ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފު ޒާކިރާއި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ހިމެނޭ ގޮތަށް އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި ބައިވެރިވި 8 މީހަކަށް ދައުވާކޮށްފި އެވެ.
ވީކިހިނެއް؟ - މި މީހުންނަށް ދައުވާކުރީ، މީގެ ހަތަރު މަހާއި 24 ދުވަސް ކުރިން 3 އޮކްޓޯބަރުގައި އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުން ދިން އިރުޝާދާ ހިލާފަށް އަމީނީ މަގުގެ ބަދަލުގައި މަޖީދީ މަގުން ހިނގާލުން ގެންދަން އުޅުނު މައްސަލާގަ އެވެ.
މިއިން ބައެއް މީހުންނަށް ދައުވާކުރުމަށް ފުލުހުން މިދިޔަ ހަފުތާ ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
ތަފްސީލް - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި، މައުރޫފާއި ޒަހިއްޔާ ހިމެނޭ ގޮތަށް 8 މީހެއްގެ މައްޗަށް ދައުވާކޮށް މިދިޔަ ބުރާސްަފަތި ދުވަހު އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
އެ މީހުންގެ މައްޗަށް ކުރި ދައުވާއަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
މައުރޫފް އާއި ޒަހިއްޔާގެ އިތުރުން މި ދައުވާކުރި މީހުންނަކީ:
އަބްދުއްސަލާމް
މުހައްމަދު ހަމާއިދު އަބްދުލްގަނީ
އަލީ ނައުފަލް
އާއިޝަތު ނަޖުދާ އަލީ
އަލީ މުއައްވަޒު
ހުސައިން ރަޝީދު
ފާހަގަކޮށްލެވޭ - އެމްޑީޕީން މާލޭގައި އެއްވުމެއް ކުރިއަށް ގެންދަން ރާވަމުންދާ ދަނޑިވަޅަކާ ދިމާކޮށް، ކުރީގެ މުޒާހަރާއަކާ ގުޅިގެން އޭގެ މާ ފަހުން، އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް ދައުވާކުރަން އުޅޭތީ އެކަން އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޕާޓީން ބުނި ގޮތުގައި އެކަމަކީ، 21 މާޗުގެ މުޒާހަރާއަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެކެވެ.
އަންނަ 21 މާޗުގައި މުޒާހަރާއެއް ކުރާނެކަން އެމްޑީޕީން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އެ ކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކަކީ ވެސް މެންބަރު މައުރޫފެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ ވޯޓާ ދެކޮޅު ކެމްޕެއިނުގެ ޓާސްކްފޯހުގެ ތަރުޖަމާނަކީ ވެސް މައުރޫފެވެ.
މައި ދެ އިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓު ވެސް އޮތީ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންނަ 4 އޭޕްރީލްގަ އެވެ.
އެނގުން މުހިންމު - 3 އޮކްޓޯބަރުގައި ބޭއްވި އެ މުޒާހަރާ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް، ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ. އެކަމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެހެން ހަތް މީހަކު ހައްޔަރުކޮށް ދައުވާ ކުރަން ވެސް ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ނިންމީ އެ ހަތް މީހުންގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.ޕ
މައުރޫފާއި ޒަހިއްޔާ ހިމެނޭ ގޮތަށް އިދިކޮޅު މުޒާހަރާގައި ބައިވެރިވި 8 މީހަކަށް ދައުވާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ