2 އިންތިހާބު އެއްކޮށްލަން ނަގާ ވޯޓަށް ދިވެހިން ބޮޑުތަނުން ނޫނެކޭ ބުނާނެކަން ޔަގީން: އެމްޑީޕީ

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ފެނޭތޯ ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް، ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާނެކަން ޔަގީންވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އިސްލާހު ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ.
އެހެންވެ، މި މަހުގެ 16ގައި ރައީސް ނެރުއްވި ގަރާރަކުން ވަނީ އަންނަ 4 އޭޕްރީލްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ނިންމާފަ އެވެ.
ބުނީ ކީކޭ؟ - މި ހިޔާލު ހޯދުމުގެ ވޯޓާ ދެކޮޅަށް އެމްޑީޕީން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހަރަކާތް ލީޑުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވީ، އެ ކޮމިޓީގެ މެންބަރުން މިދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ދިވެހީންގެ ރޫހު ހުރި ގޮތް ވަރަށް ބޮޑަށް ދެނެގަނެވިފައިވާ ކަމަށެވެ. 
"މުޅި ރާއްޖޭގެ ރޫހު ހުރިގޮތް އަޅުގަނޑުމެންނަށް މިހާރު ވަރަށް ބޮޑަށް ވަޒަންކުރެވޭ. މި ވޯޓަށް ހަމަ ބޮޑުތަނުން ނޫނެކޭ ބުނާނެކަން އަޅުގަނޑުމެންނަށް ވަރަށް ޔަގީން،" މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ސަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ:
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް
މިފަދަ ގައުމީ ނިންމުމެއް ނިންމުމަށް ކުރާ މަސައްކަތެއްގައި ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތަކުންނާއި ޖަމިއްޔާ ޖަމިއްޔާތަކުން އަދި ފަރުދީ ގޮތުން ވެސް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުން މުހިންމު
އިންތިހާބުތައް ވަކިން ބާއްވަން ޖެހިގެން ނުވަތަ ހަރަދު ބޮޑުވެގެން ކަންބޮޑުވެގެންނެއް ރައްޔިތުންނެއް ނޫޅޭ
އެކަމާ ދެކޮޅަށް އެމްޑީޕީން ކުރަމުން އަންނަ ކެމްޕޭނުގެ ނަތީޖާ ވަަރަށް ރަނގަޅުކަން ފާހަގަކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ