މެދުވެރިކޮށް އެކި ގޮތް ގޮތުން މަސައްކަތްކޮށްފައިވާ ކަމާ އަދި އެތަނުގެ ސުލްހަވެރިކަން ގެއްލުވާލުމަށް މަސައްކަތްކޮށް، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމާއި، އަނިޔާވެރިކަމާ އެކު އެތައް ބަޔަކު ހައްޔަރުކުރި ތަން ރައްޔިތުންނަށް ފެނިފައިވޭ
އޭގެ 5 މަސް ފަހުން، އެ މުޒާހަރާއާ ގުޅުވައި އެ މުޒާހަރާގައި ބައިވެރިވި މި ޕާޓީގެ މެންބަރުންނަށް ދައުވާކޮށްދޭން އެދުނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ކުރަމުންދާ ކެމްޕޭނަށް ހުރަސްއެޅުމަށް
އެއީ ރާއްޖޭގެ އިންތިހާބީ ނިޒާމު ގަޑުބަޑުކުރުމަށް ނަގަން އުޅޭ އާއްމު ވޯޓާ ދެކޮޅަށް މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވާ މީހުން މަދުކުރުމަށް ހިންގާ ބިރުދެއްކުމުގެ އަމަލެއްކަން ފާހަގަކުރި
"[ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރަމެވެ. އަދި މި ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން ހަނދާންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ.
އެނގުން މުހިންމު - އޮކްޓޯބަރުގައި ބޭއްވި އެ މުޒާހަރާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެކަމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ފަހުން ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ނިންމާފަ އެވެ.
3 އޮކްޓޯބަރު މުޒާހަރާއާ ގުޅުވައި ދައުވާކުރަން އުޅެނީ ބިރުދައްކަން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ