ނީލްއަށް ގަވައިދުން ފައިސާ ނުލިބޭތީ 'ޔުނިވާސަލް އައިޑޮލް'ގެ ބްރޭންޑް އެމްބެސެޑަރުކަން ދޫކޮށްލައިފި

މިއުޒިކް ރިއަލިޓީ ޝޯ "ޔުނިވާސަލް އައިޑޮލް"ގެ ބްރޭންޑް އެމްބެސެޑަރުގެ މަގާމުން ވަކިވިކަން އެކްޓަރު އަދި ލަވަކިޔުންތެރިޔާ ނީލް ނިތިން މުކޭޝް އިޢުލާނުކޮށްފިއެވެ. އޭނާ މި ނިންމުން ނިންމާފައި އެކްޓަރަށް އެ ބްރޭންޑު ހިންގާ ފަރާތްތަކުން ދޭން އެއްބަސްވި ފައިސާ ނުދިނުމާ ގުޅިގެންނެވެ. ވަރަށް ގިނަ ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ނީލް ދާދިފަހުން އިންސްޓަގްރާމްގައި އެކަން އިއުލާނުކުރަމުން ބުނީ އުޖޫރަ ދޭނެކަމަށް ތަކުރާރުކޮށް ވީ ވައުދުތަކާ "ޔުނިވަރސަލް އައިޑޮލް"އިން ޚިލާފުވެފައިވާ ކަމަށެވެ. ނީލް ތުހުމަތުކޮށްފައިވާ ގޮތުގައި، އުޖޫރައިގެ ގޮތުގައި އޭނާއަށް ދޫކުރި ތިން ޗެކެއް މިހާތަނަށް ވަނީ ބައުންސްވެފައެވެ. "ތަކުރާރުކޮށް ޔަގީންކަން ދީފައިވީ ނަމަވެސް، އަޅުގަނޑަށް ދޭންޖެހޭ ފައިސާ ދީފައެއް ނުވޭ. މިކަމަށް ދޫކުރި ތިން ޗެކެއް ވަނީ ފައިސާ ނެތިގެން އަނބުރާ ފޮނުވާލާފައި. މިއީ އިތުބާރާއި ވެފައިވާ އެއްބަސްވުންތަކާ ޚިލާފުވުމުގެ ސީރިއަސް މައްސަލައެއް. އަޅުގަނޑުގެ ޓީމުންނާއި އަދި އަމިއްލައަށްވެސް މިކަން ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު، ނަމަވެސް އެދެވޭ ނަތީޖާއެއް ނުލިބުނު،" ނީލްގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވެއެވެ. ނީލްގެ އެންމެފަހުން ރިލީޒްވި ފިލްމު ފިލްމު "އޭކް ޗަތުރު ނާރު"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި މައްސަލާގައި ގާނޫނީ ގޮތުން ލިބިދޭންޖެހޭ ހުރިހާ ހައްގުތަކެއްގެ ބޭނުން ހިފުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވާ ކަމަށާއި އެކަން ކުރަން ޖެހިއްޖެނަމަ ފަސްނުޖެހޭނެ ކަމަށް ނީލް ވަނީ ބުނެފައެވެ. ނީލްގެ މި ތުހުމަތުތަކާ ގުޅިގެން "ޔުނިވަރސަލް އައިޑޮލް" އިންތިޒާމުކުރާ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނީލް މިހާތަނަށް މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭ "ޖޯނީ ގައްދަރު"، "ޕްރޭމް ރަތަން ދަން ޕާޔޯ"، "ނިއު ޔޯކް"، "ސާހޯ" އަދި "ގޯލްމާލްއަގެއިން" ހިމެނެއެވެ. ނީލް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އޭކް ޗަތުރު ނާރު"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ